ސިޔާސީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ވެސް ފަށާނެ ކަމަށް ސަރުކާރުން ބުނެފި

ސަރުކާރުން އެކި މަގާމުތަކަށް އައްޔަން ކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދު ވެސް މަދުކުރަން ފަށާނެ ކަމަށް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ. 
މުންދު ގެނެސްދެއްވާ "ޕްރެސް ވިތު ސްޕޮކްސް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މިހާރު ކުރިއަށްދަނީ ސިޔާސީ މުވައްޒަފުންގެ ފެންވަރު ބަލައި އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތް ނިމުމުން މުވައްޒަފުން މަދުކުރަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 
"އިވެލުއޭޓްކުރަނީ ހަގީގަތުގައި ނީޑެޑް ކެޕޭސިޓީ ގެނައުމުގެ ނިއަތުގައި. މިސާލަކަށް އެސްއޯއީތައް ވެއްޖެއްޔާ އޮންނާނެ ވަން ތާރޑް ކަމަށް ބަލާފައި މަދުކުރުން ނުވަތަ އުނިކުރަން. ސަރުކާރުގެ ސިޔާސީ މަގާމުތައް ވަކި އަދަދަކަށް އަޅުގަނޑުމެން ތިރިކުރެވޭތޯ މަސައްކަތް ކުރަނީ. ދެން އެބައި އަންނާނީ. ދެން އަންނާނީ މައުލޫމާތުގެ އަލީގައި ތަންފީޒީ މަސައްކަތް ކުރުން،" މުންދު ވިދާޅުވި އެވެ. 
މި ސަރުކާރުން އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދު 1500 އަށް ވުރެ އިތުރުވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް އެ މައުލޫމާތު ހާމަ ކުރަން ރައީސް މުހައްމަދު މުއިއްޒާއި ސަރުކާރުން ދެކޮޅު ހައްދަވާތީ އަދަދު ޔަގީނެއްނުވެ އެވެ. 
ސިޔާސީ މުވައްޒަފުންގެ ތެރެއިން 500 މީހުން ވަޒީފާއިން ކަނޑާލަން ނިންމާފައިވާ ކަން އޭޕްރީލް، 2026، ގައި ކެބިނެޓުން ހާމަ ކުރި އެވެ. ނަމަވެސް އަދިވެސް އޭގެ އަމަލީ މަސައްކަތެއް ނުފެށެ އެވެ. 
ސިޔާސީ މުވައްޒަފުން ވަކި ކުރުމުގެ ބަދަލުގައި، ސިޔާސީ މައްސަލަތަކުގައި ސަރުކާރުގެ ވަޒީފާގައި ތިބި ގިނަ ދުވަސްވީ މުވައްޒަފުން ދަނީ ވަޒީފާއިން ވަކި ކުރަމުންނެވެ. އޭގެ ތެރޭގައި ސްޓެލްކޯ އާއި މިފްކޯ ފަދަ ތަންތަނުގައި އެތައް ޒަމާނެއް ވަންދެން މަސައްކަތް ކުރަމުން އައި މީހުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ