މާލޭ މީހުންނަށް ގޯތި ދިނުމަށްޓަކައި ހުޅުމާލޭ ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުން މާލޭ މީހުންނަށް ހިލޭ ގޯތި ދިނުމަށް ހިންގާ 'ބިންވެރިޔާ' ސްކީމުގެ ބައެއް ގޯތިތަކަށް، ހުޅުމާލޭގެ ހުޅަނގަށް އޮންނަ ފަޅުން 62.6 ހެކްޓަރުގެ ބިން ހިއްކަން ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވަނީ ހަވާލުކޮށްފަ އެވެ.
ގުޅުންހުރި - އާބަންކޯ އާއި ސީއެމްސީއާ ދެމެދު ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން ހުޅުމާލޭ ފަޅުގެ އިތުރުން ތިލަފުށިން އިތުރު ބަޔަކާއި ދިޔަނެރު ފަޅު ވެސް ހިއްކަން ވަނީ ނިންމާފަ އެވެ.
ތަފްސީލް - ބިން ހިއްކުމުގެ މަސައްކަތް އިއްޔެ ފަށަން ރޭވި ނަމަވެސް، ފަޅު ތެރެއަށް ދޫކޮށްލާފައި ހުރި ބައެއް އުޅަނދުތައް އެ ތަނުން ނުނަގައި ހުރުމުން އެ މަސައްކަތް ފެށުން މިއަދަށް ވަނީ ލަސްވެފަ އެވެ.
ބުނީ ކީކޭ؟ - އާބަންކޯގެ ޕްރޮޖެކްޓް މެނޭޖަރު ހުސައިން ހަނާން އަހްމަދު އިއްޔެ ނޫސްވެރިންނަށް ވިދާޅުވީ، ހުޅުމާލޭ ފަޅު ހިއްކުމުގެ މަސައްކަތް ކުރަން ރާވާފައިވަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެން ކަމަށެވެ.
"ޖުމްލަ 63 ހެކްޓަރުގެ ތެރެއިން [ފުރަތަމަ] މި ހިއްކަނީ 10 ހެކްޓަރު. އެ ބައި ނިމޭ ގޮތަށް ބާކީ ބައި ހިއްކާ ގޮތަށް ކުރިއަށްދަނީ،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ޓާގެޓު ކުރަނީ ފުރަތަމަ ހިއްކާ ބައި 1-2 ހަފްތާގެ ތެރޭގައި ހިއްކާ ނިންމާލަން."
ތަފްސީލު - ކޮންޓްރެކްޓުގައި ހަ ހަފްތާގެ މުއްދަތެއް ދީފައި އޮތް ނަމަވެސް، ހަނާން ވިދާޅުވީ އެއަށް ވުރެ އަވަހަށް މަސައްކަތް ނިންމާލެވޭތޯ ކޮންޓްރެކްޓަރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ ކުރިން އާބަންކޯ އިން އާންމުކުރި ކުރެހުމެއްގައި ވާ ގޮތުން، ހުޅުމާލޭ ފަޅު ހިއްކަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން:
ސްޓޭޖް އެކެއްގައި ހިއްކާނީ 10 ހެކްޓަރު
ސްޓޭޖް ދޭއްގައި ހިއްކާނީ 29 ހެކްޓަރު
ސްޓޭޖް ތިނެއްގައި ހިއްކާނީ 24 ހެކްޓަރު
މާލޭ މީހުންނަށް ގޯތި ދިނުމަށް ހުޅުމާލެ ފަޅު ހިއްކަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ