ޖެމްކިޔު ހިންގަނީ ރާއްޖޭގައި އެކަނި، އިސްކޮށް ތިބީ ހަތް މީހުން

މިހާތަނަށް ހޯދި ހޯދުންތަކުން އެނގޭ ގޮތުގައި, ޖެމްކިޔު އިންވެސްޓްމެންޓް ސްކީމް (ޖީއެމްސީއީ) ހިންގަނީ ރާއްޖޭގައި އެކަނި ކަމަށާއި ބޭރުގެ ބައެއް ގައުމުތަކުގައި ވެސް އެ ސްކީމް ހިންގާ ކަމަށް ދައްކަނީ އޮޅުވާލައިގެން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ޕިރަމިޑް ސްކީމެއްކަމަށް ފުލުހުން ބުނެފައިވާ ޖެމްކިޔުއަށް 40،000 އަށްވުރެ ގިނަ ދިވެހީން ވަނީ އިންވެސްޓްކޮށްފައެވެ. ޖުމުލަ މީހުން އިންވެސްޓްކުރި އަދަދު މިލިއަން ޑޮލަރަށް އަރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ފައިސާ އަނބުރާ ހޯދޭނެކަމުގެ އުންމީދު ވެސް ކުޑައެވެ. ސަން'އަށް ދެއްވި އިންޓަވިއުއެއްގައި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ވެރިޔާ، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ، އެ ސްކީމާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއްވެފައިވާ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން މި ސްކީމް އެހެން ގައުމުތަކުގައި ހިންގާތޯ ވެސް ބަލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/207505 "އިންޓަޕޯލް މެދުވެރިކޮށް ބެލީމައި, އަޅުގަނޑުމެންނަށް ގިނަ ގައުމުތަކުން އެބަހުރި ޖަވާބުދީފައި ނެގެޓިވް ކަމަށް. މާނައަކީ އެ ގައުމުތަކުގައި މި ސްކީމެއް ނެތް،" އޭނާ ވިދާޅުވިއެވެ. ނަވީދު ވިދާޅުވި ގޮތުގައި އެ ކަމުގައި އިސްކޮށް ހަރަކާތްތެރިވާ ހަތް ދިވެއްސެއް ވަނީ ފުލުހުންނަށް ދެނެގަނިވެފައެވެ. އެކަމަކު، އެ މީހުންނާ ދޭތެރޭ މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތުން، މި މައްސަލައިގައި ފުލުހުން މިހާތަނަށް ކުރި ހަމައެކަނި ކަމަކީ މި ސްކީމަކީ ޕިރަމިޑް ސްކީމެއްކަން އާންމުންނަށް އަންގައިދޭން ބަޔާނެއް ނެރުން ކަމަށާއި އިތުރު އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަވީދު ވިދާޅުވީ، މީހުންނަށް އޮޅުވާލައި އެ މީހުންގެ އިތުބާރު ހޯދަން އެއީ ބޭރުގެ އެހެން ގައުމުތަކުގައި ވެސް ހިންގާ ސްކީމެއްކަން ދައްކަން އެ މީހުން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެކަމަކު، އެއީ ފޭކް ފޮޓޯތަކެއް ބޭނުންކޮށްގެން މަކަރާއި ހީލަތުން އޮޅުވާލަން ކޮށްފައިވާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. "މުޅި ސްކީމް މި ހިނގަނީ ޓެލެގްރާމްގައި. ޓެލެގްރާމްގައި އެބަހުރޭ ކަންޓްރީ ވައިސްކޮށް އިންޓަނޭޝަނަލް ވެސް. ހަގީގަތަކީ މިއީ އޮޅުވާލާ އޮޅުވާލުމެއް. ދައްކައިދޭން މި އުޅެނީ އިންވެސްޓަރުންނަށް މިއީ އިންޓަނޭޝަނަލީ ހިންގާ ސްކީމެކޭ. އެއީ، އިތުބާރު ހޯދަން ކުރާ ކަމެއް،" އޭނާ ވިދާޅުވިއެވެ. https://sun.mv/207493 "އަޅުގަނޑުމެން ބެލި އެއްވެސް ދިމާލަކުން އަޅުގަނޑުމެންނަކަށް ނެތޭ މިއީ ބޭރުގެ އެއްވެސް އެހެން ތަނެއްގައި ހިނގާ ސްކީމެއްކަމެއް،" އޭނާ ވިދާޅުވީ، މި ސްކީމްގެ މުއާމަލާތްތައް ހިންގާފައިވަނީ ބޭންކިން ނިޒާމުގެ ތެރެއިން ނޫން ކަމަށެވެ. އަދި، ހުރިހާ މުއާމަލާތެއް ވެސް ކްރިޕްޓޯ ކަރަންސީ މެދުވެރިކޮށް ހިންގާފައިވާތީ އެއް ވޮލެޓުން އަނެއް ވޮލެޓަށް ފައިސާ ގޮސްފައިވާ ގޮތް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. މީގެ އިތުރުން، މި ސްކީމް ހިންގި މީހުން ޖީއެމްސީއީއަކީ އެމެރިކާގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުންފުންޏެއް ކަމަށް ބުނެ ވެސް ފޭކް ރަޖިސްޓްރީއެއް ދައްކަމުން އަންނަ ކަމަށާއި އެއީ އަސްލު ރަޖިސްޓްރީއެއް ނޫންކަން އެމެރިކާގެ އިދާރާތަކުން ކަށަވަރުކޮށްދޭ ކަމަށް ނަވީދު ވިދާޅުވިއެވެ. "މި ސްކީމު ހިންގާ ފަރާތުން ދެއްކި އެ ކުންފުންޏަކީ އެމެރިކާގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެކޭ. އަޅުގަނޑުމެން ތަހުގީގުގެ ފަރާތުން ބެލިން އެއީ ސައްހަ ރަޖިސްޓްރީއެއްތޯ. އެމެރިކާގެ އިދާރާތަކުން ބުނޭ އެއީ ކަނޑައެޅިގެން ސައްހަ ނޫން އެއްޗެއްކަން،" އޭނާ ޔަގީންކޮށްދެއްވިއެވެ. މީގެ އިތުރުން، އޭނާ ވިދާޅުވި ގޮތުގައި މި ސްކީމް ހިންގާ ފަރާތްތަކުން އަންނަނީ އާދަޔާހިލާފު ބޮޑެތި ޕްރޮމޯޝަންތައް މިހާރު ކުރިއަށް ގެންދަމުންނެވެ. އެއީ، މި ފަދަ ސްކީމްތައް 'ގޮވަން' ކައިރިވުމުން ކަންތައްވާ ގޮތް ކަމަށާއި ޖެމްކިޔު ވެސް މިހާރު އެ ދަތުރުކުރަނީ އެ މިސްރާބަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެނގިފައިވާ ގޮތުގައި ޖެމްކިއުއަށް ފައިސާ އަޅައިގެން ތިބި ގިނަ އަދަދެއްގެ މީހުން އަންނަނީ އެ ސްކީމުން ފައިސާ ނުނެގޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރެއިން ފެށިގެން އެ ސްކީމުން ފައިސާ ނުނެގޭ ގޮތް ވަނީ ހަދައިފައެވެ. އެހެންވެ، ގިނަ ބަޔަކު އަންނަނީ ޖެމްކިޔުއަށް އިންވެސްޓްކުރި މީހުންނަށް ޚާއްސަ ޓެލެގްރާމް ގްރޫޕުގައި ނުރުހުން ފާޅުކުރަމުންނެވެ. މީގެ ކުރިން ވެސް މި ގޮތަށް އެތައް ސްކީމެއް ރާއްޖޭގައި ހިންގައިފައި އެބަހުއްޓެވެ. އެފަދަ ސްކީމުތަކަށް އިންވެސްޓް ކޮށްގެން, ފުރަތަމަކޮޅު ފައިސާ ލިބުނު ނަމަވެސް ފަހުން ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުއްޓެވެ. ރާއްޖޭގެ ގާނޫނުގައި މި މައްސަލައަށް ސީދާ ގާނޫނެއް ނެތަސް، "ޕިރަމިޑް ސޭލްސް" ސްކީމްތައް މާނަ ކޮށްދީފައިވާ މާއްދާއެއް ގާނޫނުލް އުގޫބަތުގައި އެބައޮތެވެ. ނަމަވެސް، މިއީ ތަހުޒީބު ގައުމުތަކުގައި މި ގާނޫނު އޮންނަ ގޮތާ އަޅާބަލާއިރު ވަރަށް އާދައިގެ މާއްދާއެކެވެ. ޕިރަމިޑް ސްކީމްތައް ހިންގޭނީ، އެ ސްކީމަކަށް އާ މެންބަރުން ވެއްދޭ މިންވަރަކުންނެވެ. އެ ގޮތުން، ޕިރަމިޑް ސްކީމުން ފައިސާ ލިބޭނީ ވަކި އެއްޗެއް ނުވަތަ ޚިދުމަތެއް ވިއްކުމުގެ ބަދަލުގައި، އައު މެންބަރުން ސްކީމަށް ވައްދައިގެން ހޯދާ ފީއަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ