އެހެން ސްކީމްތަކުން ފުލެޓް ލިބުނު މީހުންނަށް، ގެދޮރުވެރިޔާ ފުލެޓް ނުލިބޭނެކަން އަންގަން ފަށައިފި

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތް ކުރަމުންދާ 4،000 ފުލެޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ތެރެއިން، މީގެ ކުރިން ހިންގި ބޯހިޔާވަހިކަމުގެ ސްކީމްތަކުން ފުލެޓް ލިބިފައިވާ މީހުންނަށް ފުލެޓް ނުލިބޭނެކަން ހައުސިން މިނިސްޓްރީން އަންގަން ފަށައިފިއެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ފުލެޓު ލިސްޓު ނެރުނީ ނޮވެމްބަރު 4، 2023ގައެވެ. އެ ލިސްޓާ މެދު ގިނަ ބަޔަކު ޝަކުވާ ކުރުމުން، ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އެ މަހުގެ 15ގައި ނެރުނެވެ. މި ސަރުކާރުން ލިސްޓުގައި ޝަރުތު ހަމަވާ މީހުންގެ ފޯމުތައް ބެލުމަށް ފަހު، އަލުން ލިސްޓެއް ނެރުނީ މިދިޔަ ފެބްރުވަރީ މަހުގައެވެ. ފުލެޓު ލިސްޓާ ގުޅޭ ގޮތުން ސަރުކާރަށް ގިނަ ބަޔެއްގެ ނުރުހުން އަމާޒުވެފައި ވަނިކޮށް، މިދިޔަ މަހުގެ 29ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، މި ސަރުކާރުން ފުލެޓު ދޭ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ 15 ނޮވެންބަރު 2023ގައި ނެރެފައިވާ ލިސްޓު ކަމަށާއި، އޭގެ އިތުރު ލިސްޓެއް ނުނެރޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ލިސްޓުގައި ފުލެޓަށް ޝަރުތު ހަމަނުވާ މީހުން ތިބި ކަމަށާއި އެ މީހުންނަށް ޝަކުވާ ހުށަހަޅަން ފުރުސަތު ދިނުމަށް، ޝަކުވާ ބެލުމުގެ ހުރިހާ މަރުހަލާތަކެއް ކުރިއަށްގެންދާނެ ކަމަށެވެ. އަދި ފުލެޓު އަތުލަން ޖެހޭނަމަ އަތުލާނީ އެއަށްފަހު ކަމަށް މުއްތަލިބު ވިދާޅުވިއެވެ. ހައުސިން މިިނިސްޓްރީން މިއަދު "ސަން"އަށް މައުލޫމާތު ދިން ގޮތުގައި، ފުލެޓް ނުލިބޭ މީހުންނަށް އެކަން ރަސްމީކޮށް ލިޔުމުން އެންގުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ. ‎އޭގެތެރޭގައި ސަރުކާރުން ހިންގައިފައިވާ ސްކީމްތަކުން ފްލެޓް ލިބިފައިވާ މީހުންނާއި، ދައުލަތުގެ ކުންފުނިތަަކުން ހިންގާފައިވާ ސްކީމްތަކުން ފުލެޓް ލިބިފައިވާ މީހުންނާއި 600 އަކަފޫޓަށްވުރެ ބޮޑު އަމިއްލަ ބޯހިޔާވަހިކަމެއް ތިބިކަމަށް ޔަގީންވާ މީހުން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ. މި ސަރުކާރުގެ ހައުސިން މިނިސްޓްރީން ކުރީ ސަރުކާރުގެ ލިސްޓު ބެލުމަށްފަހު މިދިޔަ ފެބްރުވަރީ މަހު އިއުލާންކުރީ، 4،000 ފުލެޓުގެ ހައްގުވެރިންނަކީ 1820 މީހުން ކަމަށާއި ކުރީގެ ލިސްޓުން 53 ޕަސެންޓު މީހުންނަށް ދިން ޕޮއިންޓް ސައްހަ ނޫން ކަމަށެވެ. https://sun.mv/207518 ރައީސް ޑރ. މުހައްމަދު މުއިއްޒާއި މުއްތަލިބު މިއަދުވަނީ 4،000 ފުލެޓުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް، އެ ސަރަހައްދަށް ވަޑައިގެން ބައްލަވައިފައެވެ. މުއްތަލިބު ވިދާޅުވީ މަސައްކަތް ކުރިއަށްގެންދާ ސްޕީޑާއި ފެންވަރާ މެދު ހިތްހަމަޖެހޭ ކަމަށާއި އުއްމީދަކީ ފުރަތަމަ ނިމޭ ފުލެޓުތައް އަންނަ މަހު ހަވާލުކުރަން ފެށުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ