ނަޝީދު އެމްޑީޕީއާ ގުޅުމުގެ ހަފުލާ މުލިއާގެ ކައިރީ ބާއްވަނީ!
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްެރެޓްސް މެންބަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާތީ އެކަން ފާހަގަކޮށް، އެ ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް ބާއްވަން ހަމަޖެހިފައިވާ ޖަލްސާއަށް ސަރުކާރުން ތަން ހަމަޖައްސައިދިނުމަށް ހުރަސް އަޅަމުންދާ ކަމަށާއި އެހެންވެ މިހާރު ގެންގުޅުއްވާ ވިސްނުމަކީ ރައީސް މުހައްމަދު މުއިއްޒު ދިރިއުޅުއްވާ މުލިއާގޭ ކަންމަތީގައި އެ ހަރަކާތްތައް ބޭއްވުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.ފައްޔާޒު މިރޭ އެެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނަޝީދާއި ދަ ޑިމޮކްރެޓްސްގެ ގިނަ ބަޔަކު އެ ޕާޓީއާ ގުޅުން ފާހަގަކޮށް މަރުހަބާ ދެންނެވުމަށް ހަފުލާއެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ޕާޓީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި އެކި ހަރަކާތްތައް ބޭއްވުމަށް ވެސް ތަނެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާއިރު މި ސަރުކާރުން އެކަމަށް ހުރަސް އަޅަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ."އިވެންޓުތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުރަސް އަޅަމުން ގެންދާތީ މި ހަފުލާ ބޭއްވުމަށް މިހާތަނަށް ވެސް އެއްވެސް ތަނެއް ހަމަޖެހިފައި ނުވާތީ މިހާރު ގަސްދު މިކުރަނީ ރައީސް މުހައްމަދު ނަޝީދުއަށް މަރުހަބާ ދެންނެވުމަށް ޖޫން 23، 2025 ގެ ނިޔަލަށް އިތުރު ތަނެއް ހަމަނުޖެއްހިޖެ ނަމަ މުލީއާގޭ ކަންމަތީގައި ބޭއްވުމަށެވެ،" ފައްޔާޒްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.ފައްޔާޒް އެގޮތަށް ވިދާޅުވިއިރު، މުލިއާގެ ހިމެނޭ ސަރަހައްދަކީ އެއްވުން މަނާ، ގްރީން ޒޯން ސަރަހައްދެވެ.އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އެ ހަފުލާ ބާއްވާނެ ތަނެއް ސަރުކާރުން ހަމަޖައްސައިނުދީފި ނަމަ ހޯމަ ދުވަހުގެ ރޭ 9:00 އަށް މުލީއާގޭ ދޮށަށް އެމްޑީޕީއަށް ތާއީދު ކުރާ ހުރިހާ ފަރާތްތަކުން ދިޔުމަށް ފައްޔާޒް ދައުވަތު އަރުވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ