އެއްވެ އުޅުމުގެ ހައްގު ފުޅާ ކުރީ މި ސަރުކާރުން ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއަށް މިރޭ ރައްދު ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ހީނާ ރައްދު ދެއްވީ، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުން ހިމެނޭހެން އެ ޕާޓީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ބޭއްވުމަށް ތަނެއް ލިބުމުގައި ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ވިދާޅުވެ، ފައްޔާޒު މިރޭ ވާހަކަ ދައްކާވާފައި ވަނިކޮށެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި ހީނާ ދިފާއުގައި ނެންގެވީ، ހުއްދަ ނުހޯދާ އެއްވާ އިތުރު ތަންތަން ސަރުކާރުން ކަނޑައަޅާފައިވާތީވެ، އެކަމަށް އިޝާރާތް ކުރައްވަ އެވެ. އަދި ފައްޔާޒުގެ ނަން ނުގެންނަވައި ހީނާ އެދިވަޑައިގެންވީ ރައްޔިތުންނަށް އޮޅުން އަރާ ގޮތަށް ވާހަކަ ނުދެއްކެވުމަށެވެ.
ބުނީ ކީކޭ؟ - "ކުރިން ހުއްދަ ނެގުމަކާ ނުލާ، މީގެ ކުރިން އެއްވެއުޅުމުގެ ހުއްދަ އޮންނަނީ ކާނިވާ ސަރަހައްދަށް އެކަންޏެވެ. ނަމަވެސް، އެކަން ބަދަލުކޮށް މި ސަރުކާރުން ވާނީ ކާނިވާ ސަރަހައްދުގެ އިތުރުން މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި)، އުސްފަސްގަނޑާއި ރަސްފަންނަކީ ވެސް ކުރިން ހުއްދަ ނެގުމަކާ ނުލާ ސިޔާސީ ހަރަކާތް ހިންގޭނެ ތަންތަން ކަމުގައި ކަނޑައަޅާފަ އެވެ،" އެކްސްގައި ހީނާ ކުރެއްވި ޕޯސްޓުގައި ލިޔުއްވި އެވެ.
"މިގޮތަށް ކަނޑައެޅި، ފުރުސަތު ފުޅާކޮށްދެވިފައިވާ ކަންކަމާ ގުޅޭ ގޮތުން ރައްޔިތުންނަށް އޮޅޭ ފަދަ ގޮތަކަށް ސިޔާސީ ބޭފުޅުން ވާހަކަ ދެއްކުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ރޫލް އޮފް ލޯ އާއި ޑިމޮކްރެސީގެ މި ނިޒާމު ދެމެހެއްޓުމުގެ ވަރަށް މުހިއްމު އަދި އެހާމެ ރިވެތި އަސާސެކެވެ."
ފައްޔާޒު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ސަރުކާރުން އަންނަ ހޯމަ ދުވަހުގެ ކުރިން ތަނެއް ހަމަޖައްސައިނުދީފި ނަމަ، އެ ހަރަކާތްތައް ބާއްވާނީ ރައީސް މުހައްމަދު މުއިއްޒު ދިރިއުޅުއްވާ ރަސްމީ ގެކޮޅު ކަމުގައިވާ މުލިއާގޭގެ ކަންމަތީގައި ކަމަށެވެ.
ނަމަވެސް، އެއީ ގްރީން ޒޯން ކަމަށް ވާތީ، އެ ތަނަށް އެއްވުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.
"ފުރިހަމަ ޑިމޮކްރެސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށްޓަކައި، ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމަށްޓަކައި ޒިންމާދާރު ސިޔާސީ ހަރަކާތްތައް ހިންގުމާއި ގައުމަށްޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރިކަމެކެވެ،" ހީނާގެ ޕޯސްޓުގައި އިތުރަށް ވިދާޅުވި އެވެ.
ހީނާގެ ރައްދު ފައްޔާޒަށް: އެއްވެ އުޅުމުގެ ހައްގު ފުޅާ ކުރީ މި ސަރުކާރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ