ޖޫނިއާ ނެޝަނަލް ކެރަމް ޗެންޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް ފަރާތުން މުޅިން އަލަށް ބާއްވާ ޖޫނިއާ ނެޝަނަލް ކެރަމް ޗެންޕިއަންޝިޕް، ކެރަމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިމުބާރާތަކީ ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް ބިނާކުރުމުގެ މަގުސަދުގައި ކެރަމް އެސޯސިއޭޝަނުން މިއަހަރު މުޅިން އަލަށް ބާއްވާ މުބާރާތެކެވެ. އެގޮތުން މި މުބާރާތް އޮންނާނީ މި މަހު 26 ވަނަ ދުވަހުން ފެށިގެން، ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގަ އެވެ.
15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ އުމުރުފުރައަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި، ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހު 22 ވަނަ ދުވަހުގެ ރޭ 22:00 އާއި ހަމައަށެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް، ކެރަމް އެސޯސިއޭޝަނުން ވަނީ ގޫގަލް ފޯމެއް ފުރުމަށް އެދިފައެވެ. (ފޯމުގެ ލިންކް)
މީގެ އިތުރުން، ކެރަމް އެސޯސިއޭޝަނުން ބުނީ، މުބާރާތުގެ ކަންކަން ބަލަހައްޓަން، ޓޯނަމެންޓްގެ ކޮމިޓީއެއް އެލުލަވާލާނެ ކަމަށާއި، ނޮކައުޓު އުސޫލުން ކުޅޭ މި މުބާރާތުގެ ގުރުއަތުލުން، މި މަހު 24 ވަަނަ ދުވަހު ބާއްވާނެ ކަމަށެވެ.
ބައިވެރިވުމުގެ އުމުރުފުރާ ކަނޑައެޅުމުގައި، ގަވާއިދު ބުނާގޮތުން، 15 އަހަރުން ދަށާއި 17 އަހަރުން ދަށުގައި ކުޅުންތެރިއަކު ބައިވެރިވާއިރު، މި އަހަރުގެ ޖެނުއަރީ 1 ގެ ކުރިން އެ އުމުރުފުރާގައި ބުނާ އުމުރު ހަމަނުވުން ލާޒިމްކުރެ އެވެ. މިސާލަކަށް، 15 އަހަރުން ދަށަށް ކުޅެވޭނީ، 1 ޖެނުއަރީ 2025 ގެ ކުރިން، 15 އަހަރު ނުފުރޭނަމަ އެވެ.
މީގެ އިތުރުން މުބާރާތުގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި 100 ރުފިޔާ، ގެ ފީއެއް ނެގުމަށް ކެރަމް އެސޯސިއޭޝަނުން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ