ކުރީ ސަރުކާރުތަކުން މަސައްކަތް ކުރީ ރައްޔިތުންނަށް ބަލިތައް ޖައްސަން ކަމަށާއި ކުރީގެ ސަރުކާރުތަކުން އޮތީ ރައްޔިތުންނަށް ކެންސަރު ޖެހެން ދޫކޮށްލާފައި ކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު ސީރިއަސް ތުހުމަތުތަކެއް ކުރައްވައިފި އެވެ.
ރައީސް ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކުރިން ވެރިކަން ކުރި ސަރުކާރުތަކުން އުޅުނީ ރައްޔިތުން ބަލިނުވެގެން ކަމަށެވެ.
"ޕްރިވެންޓިވް ހެލްތުކެއާ، ޕަބްލިކް ހެލްތު ކެއާއަކީ އަޅުގަނޑުމެންގެ ވަރަށް މުހިންމު ސިޔާސަތެއް. މީގެ ކުރީގެ ބައެއް ސަރުކާރުތަކުން ހަމައެކަނި ބަލަނީ މީހާ ބަލިވީމަ އަޅާލަން. ބަލިވޭތޯ އުޅޭހެން ވެސް ހީވޭ ކަންތައްތައް އޮންނަ ގޮތުން،" ރައީސް ވިދާޅުވި އެވެ.
އެ އިލްޒާމު އިތުރަށް ތަފުސީލުކޮށްދެއްވަމުން ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން އޮތީ ރައްޔިތުންނަށް ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ޖެހެން ވެސް ދޫކޮށްލާފައި ކަމަށެވެ.
"ލައިފްސްޓައިލް ސަރުކާރު އޮންނަ ގޮތުން ކެންސަރު ބައްޔާއި ހުރިހާ އެއްޗަކަށް ދާން ދޫކޮށްލާފައި ނޫންތޯ އޮތީ. އެހެންވީމަ ނޮން ކޮމިއުކަލް ޑިޒީސްތައް ރާއްޖޭގައި ވަރަށް ގިނަ. ބަލި ކުރަން އުޅޭހެން ހީވަނީ. ބަލިވީމަ ހިދުމަތް ދޭކަށް ވެސް އެހާ ބޮޑަކަށް ނެތް މަސައްކަތް ކޮށްފައި. ދެންމެގަ މި ފާހަގަކުރީތާ އެއްވެސް ތާކު ސެންޓަރެއް ވެސް ނެތް. ރަނގަޅު ފެންވަރެއްގެ ހޮސްޕިޓަލެއް ވެސް ނެތް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އެހެން ވިދާޅުވިއިރު، ހޮސްޕިޓަލު ނުތާހިރުވެގެން އައިޖީއެމްއެޗުގެ އެންއައިސީޔޫގައި ވަނީ ބޭހަށް ނުގުޑާ ނުރައްކާތެރި ބައްޔެއް ފެތުރިފަ އެވެ. ވެންޓިލޭޓަރު ގުޅައިގެން ފަރުވާ ދެމުން އައި ތުއްތު ފަސް ކުއްޖަކަށް ވަނީ އެ ބަލި ޖެހިފަ އެވެ. ބަލި ފެތުރުނުއިރު ހޮސްޕިޓަލުން ޑިސްއިންފެކްޓަންޓު ހުރީ ހުސްވެފަ އެވެ. އޭގެ ބަދަލުގައި ބޭނުން ކުރަމުން އައީ ބްލީޗު ފެނަށް ގިރައިގެންނެވެ.
އެންއައިސީޔޫގައި ފެތުރުނީ ބާކޯލްޑޭރިއާ ސްޕޭޝިއާ އެވެ. ސިއްހީ ހިދުމަތް ދޭ ތަންތަނުގައި އެ ބަލި އާންމުކޮށް ފެތުރެނީ ފަރުވާ ދިނުމަށް ބޭނުން ކުރާ އާލާތްތައް މެދުވެރިކޮށެވެ. އެއީ ސާފުތާހިރުކަމުގެ ހަރުދަނާ ފިޔަވަޅުތައް އަޅާ ނަމަ ފެތުރުން ދުރު ބައްޔެކެވެ. އެއީ ވަރަށް ގިނަ ވައްތަރުގެ ބޭހަށް ނުގުޑާ ނުރައްކާތެރި ބައްޔެކެވެ.
"[ބަލި ފެތުރުނުއިރު] އަޅުގަނޑުމެން އަލްޓަނޭޓިވް އޮޕްޝަންއަކަށް ބޭނުން ކުރާ އެއްޗެއް، ޔޫސް ކުރި އެކޮޅުގައި. [އަލްޓަނޭޓިވް އޮޕްޝަންއަކީ ސާފު ކުރަން ބޭނުން ކުރާ އެއްޗެހި. [އެއީ] ވެސް ޑިސްއިންފެކްޓަންޓެއް ހަމަ. ބްލީޗް އަޅުގަނޑުމެންގެ އަލްޓަނޭޓިވްއަކީ މިހާރު. [ކުރިން ބޭނުން ކުރީ ޑިސްއިންފެކްޓަންޓް ވައިޕްސް]. ވައިޕްސް ހުންނަ އިރު ފަސޭހަވާނެ ދެއްތޯ ތަންތަން ސާފުކޮށްލަން،" އައިޖީއެމްއެޗުގެ ސީނިއާ ޑޮކްޓަރަކު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ރައީސްގެ ބޮޑު އިލްޒާމެއް: "ކުރީ ސަރުކާރުތަކުން އުޅުނީ ރައްޔިތުން ބަލި ނުވެގެން، ކެންސަރު ޖެހެން ވެސް އޮތީ ދޫކޮށްލާފައި" ރައީސްގެ ބޮޑު އިލްޒާމެއް: "ކުރީ ސަރުކާރުތަކުން އުޅުނީ ރައްޔިތުން ބަލި ނުވެގެން، ކެންސަރު ޖެހެން ވެސް އޮތީ ދޫކޮށްލާފައި"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ