ޒަކިއްޔާގެ މަރަކީ އާދައިގެ މަރެއް ނޫން؛ ތަހުގީގުގައި އިހުމާލުވެފައިވާ ނަމަ ފިޔަވަޅު އަޅާނަން: ސީޕީ

މިދިޔަ ސެޕްޓެމްބަރު މަހު ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރަކީ އާދައިގެ މަރެއް ނޫން ކަމަށް ފުލުހުން ރޭ އެއްބަސްވެ، އެ މަރުގެ ތަހުގީގުތަކުގައި އެއްވެސް އިހުމާލެއް އޮތްތޯ ބަލައި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ރޭ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ޒަކިއްޔާ މުސާ، 50، މާރަނގަ/ހޮޅުދޫ، މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަން ތެރޭގަ އެވެ. ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވެފައިވަނީ މިހާތަަނަށް ބެލި ބެލުމުން އެ މަރުގައި އެހެން މީހެއްގެ ބައިވެރިވުން ފާހަގަ ނުކުރެވޭ ކަމަށެވެ.
އެކަމަކު ޒަކިއްޔާގެ މަރާ މެދު އެ ރަށު މީހުން ޝައްކު އުފައްދަނީ:
އޭނާ މަރުވެފައި އޮތްއިރު ކަރުގައި ޒަހަމްތަކެއް ހުރުމުން 
ކައިރީގައި ވަޅިއެއް އޮތް
ޒަކިއްޔާ މަރާލީ ކަމަށް ރަށުގެ ގިނަ ބަޔަކު ތުހުމަތުކުރާއިރު އެފަދަ ހެއްކެއް އަދި ނުލިބޭ ކަމަށް ފުލުހުން ބުނޭ
ޒަކިއްޔާގެ މަރުގައި މީހެއްގެ ބައިވެރިވުން ނެތްކަމަށް ފުލުހުން ނިންމައި އެކަން އިއުލާން ކުރުމުން އެ ރަށު މީހުން ވަނީ މަގުތަކަށް ނިކުމެ އެކަމާ ދެކޮޅަށް އިހުތިޖާޖު ކޮށްފަ އެވެ. އަދި އެ މަރުގެ ތަހުގީގުގައި ފުލުހުން ފެށުނީންސުރެ އިހުމާލުވެފައިވާ ކަމަށް ބުނެ އަޑުއުފުލާފައިވެ އެވެ.
މި އިހުތިޖާޖުތަކާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ޝުޖާއު ހިމެނޭހެން ފުލުހުންގެ އިސްވެރިންގެ ޓީމެއް އިއްޔެ ވަނީ އެ ރަށަށް ގޮސް ރައްޔިތުންނާ ބައްދަލުކޮށް ކަންބޮޑުވުންތައް އަޑުއައްސަވާފަ އެވެ.
ބުނީ ކީކޭ؟ - މި ބައްދަލުވުމުގައި ވެސް ރައްޔިތުން ވަނީ ފުލުހުން އެ މަރުގެ ތަހުގީގުގައި ވެފައިވާ އިހުމާލުތަކާއި ޒަކިއްޔާ އަމިއްލައަށް މަރުވި ކަމަށް ދޭހަވާ މޭރުމަކުން ފުލުހުންގެ ތަހުގީގުތައް ބިނާކޮށްފައިވާތީ އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ މީހުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޝުޖާއު ވަނީ ޒަކިއްޔާގެ މަރަކީ "އާދައިގެ މަރެއް ނޫން" ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. އެހެންވެ، އެކަމާ ގުޅިގެން އިތުރު ތަހުގީގުތަކެއް ހިންގަމުންދާ ކަމަށާއި އެ މަރުގެ ހަގީގަތް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މަސައްކަތް ނިމުމުން މަރާ ގުޅޭ ގޮތުން ތަހުގީގަށް ހާމަވެފައިވާ ގޮތް ހާމަކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތަހުގީގުގައި ވަކި ގޮތެއް ހަދައި ވަކި ގޮތެއް ނިންމާ ނަމަ، ތަހުގީގަށް އެހާ ދުވަސްތަކެއް ނުނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 
"މިކަމުގައި ދުވަސް ވެސް މި ނަގަނީ މިކަމުގައި ހުރި ހައްސާސްކަމާއި އަޅުގަނޑުމެންނަށް ވެސް މި މަރުވެފައި އޮތް ގޮތް އެއީ އާދައިގެ ގޮތަަކަށް މަރުވެފައި އޮތް ކަމަށް ގަބޫލުނުކުރެވޭތީވެ،" ޝުޖާއު ވިދާޅުވި އެވެ.
މީގެ އިތުރުން، މި ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ އެ މަރުގެ މައްސަލައަކީ މިހާރު ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ވެސް ބަލަމުން އަންނަ މައްސަލައެއް ކަމަށާއި ފުލުހުން ވެސް ބޭރުގެ ތަޖުރިބާކާރުންނާ އެކު އިތުރު ތަހުގީގުތަކެއް ހިންގަމުންދާ ކަމަށެވެ. އަދި ފުލުހުން ފުރަތަމަ ތަހުގީގުތައް ހިންގާފައިވާ ގޮތް ބަލައި އެކަމުގައި އެއްވެސް އިހުމާލެއް އޮތް ނަމަ ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ދޭނެ ޔަގީންކަމަކީ ފުލުހުން މި ތަހުގީގުގައި އެއްވެސް އިހުމާލެއްވެފައިވާ ނަމަ އެކަން ބަލައި އެކަމުގައި ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން،" ޝުޖާއު ވިދާޅުވި އެވެ.
ޒަކިއްޔާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ވެސް ހަދާފައެއް ނުވެ އެވެ. އެއީ ފުލުހުން ތަހުގީގުގައި ހަދާފައިވާ ގޯހެއް ކަމަށް މިނިސްޓަރު އިހުސާން ވެސް ރޭ ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ޒަކިއްޔާގެ ކަރުގެ ދެ ފަރާތުގައި ގިނަ ޒަހަމްތަކެއް ހުރިއިރު ވާތު ފަޅީގައި ފުން ތިން ޒަހަމެއް އަދި ކަނާތު ފަޅީގައި ފުން ދެ ޒަހަމެއް ހުއްޓެވެ. އެކަަމަކު މި މަރާ ގުޅިގެން ފުލުހުން މީގެ ކުރިން ބޭއްވި ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ ސާމިހު ވިދާޅުވެފައިވަނީ:
އެހެން މީހެއްގެ ފުށުން ލިބޭ ޒާތުގެ އަނިޔާއެއް ނުފެންނަ ކަމަށް ޑޮކްޓަރު ލަފާ ދީފައިވޭ
ހަށިގަނޑުން ހެސިޓޭޝަން މާކްސް ނުވަތަ އަޅަން ނުކެރިގެން ވަޅި އަޅާފައި ހުންނަ ޒާތުގެ ނިޝާންތަކެއް ފެނުނު
އެކަން ހިނގި ތަނުގައި އިތުރު މީހެއް އުޅެފައިވާކަން ފާހަގަވާ ފަދަ ކަމެއް ނޫނީ ނިޝާނެއް ނުފެނޭ
މޭ މަތީ ވަތްކެއްގެ ނިޝާން ފާހަގަވި؛ ނަމަވެސް ޑޮކްޓަރު ލަފާ ދިނީ އެއީ މީހެއްގެ ފުށުން ލިބޭ އަނިޔާއަކާ އެއްވަރުގެ ވަތްކެއް ނޫން ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ