ރާއްޖޭގެ ފުރަތަމަ ޓިއާ4 ޑޭޓާ ސެންޓަރު ދިރާގުން ހުޅުވައިފި

ރާއްޖޭގައި އެންމެ ފުރަތަމަ ޓިއާ4 ސެޓިފިކޭޝަން
ހޯދައިފައިވާ ޑޭޓާ ސެންޓަރު ދިރާގުން ހުޅުމާލެގައި ހުޅުވައިފި އެވެ.
މި ޑޭޓާ ސެންޓަރު ހުޅުއްވައިދެއްވީ ހޯމްލޭންޑު ސެކިޔުރިޓީ މިނިސްޓަރު އަލީ އިހުސާން އެވެ.
އެނގުން މުހިއްމު - ދިރާގު ހުޅުމާލެ ޑޭޓާ ސެންޓަރަކީ އަޕްޓައިމް އިންސްޓިޓިއުޓް އިން ޑޭޓާ ސެންޓާ ރިލަޔަބިލިޓީއަށް
ކަނޑައަޅައިފައިވާ އެންމެ މަތީ މިންގަނޑު ފުރިހަމަވާ ސެންޓަރެކެވެ.
ތަފްސީލް - ދިރާގުން ބުނީ އަޕްޓައިމް އިންސްޓިޓިއުޓް އިން މި ސެޓިފިކެޓް ދެނީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު، އެންމެ އިތުބާރުކުރެވޭ ޑޭޓާ ސެންޓަރުތަކަށް ކަމަށެވެ.
ދިރާގުގެ ހުޅުމާލެ ޑޭޓާ ސެންޓަރަށް އެ ދަރަޖަ ހާސިލްކުރުމުން ދައްކައިދެނީ ކަސްޓަމަރުންނަށް އިތުބާރު ހިފޭ، ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ ފަންތީގެ
ހިދުމަތްތައް ފޯރުކޮށްދޭން ކުރަމުން އަންނަ މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި
ޒަމާނީ ޑޭޓާ ސެންޓަރާ އެކު ދިރާގުން ވަނީ ރާއްޖޭގެ ޑޭޓާ ސެންޓާ އިންފްރާސްޓްރަކްޗާ ހުންނަން ޖެހޭ މިންގަނޑު އިތުރަށް ހަރުދަނާކޮށްދީފަ އެވެ.
މިއާ އެކު ދިރާގުން ވަނީ ދިރާގުގެ
ކްލައުޑް އައިއޭއޭއެސްގެ އިތުބާރު ހިފޭ މިންވަރާއި ސެކިއުރިޓީ އަދި ރެޒިލިއެންސް
މިންގަނޑުތައް ވަރުގަދަކޮށް މުހިންމު އެޕްލިކޭޝަންތައް
ބޭނުންކުރަން ވިޔަފާރިވެރިންނާއި އާންމުން އިތުރަށް ބާރުވެރިކޮށްދީފައި ކަމަށް ވެސް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ އޭގެ ސަބަބުން ވިޔަފާރިވެރިންނަށް ޒަމާނީ ހިދުމަތްތައް އެންމެ ރަނގަޅު އަގުތަކުގައި
ލިބި، ބަދަލުވަމުން އަންނަ ޑިޖިޓަލް އިކޮނޮމީގައި ކުރިއަރަން އެހީތެރިކަން
ލިބޭނެ ކަމަށެވެ.
ސެންޓަރު އިފްތިތާހުކޮށްދެއްވައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތްކުރަނީ ރާއްޖޭގެ ވިޔަފާރިވެރިންނަށް އެންމެ ރަނގަޅު ހިދުމަތްތައް ފޯރުކޮށްދޭނެ ވަސީލަތްތައް ހޯދައި ދިނުމަށް ކަމަށެވެ.
"ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ޑިޖިޓަލް އިކޮނޮމީ ވަރުގަދަ ކުރުމަށްޓަކައި ޑިޖިޓަލް އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމަށް ދަނީ މަސައްކަތްތަކެއް ކުރަމުން. ދިރާގުން މި ހޯދި ކާމިޔާބީއާއެކު، މި ކަމުގައި މިހާރު ދިވެހިރާއްޖެ ވެސް މި ތިބީ ދުނިޔޭގެ އެހެން ގައުމުތަކާ އެއް ހަމައެއްގައި." މިނިސްޓަރު ވިދާޅުވި އެވެ.
 ދިރާގުގެ
ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުގެ ޑޭޓާ ސެންޓަރަކީ އިންފްރާސްޓްރަކްޗާ، ރިލައިބިލިޓީ އަދި ސެކިއުރިޓީއަށް ބެލި ނަމަވެސް އެންމެ މަތީ މިންގަނޑުތަކަށް ހެދިފައި ހުރި ތަނެއް ކަމަށެވެ.
"މީގެ ސަބަބުން، ވިޔަފާރިވެރިންގެ
ވިޔަފާރިތަކުގެ ބިޒްނަސް ކޮންޓިނިއުޓީ އިތުރަށް ވަރުގަދަކޮށް، ކްލައުޑް ސާވިސަސް
ބޭނުންކުރާ ފަރާތްތަކާއި، އެކި ކަހަލަ އެޕްލިކޭޝަންތައް ބޭނުންކުރާ ފަރާތްތަކަށް އިތުރު
ފަސޭހަތަކެއް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ތައާރަފުކޮށް ވަރުގަދަ ހިދުމަތްތައް ތައާރަފްކޮށް ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީ ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި ދިރާގު ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ