މިނިސްޓްރީގެ އަމާޒަކީ، އިދާރީ ދާއިރާތައް ބާރުވެރިވެ އަދި ރަށްތައް ތަރައްޤީވެ، ރައްޔިތުން ތަހުޒީބުވުމުގެ ތަޞައްވުރު ކަމަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ލާމަރުކަޒީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު، ވިލާ ކޮލެޖުގެ އޯސަންވިއު ހޯލްގައި މިނިސްޓްރީން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުން ފައްޓަވައި ދެއްވެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރ ވިދާޅުވީ، ލާމަރުކަޒީ ދުވަހަކީ ޙަޤީޤީ މާނާގައި ދިވެހި ރައްޔިތުންނަށް ވަރަށް ޚާއްޞަ ދުވަހެއް ކަމަށެވެ. އަދި ލާމަރުކަޒީ ދުވަހަކީ، ޤާނޫނު އަސާސީއަށް އާބާބެއް އެކަށައަޅައި ރައްޔިތުންނާ ގާތުން ވެރިކަންކުރުމުގެ އިޚްތިޔާރު ލިބިދިންކަން ކަށަވަރުވި ދުވަސް ކަމަށެވެ. މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުންނާއި ގާތުން ރައްޔިތުން އެދޭ ކަންކަން ކޮށްދިނުމަކީ ލާމަރުކަޒީ ނިޒާމްގެ ސިފަކަމަށެވެ. އަދި މި ނިޒާމަށް 14 އަހަރު ފުރި 15 އަހަރަށް އަރައިގެން ދިޔަ އިރު އަދިވެސް ގޮންޖެހުންތަކެއް ހުރިކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މާލީ ތަނަވަސްކަން އިތުރުކުރުމަށާއި، އެ ކަމަށް ފުރުޞަތުތައް ހޯދަން މަސައްކަތްކުރަން ޖެހޭކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ވަރަށް ގިނަ ކައުންސިލްތަކަށް ރައްޔިތުންގެ އިތުބާރު އެބަ އޮތްކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ކައުންސިލްތަކަށް ކުރެވޭ އިތުބާރު ބޮޑުކުރުމަށް ޓަކައި ކައުންސިލްތަކާއި، ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރުކުރުމަށް އަދިވެސް މަސައްކަތްތައް ކުރަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މަސައްކަތު ބައްދަލުވުން ފައްޓަވައި ދެއްވައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ލާމަރުކަޒީ ނިޒާމާ މެދު އުންމީދުތަކެއް އޮތްކަމަށެވެ. ވަރަށް ގިނަ ކާމިޔާބުތައް ހޯދާފައިވާ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމް ތަންފީޒް ކުރުމުގައި ސަރުކާރުގެ ސިޔާސަތެއް އެބަ އޮތްކަމަށެވެ. ސަރުކާރާއި، ކައުންސިލްތަކާއެކު އޮތް ބަދަހިކަމަކީ މި ނިޒާމް ހަރުދަނާކުރުމަށް ސަރުކާރަށް އެޅުނު އެންމެ ރަނގަޅު ފިޔަވަޅުކަމަށެވެ.
އަމާޒަކީ، އިދާރީ ދާއިރާތައް ބާރުވެރިވެ އަދި ރަށްތައް ތަރައްޤީވެ، ރައްޔިތުން ތަހުޒީބުވުމުގެ ތަޞައްވުރު: މިނިސްޓަރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ