އަމިއްލަ ފަރާތެއްގައި ދީލަތި އެހީގައި ކުޅުދުއްފުށީގައި އިމާރާތްކުރަމުންދާ މިސްކިތުގެ މަސައްކަތް އަންނަ އަހަރުގެ މެދެއްހާ ހިސާބު ނިންމާ ބޭނުންކުރަން ފެށޭވަރުކަމަށް އުންމީދުކުރައްވާކަމުގައި މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
'ކެވެލި' ކިޔާ ގޯތީގެ އިރުމަތިން އޮންނަ ހުސްބިމުގައި ބިނާކުރާ މި މިސްކިތުގެ ބިންގާ އަޅައި މަސައްކަތް ފެށި މިދިޔަ 2024 ވަނަ އަހަރުގެ ޖުލައިމަހު އެވެ.
މިސްކިތެއް ބިނާކުރުމަށް އެތައް އަހަރެއް ވަންދެން ބާއްވަ އޮތް އެ ބިމުގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ފެށިގެންދިޔުމަކީ އެ ސަރަހައްދު ރައްޔިތުންނަށް ލިބިގެންދާ ބޮޑު ހިތްހަމަޖެހުމެކެވެ.
އަންގާރަދުވަހު ބޭއްވި ރައްޔިތު ބައްދަލުވުމުގައި މޭޔަރު އާތިފް ވިދާޅުވީ، އާ މިސްކިތުގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު އުންމީދުކުރަނީ އަންނަ އަހަރުގެ މެދެއްހާ ހިސާބު އެ މަސައްކަތް ނިމި ރައްޔިތުންނަށް މިސްކިތް ބޭނުންކުރަން ފެށޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ނަސީބުކަން ދިމާކުރި ގޮތުން އެތަނުގައި މިސްކިތެއް އަޅާނެ އަމިއްލަ ފަރާތެއް ހެޔޮ އެދުން ލިބި. މިދިޔަ އަހަރުގެ ތެރޭގައި މަސައްކަތްތައްވެސް ފެށިގެން ކުރިއަށް އެބަދޭ. އަޅުގަނޑުމެން އުންމީދުކުރަނީ އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި އެމަސައްކަތްވެސް ނިމި ރައްޔިތުންނަށް މިސްކިތް ބޭނުންކުރަން ފެށޭނެކަމަށް. " މޭޔަރު އާތިފް ވިދާޅުވި އެވެ.
ދެ ބުރިއަށް އިމާރާތްކުރާ މި މިސްކިތަކީ އެއްފަހަރާ 800 މީހުންނަށް ނަމާދުކުރެވޭ ވަރު ޖާގައިގެ މިސްކިތެކެވެ.
ކުޅުދުއްފުށީގައި ބިނާކޮށްފައިވާ ގިނަ މިސްކިތްތަކަކީ އަމިއްލަ ފަރާތްތަކާއި ރައްޔިތުންގެ އެހީގައި އިމާރާތްކޮށްފައިވާ މިސްކިތްތަކެވެ.
އުންމީދަކީ އާ މިސްކިތުގެ މަސައްކަތް އަންނަ އަހަރުގެ މެދެއްހާ ހިސާބު ނިމޭނެކަމަށް: މޭޔަރު އާތިފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ