ޒެލެންސްކީ އާއި ޓްރަމްޕާ ދެމެދު ހިނގި ޒުވާބާއި ކުރިމަތިލުމުގައި ޔޫރަޕްގެ ތާއީދު ޒެލެންސީއަށް
ލަންޑަން (1 މާޗް 2025): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ޔުކްރެއިންގެ ރައީސް ވްލަދިމިޔާ ޒެލެންސްކީ އާ ދެމެދު ވައިޓް ހައުސް ގައި އިއްޔެ ހިނގި ޒުވާބުގައި ޓްރަމްޕް، ޒެލެންސްކީއަށް އިހާނާތް ކުރެއްވި މައްސަލާގައި ޔޫރަޕުން ޒެލެންސްކީއަށް ތައުރީފްކޮށް ޒެލެންސްކީގެ ހިތްވަރަށް ސާބަސް ދީފިއެވެ. ޔޫރަޕްގެ ބައެއް ގައުމުތަކުންވަނީ އެމެރިކާއިން ރަޝިއާފަދަ ޔޫރަޕާ އިދިކޮޅު ގައުމުތަކާ ގާތްވަމުންދާތީ އެކަމާމެދު އިންތިހާއަށް ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ޔުކްރެއިންގެ ރައީސް ވްލަދިމިޔާ ޒެލެންސްކީ އާ ދެމެދު ޒުވާބު ހިނގީ އެމެރިކާ ޔުކްރެއިންއަށް ދީފައިވާ އަސްކަރީ އަދި އިގްތިސާދީ އެހީތަކުގެ ބަދަލުގައި ޔުކްރެއިންގެ އަގުބޮޑު މައުދަންތަކުގެ ބޮޑުބައެއް އެމެރިކާއަށް ދިނުމާބެހޭ އެއްބަސްވުމުގައި ސޮއިކުރުމަށް ޒެލެންސްކީ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ޓްރަމްޕާއެކު ވައިޓް ހައުސްގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން ނިމުނީ އެއްވެސް ކަމެއް ހާސިލް ނުވެ ބޮޑު ޒުވާބަކަށް ވެގެންނެވެ. ޓްރަމްޕާއި ޒެލެންސްކީ ޒުވާބު ކުރެއްވުމާއެކު ވައިޓް ހައުސް ގައި ބޭއްވި އެދެބޭފުޅުންގެ ބައްދަލުކުރެއްވުން ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ. ޒުވާބު ހިނގީ ޓްރަމްޕާއި އޭނާގެ ޓީމަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަޖަމު ނުވުމުގެ ސަބަބުންކަމަށް މުރާސިލުން ބުނެއެވެ. މި ބައްދަލުކުރެއްވުމުގައި ޓްރަމްޕާއި ޒެލެންސްކީގެ މަޝްވަރާތައް ޑިޕްލޮމެޓިކް އުސޫލުން ބޭރުވެ ޒުވާބަކަށް ބަދަލުވެގެން ދިޔައީ ޔުކްރެއިން ހަނގުރާމައާއި އެހަނގުރާމަ ނިމުމަކަށް ގެނައުމުގައި ޒެލެންސްކީ އާއި ޓްރަމްޕްގެ ޚިޔާލު ތަފާތުވުމާއެކު ޒެލެންސްކީގެ ވާހަކަތައް ޓްރަމްޕާއި އޭނާގެ ނައިބު ޖޭޑީ ވާންސްއަށް ހަޖަމު ނުކުރެވިގެން ކަމަށް ޔޫރަޕްގެ މީޑީއާތަކުން ބުނެއެވެ. އަދި މިފަދައިން ކަން ހިނގީ ޚިޔާލު ތަފާތުވުންތައް ބަލައިގަތުމަކީ އެމެރިކާގެ ރައީސްއާއި ނައިބު ރައީސްއަށް ހަޖަމު ކުރެވޭ ކަމަކަށް ނުވުމުންކަމަށް ވެސް ޔޫރަޕްގެ މީޑީއާތަކުންވަނީ ސިފަކޮށްފައެވެ. ޔުކްރެއިން ހަނގުރާމަ ނިމުމަކަށް ގެނެވޭނީ ޔުކްރެއިން އިން ދޫތަކެއް ދީގެންކަމަށް ޓްރަމްޕް ވިދާޅުވުމުން ޒެލެންސްކީ ވަނީ ރަޝިއާ ޔުކްރެއިންގެ ބޮޑު ބައެއް ހިފާފައިވާއިރު އެކަމަށް އަޅާނުލައި ދޫދޭން ދެކޮޅު ހައްދަވައި ހަނގުރާމަ މިހިސާބަށް ދިޔައީ އެމެރިކާއާއި ޔޫރަޕްގެ މަސްލަހަތު ވެސް އޮވެގެންކަމަށް ވިދާޅުވެފައެވެ. ޓްރަމްޕްވަނީ ޔުކްރެއިން ހަނގުރާމައަށް އެމެރިކާ އެތަށް ސަތޭކަ ބިލިޔަން ޑޮލަރެއް ޚަރަދު ކުރިއިރު ވެސް އެއެހީތަކަށް ޒެލެންސީ ޝުކުރު އަދާނުކުރައްވާކަމަށާ އެއީ އެމެރިކާއަށް އިހްތިރާމް ކުޑަކުރުންކަމަށް ވިދާޅުވެ ޒެލެންސްކީއަށް ބަހުގެ ހަމަލާތައް ދެއްވާފައެވެ. މިއާއެކު އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސް ވެސް މިމޭރުމުން ވާހަކަ ދައްކަވައި ޒެލެންސްކީއަށް ބަހުގެ ހަމަލާ ދެއްވިއެވެ. ވައިޓް ހައުސްގައި އޮތް މި ބައްދަލުކުރެއްވުމުގައި ޒެލެންސްކީ ވަށާލައި ތިއްބެވީ ޓްރަމްޕާއި އޭނާގެ ހަރުކަށި ޓީމެވެ. އެމެރިކާގެ ނައިބު ރައީސް އާއި ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ފަދަ ހަރުކަށި ކަމުގައި ހައްދުފަހަނަ އަޅާފައިވާ ބޭފުޅުންނެވެ. މި ބޭފުޅުންވަނީ ޑިޕްލޮމެޓިކް އުސޫލުތަކާ ޚިލާފަށް ވަރަށް ހަރުކަށިކޮށް ޒުވާބުކޮށް ބުލީކުރާ އުސޫލުން ޒެލެންސްކީއަށް ވަރަށް ބޮޑަށް ބަހުގެ ހަމަލާތައް ދެއްވައި އޭނާ ނިކަމެތިކޮށްލާފައެވެ. މިއީ އެމެރިކާގެ ތާރީޚުގައިވެސް ނުހިނގާފަދަ ހަޑިހުތުރު އަމަލެއް ކަމަށް ޔޫރަޕްގެ މީޑީއާ ތަކުން ވަނީ ސިފަކޮށްފައެވެ. ޔުކްރެއިންގެ ހަނގުރާމަ ހުއްޓާލައި ސުލްހަ ގާއިމުކުރަން ޒެލެންސްކީ ބޭނުންނުވާކަމަށް ވިދާޅުވެ ޓްރަމްޕް ޒެލެންސްކީއަށް ބަހުގެ ހަމަލާތައް ދެއްވުމުން ޒެލެންސްކީ ވެސް ދޫނުކުރައްވައި ޓްރަމްޕް އާ ޒުވާބުކުރެއްވިއެވެ. ޒެލެންސްކީ ވެސް ޓްރަމްޕަށާއި ޓްރަމްޕްގެ ޓީމަށް ދޫ ނުދެއްވައި ހަރުކަށިކޮށް ރައްދު ދެއްވަމުން ގެންދިޔުމުގެ ނަތީޖާއަކަށްވީ ބައްދަލުކުރެއްވުން ނިންމާލަން އޮންނަ އުސޫލާ ޚިލާފަށް ބައްދަލުކުރެއްވުމުން ކުއްލި ގޮތަކަށް ޒެލެންސްކީ ނުކުމެވަޑައިގަތުމެވެ. މިނުކުމެ ވަޑައިގަތުން ނޫސްވެރިން ސިފަކުރީ މިއީ ޒެލެންސްކީ ވައިޓް ހައުސް އިން ބޭރުކޮށްލުން ކަމުގައެވެ. ވައިޓް ހައުސް އިން ނުކުމެ ވަޑައިގަތުމަށްފަހު ޒެލެންސްކީ ވަނީ ވައިޓް ހައުސް ގައި ޓްރަމްޕް އާއެކު ހިނގި ޒުވާބާ ގުޅިގެން އެކަމަށް ޓްރަމްޕްގެ ކިބައިން މައާފަށް އެދިވަޑައި ނުގަންނަވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޓްރަމްޕާއި އޭނާއާ ދެމެދު ގޯސްވެގެން ދިޔަ ގުޅުންތައް އަލުން ރަނގަނޅު ކުރުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ