ޔުމްނު މައްސަލައިގެ ރިޔާސީ ކޮމިޝަނުން ޕޯޓަލް ހުޅުވާލާފައި، އެކަމަކު ސިއްރުން މައުލޫމާތު ނުދެވޭ ޔުމްނު މައްސަލައިގެ ރިޔާސީ ކޮމިޝަނުން ޕޯޓަލް ހުޅުވާލާފައި، އެކަމަކު ސިއްރުން މައުލޫމާތު ނުދެވޭ

މާލޭގެ އުސް އިމާރާތެއްގެ މަތިން މިދިޔަ މަހު ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނަށް މައުލޫމާތު ހުށަހަޅަން ހެދި ޕޯޓަލް މިއަދު ހުޅުވާލައިފި އެވެ.
ރިޔާސީ ކޮމިޝަނުން ބުނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އެއްވެސް މައުލޫމާތެއް، ފޮޓޯއެއް، ވީޑިއޯއެއް ނުވަތަ އެއްވެސް ލިޔުމެއް އެ ކޮމިޝަނާ ހިއްސާކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
އެ ޕޯޓަލްއަށް ލިގިން ކުރަން ޖެހެނީ އީ-ފާސް މެދުވެރިކޮށް ކާކުކަން އެނގޭ ގޮތަށެވެ. އެގޮތުން ކޮމިޝަނާ ހިއްސާކުރަން ބޭނުންވާ މައުލޫމާތާއި އެކު ޑޮކިއުމަންޓް ޕޯޓަލްއަށް އެޓޭޗްކުރެވޭ ފީޗާއެއް ހުރެ އެވެ.
ރިޔާސީ ކޮމިޝަނުން މިދިޔަ މަހުގެ 30، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް ޑރ. މުނައްވަރު ވިދާޅުވީ ޕޯޓަލް ހަދާނީ ދުވަހުން ދުވަހަށް އެ ކޮމިޝަނުގެ މަސައްކަތްތައް ފެންނަ ގޮތަށް، މީހުން ކުރާ ސުވާލުތަކަށް ވެސް ޖަވާބު ދެވޭ ގޮތަށް ކަމަށެވެ.
"ކޮންމެވެސް އެރޭންޖްމަންޓެއްގެ ތެރެއިން ޕޯޓަލްއެއް ތައްޔާރުކުރަނީ. އެ ޕޯޓަލްގެ ތެރެއިން ރައްޔިތުންނަށް މައުލޫމާތު ދެވޭނެ. ސުވާލު ވެސް ކުރެވޭނެ. އަދި ސުވާލު ކުރެވުނީމަ އޭގައި ހުންނަ އާންމު ސުވާލުތަކަށް އަޅުގަނޑުމެން ހަމަ ޖަވާބު ދެމުން އަދި އިންޑިވިޖުއަލް ބޭފުޅުން ކުރައްވާ ސުވާލުތަކަށް ވެސް ޖަވާބުދެމުން އަޅުގަނޑުމެން ކުރާ މަސައްކަތް ދުވަހުން ދުވަހަށް ފެންނަ ގޮތަށް ގެންދާނީ،" އޭނާ ވިދާޅުވި އެވެ.
ރިޔާސީ ކޮމިޝަނުގެ ރައީސް މުނައްވަރުގެ އިތުރުން އެ ކޮމިޝަނުގައި ހިމެނެނީ ޑރ. މޫސާ މުރާދު، ޖަބީން މުހައްމަދު އަދި އާމިނަތު އީނާސް އެވެ. ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި މި މައްސަލައިގައި އެ ކޮމިޝަނުން މިނިވަން ތަހުގީގެއް ހިންގާނެ އެވެ.
އެ ގޮތުން އެ މައްސަލައާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތަކީ ކޮބައިތޯ ބަލައި ޔުމްނު ވެއްޓުނު ހާދިސާގެ ހަގީގަތް ހޯދުމުގެ އިތުރުން އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެ ކޮމިޝަނުން އަޅާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
އެ ކޮމިޝަން ދެމި އޮންނާނީ ކޮމިޝަނާ ރައީސް މަތިކުރެއްވި މަސައްކަތް ފުރިހަމަވެއްޖެ ކަމަށް އެމަނިކުފާނު ކަނޑައެޅުމާ ހަމައަށް ކަމަށް ރައީސްގެ ގަރާރުގައި ބަޔާން ކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ