18 މޭގެ ބަޔާ ގުޅޭ
"ހިނގާ އެއްޗަކަށް އޯޑަރުޖަހަން،" ހަމްރާއުގެ ހިޔާލު ހުށައެޅި އެވެ.
"ހިނގާ،" ހޫރައިން ޅަކުއްޖެއްހެން ފޮނިވެލާފައި އެއްބަސްވި އެވެ.
ލޯބިވާ ފިރިމީހާގެ އެންމެ ބީހުމަކުން ވެސް އޭނަގެ ޝަކުވާތައް ފިލައިފި އެވެ.
***
ޕިއްޒާއަށް އޯޑަރުދީފައި ދެ މީހުން ތިބީ ކުރިން ވެސް ތިބި ތަނުގަ އެވެ.
ހޫރައިން އިށީނދެ އިންއިރު ހަމްރާއު ހޫރައިންގެ އުނގުގައި ބޯއަޅައިގެންނެވެ. ޓީވީ
އަޅުވާފައި ހުރިއިރު އެއިން އަންނަމުންދިޔަ ޕްރޮގްރާމަކަށް ހޫރައިންގެ ލޯ
ހުއްޓިފައިވި އެވެ. އޭނަ އެހެން އިނދެގެން ހަމްރާއުގެ އިސްތަށިގަނޑާ ކުޅެމުންދިޔަ އެވެ. ހަމްރާއުއަށް އޮތީ ލޯ މެރިފަ އެވެ. ހޫރައިންގެ އިނގިލިތަކުގެ
ޖާދޫއިން އޭނަގެ ސިކުނޑިއަށް ލިބިފައިވާ ވަރުބަލިކަމުން ކޮންމެވެސް ވަރެއް
ކުޑަވެއްޖެ އެވެ.
ހޫރައިން ބޭނުން ނަމަ އެ ވަގުތު ވެސް ރައިނާގެ ވާހަކަ އެހުނީ
އެވެ. އެކަމަކު އޭނަ ބޭނުން ނުވީ އެ ދެ މީހުންގެ އެ ރީތި ވަގުތުކޮޅަށް ނިމުމެއް
ގެންނާށެވެ. އެ ދެ މީހުންގެ އަމިއްލަ ވަގުތުގެ ތެރެއަށް އެހެން މީހަކު ވައްދަންވީ
ކީއްކުރަން ހެއްޔެވެ؟
"އެ އައީ،" ބެލް ޖެހި އަޑާއެކު ހޫރައިންއަށް
ބުނެވުނެވެ.
"އަންނާނަން،" ހަމްރާއު ލޯ ހުޅުވާލައިފައި
ކުއްލިއަކަށް ތެދުވެއްޖެ އެވެ.
ހޫރައިން ތެދުވެގެން ދުއްވައިގަތީ ބަދިގެއާ ދިމާއަށެވެ.
އޭނަ އެތަނުން ދެ ބިއްލޫރި ތައްޓާއި ފެން ފުޅިއެއްގެ އިތުރުން ޖޫސް ޕެކެޓެއް
ތަބަކަށް ލައިގެން އައިއިރު ހަމްރާއު ހުރީ ޕިއްޒާ ގެނެސް މޭޒުމަތީ ބަހައްޓާފަ
އެވެ. ޕިއްޒާ ކާން އިށީންއިރު މިފަހަރު ރިމޯޓް އޮތީ ހަމްރާއުގެ އަތުގަ އެވެ. އޭނަ
ޗެނަލްތައް ހާވަހަވާފައި ބެހެއްޓީ ކާއެއްޗެހި ތައްޔާރުކުރަމުންދާ މަންޒަރުތަކެއް
ދައްކަމުންދިޔަ ޗެނަލްއެއްގަ އެވެ.
"ވަޓް؟" ހޫރައިން އެ ވަގުތު ބަލައިލި ގޮތް
ފާހަގަވެގެން ހަމްރާއު އެހި އެވެ.
އޭނަ ޕިއްޒާ ފޮއްޗެއް ނަގާފައި ކާން ފެށި އެވެ.
"ކީއްވެ ތީގަ ތި ބެހެއްޓީ؟" ހޫރައިން އޮޅުންފިލުވަން
ބޭނުންވި އެވެ.
"ކާއެއްޗެހި ބަލަމުން ކެއީމަ ހަމަ އެ ފެންނަ އެއްޗެއްގަ
ލާ ރަހަ ލާނީ،" ހަމްރާއު ސަމާސާކޮށްލި އެވެ.
ހޫރައިންގެ ހިނިގަނޑު ފަޅައިގެންދިޔަ އެވެ.
ހަމްރާއުގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވި އެވެ.
އޭނަ ޖޫސް ފޮދެއް ބޯލާފައި ދެވަނަ ފޮތި ނެގި އެވެ.
ހޫރައިންއަށް އެއް ފޮތި ހުސްވިއިރު ހަމްރާއު ހަތަރު ފޮތި
ހުސްކޮށްލާފައި ފަސްވަނަ ފޮތި ނަގަން އުޅުނެވެ.
"ފިރިހެނުން ކީއްވެތަ ކާން އެހާ އަވަހީ؟"
ހޫރައިން ސުވާލުކުރި އެވެ.
"އެއީ އަންހެނުން ކާން ލަސްވީމަ،" ހަމްރާއުގެ
ރައްދު އަވަހެވެ.
"ވެއިޓް، ފިރިހެނުން؟ ދެން ކޮން ބައެއްގެ ވާހަކައެއް
ތިދައްކަނީ؟ އަހަރެން ނޫން ދެން ކާކާއެކު ހޫރައިން މީލްއެއް ޝެއާ ކުރީ؟"
ހަމްރާއު ކުއްލިއަކަށް ހަނދާންވެގެން ކެއުން ހުއްޓާލައިފައި ސީރިއަސްވެފައި
އެހި އެވެ.
ޔަގީން ވެސް ނުވާ ކަމަކާއި ވުޖޫދުގައި ވާކަން ވެސް ނޭނގޭ ފަރާތަކާ ހަސަދަވެގެން ހަމްރާއުގެ ލޮލުން އަލިފާންކަނި ނިކުންނަން ތައްޔާރުވެފައިވާ ކަހަލަ
އެވެ. ހޫރައިންގެ ހިނިގަނޑު ފަޅައިގެން ދިޔަ އެވެ.
"ބުނީމެއްނު ޕާސްޓްގެ އެއްވެސް ވާހަކައެއް އެކަކު
އަނެކަކާ ނުދައްކާނަމޭ. ރިމެމްބާ؟" ހޫރައިން ހަނދާންކޮށްދިނީ މާކުރިން
ހަމްރާއު ނިންމާފައި އޮތް ކަމެއްގެ ވާހަކަ އެވެ. ހޫރައިން ގަސްތުގައި ހަމްރާއު
ތަޅުވާލަން ބޭނުންކުރި އުކުޅެކެވެ.
އޭނަ ކާން އިނދެފައި ބަލައިލީ ހަމްރާއުގެ އަތުގައި އޮތް
ޕިއްޒާ ފޮތި ތަންކޮޅެއް ބާރަށް ފޮށިތެރެއަށް ވައްޓާލީމަ އެވެ. ހޫރައިން އިނީ
އަނެއްކާވެސް ހެވިދާނެތީ ގަދަކަމުން ކޮންޓްރޯލްކޮށްގެންނެވެ. އެކަމަކު ނުސިޔާނުކަން
އޭނަގެ ލޮލުން ފައުޅުވޭވޭ ހުއްޓެވެ.
"ހޫރައިން!!" ހަމްރާއު ތަންކޮޅެއް އަކުރުތަކަށް
ބާރުލައިފައި ގޮވާލި އެވެ.
"ޕްރޮމިސް ވާނީ ޕްރޮމިސްއަކަށް..." ހޫރައިން
މައުސޫމު ގޮތަކަށް ކޮނޑު އަރުވާލައިފައި ޓީވީއަށް ނަޒަރު ހުއްޓައިލި އެވެ.
"ކަމް ހިއާ!" ހަމްރާއު ކެއުމުގެ ހިޔާލު
ދޫކޮށްލާފައި ތެދުވި އެވެ.
ހޫރައިން ވަގުތުން ފުންމައިގެންފައި ހަމްރާއު ދިއްކޮށްލި
އަތުން އޭނަގެ ކޮނޑުގައި ނުހިފެނީސް ފަހަތަށް ޖެހިގެންފައި ގޮސް ސޯފާގެ ފުރަގަހަށް
ވަދެ ހިމާޔަތް ހޯދައިފި އެވެ.
"ހީވަނީތަ އަތުނުވާނެއޭ؟" ހަމްރާއު ހިނގައިގަތީ
އެ ދިމާއަށެވެ.
ހޫރައިން ވެސް ހުރީ ތައްޔާރަށެވެ. ހަމްރާއުއަށް އެ ހިސާބަށް
ދެވެންވާއިރަށް ގޮސް އަނެއް ސޯފާގެ ކޮޅުގައި ހުއްޓިއްޖެ އެވެ. ދެން އޭނަ ބަލައިލީ
އެތަނާއި ކޮޓަރިއާ ހުރި ދުރުމިނެވެ. ދުއްވައިގެންފައި ގޮސް އެތެރެއަށް ވަދެވުނަސް
ހަމްރާއުއަށްވުރެ ކުރިން ތަޅުލެވިދާނެކަމާ މެދު ޝައްކުވި އެވެ.
"މިރޭ ނިދަން ބޭނުމިއްޔާ އަވަހަށް ބަލި
ގަބޫލުކުރަންވީ،" ހަމްރާއު އަނެއްކާވެސް ބާރުބާރަށް ހިނގައިގަތެވެ.
"ކާކުތަ ނުނިދިގެން އުޅެނީ؟" ހޫރައިން
ހީގެންފައި ދެވަނަ ފަހަރު ބަލާލުމަށް ފަހު އަޅައިއިތިކޮށް ކޮޓަރިއާ ދިމާއަށް
ދުއްވައިގެންފި އެވެ.
އޭނައަށް ގޮސް ކޮޓަރިއަށް ވަދެފައި ދޮރު ލައްޕާލެވުނީ
ކިރިޔާ އެވެ. ހަމްރާއު އައިސް ތަޅުގައި ހިފައިފި އެވެ. އެކަމަކު ހޫރައިންއަށް ތަޅުދަނޑި
އަނބުރާލެވުމުން ކާމިޔާބު ލިބުނީ އޭނައަށެވެ.
"ހޫރައިން..." ހަމްރާއު ދޮރުގައި ތަޅައިގަތެވެ.
"ދެން މިރޭ ބޭރުގަ ނިދާލާ!" ހޫރައިން ދޮރާ ދިމާއަށް
ބަލަން ހުރެ ހެމުންހެމުން ގޮސް އެނދުގައި އިށީނެވެ.
ބޭރުގައި ހުރެފައި ހަމްރާއު އަދި ދެ ފަހަރަކު ޖެހި އެވެ.
ދެން އަޑު ކެނޑިއްޖެ އެވެ. ހޫރައިން އިރުކޮޅަކު އިނދެފައި އައިސް ދޮރާ ކައިރިވެލައި ކަންފަތް ޖެހި އެވެ. ޓީވީގެ އަޑު އިވެމުން ދިޔަ އެވެ. ހަމްރާއު
އިންނާނީ އޭނަ ހުސްނުކޮށް އައި ޕިއްޒާ ކާށެވެ. ލަނޑު ލިބުނީ ހަމްރާއުއަށް
އެކަންޏެއްނޫންތާ އެވެ.
ހޫރައިން ހަނދާންވީ ހަމްރާއު ގެނެސްދީފައި ހުރި ޗޮކްލެޓްތަކެއް
އަދިވެސް އެތާ ހުންނާނެ ކަމެވެ. އޭނަ ގޮސް ސައިޑު ޓޭބަލް ހުޅުވާލައިފައި ޗޮކްލެޓެއް
ނަގައިގެން ކާން މަޑުކޮށްލީ އެނދުގަ އެވެ. ފޯނު ހޯދަން އުޅެފައި ހަނދާންވި އެވެ.
ފޯނު ވެސް ވީ ބޭރުގަ އެވެ. ނުނިކުމެ ވާނެ އިތުރު ގޮތެއް ނެތެވެ. އެކަމަކު
އިރުކޮޅަކު އަދި ހަމްރާއު ތަޅުވާލާނީއޭ ހިތަށް އެރި އެވެ.
ދަތް އުނގުޅައިގެން ނިކުމެ ނިދާ ހެދުމަށް
ބަދަލުކޮށްލުމަށް ފަހު ރީތިވާ މޭޒުކައިރީ އޭނަ އިނީ އެ ގަޑިއަށް އާދަވެފައިވާ ބައެއް
ކަންކަން ކޮށްލުމުގަ އެވެ. ކްރީމް ދަޅު މަތި ނަގައިގެން އަތުގައި ހާކަން އިނދެފައި
ދޮރާ ދިމާއަށް ބަލައިލެވުނީ ބޭރުން އަޑެއް އިވުނުހެން ހީވެގެންނެވެ.
މަސައްކަތް ނިމުމުން ތެދުވެގެން ގޮސް އަނެއްކާވެސް ދޮރު
ކައިރީ ހުއްޓުނެވެ. މިހާރު ޓީވީގެ އަޑެއް ވެސް ނީވެ އެވެ. ހޫރައިން ނިކަން
މަޑުމަޑުން ދޮރު ހުޅުވާލި އެވެ. ސިޓިންރޫމް އޮތީ ފަނޑު އަލީގަ އެވެ. އަދި ޓީވީ ހުރީ
ނިއްވާލައިފަ އެވެ. ހަމްރާއު ސޯފާގައި އޮތިއްޔާ އެތާ ހުއްޓަސް އޭނައަކަށް ނުފެންނާ
އެވެ. ޔަގީންވާނެ އޮތީ އެންމެ ގޮތެކެވެ. އެއީ ކައިރިއަށް ދިއުމެވެ. ދުރުގައި
އެ ނޫނަސް އޭނައަށް ހުރެވޭނީ ކިހާ އިރަކު ހެއްޔެވެ؟
ހޫރައިން މަޑުމަޑުން ގޮސް ސޯފާ ކައިރިއަށް ހުއްޓުނެވެ.
ހަމްރާއު އޮތީ ކުޝަންއެއްގައި ބޯ އަޅައިގެން ހަށަން ބަނދެލައިގެންނެވެ.
"ސޮރީ،" ހޫރައިން ދެރަވެއްޖެ އެވެ.
އޭނަ ހަމްރާއުގެ މަގަތުގައި އިށީނދެފައި ހަމްރާއުގެ މުލައްދަނޑީގައި
ދެ އަތުން ހިފައިލި އެވެ.
ހަމްރާއުގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވި އެވެ.
"ހިނގާ އެތެރެއަށް!" ހޫރައިން އާދޭހާއެކު
ބުނެލި އެވެ.
އޭނަ ތެދުވެ އަތަށް ދަމާލިހާއިރުން ހަމްރާއު ދާދި
ފަސޭހައިން ތެދުވެ އޭނައާއެކު ދާން ހިނގައިގަތެވެ. ޕިއްޒާ ފޮށިތައް ނަގައި އެތަން
ރަމަތަކޮށްފައި ހުރިކަން ހޫރައިންއަށް އެނގުނީ އެ ގަޑީ ހަނދާންވެގެން ހޯދައިލީމަ
އެވެ. އޭނަގެ ތުންފަތަށް އިތުރު ހިނިތުންވުމެއް ވެރިވި އެވެ.
***
ފަތިސް ނަމާދަށް ފަހު ދެ މީހުން ކޮފީ ބޯން ތިބީ ބަދިގޭގަ
އެވެ. ބެލްކަނީ ދޮރު ހުޅުވާފައި ހުރުމުން ބޭރަށް ވެހެމުންދިޔަ ވާރޭގެ އަޑާއި
މަންޒަރުން އިތުރު ހިތްގައިމުކަމެއް ގެނެސްދެމުންދިޔަ އެވެ. ޒިކުރު ގުނަން
ހޫރައިން ގެންގުޅޭ ޓެލީ ކައުންޓަރު އަތް ޖެހޭ ހިސާބުގައި އޮތެވެ. ކޮފީ ޖޯޑު ހޫނުވެ
ހޫރައިން އަދި އަތެއްނުލަ އެވެ. ހަމްރާއު އަކީ ތަންކޮޅެއް ހޫނުކޮށް ކަމުދާ މީހަކަށް
ވާތީ އޭނަ އިނީ ޖޯޑު އަތަށް ނަގައިގެން އެ ބުއިމުގަ އެވެ. ދޭތެރެއަކުން މޭޒުމަތީ
ބަހައްޓަ އެވެ.
"ހީކަރުވަންޏާ ދޮރު ލައްޕަންވީއެއްނު،"
ހަމްރާއުއަށް ހޫރައިން އުޅޭ ގޮތް ފެނިގެން ހިޔާލު ދިނެވެ.
އަތްދިގު މަތިކޮޅާއި ހަރުވާޅުގައި ހުރިއިރު ވެސް އޭނަ އިނީ
ފިނިވެ ހަށަން ބަނދެލައިގެންނެވެ. ވާރެއާއެކު ވައިރޯޅިއެއް އަންނަ ގަޑީ
ދަތްޕިލަ ވެސް ކޭއްތިގަންނަ އަޑު ދެ ފަހަރަކު އިވުނުހެން ހީވި އެވެ.
"އެހެން ނޫނީ އާދޭ މިތަނަށް،" ހަމްރާއު ދެވަނަ ހިޔާލެއް
ހުށައެޅީ އަމިއްލަ ފައިގައި އަތުން ޖަހާލައި އިޝާރާތްކޮށްލައިފަ އެވެ.
ހޫރައިން ހީވީ ނުބުނެގެން އިންހެންނެވެ. ރަތްވެފައިވާ
ކޯތާފަތާ އެކު ނިކަން އަވަސް އަވަހަށް ބޯ ޖަހާލައިފައި ހަމްރާއުގެ އުނގަށް ވަދެ
އިށީދެއްޖެ އެވެ. ޖޯޑު ދުރުކޮށްލާފައި ހަމްރާއު އެ ދެ އަތުން ހޫރައިން ވަށާލައި
ގެނެސް ގައިގައި ތަތްކޮށްލި އެވެ.
"ވަރަށް މިސްވާނެ..." އެތެރެއަށް ނޭވައެއް
ދަމާލައި ހޫރައިންގެ މީރު ވަހުން އުފާ ލިބިގަންނަމުން އޭނަ ބުނެލި އެވެ.
"ދެން ނުދާންވީނު،" ހޫރައިންއަށް އެ ނަފްސް
ނުހުއްޓުވެނީސް ބުނެވުނެވެ.
ހަމްރާއުގެ ރައްދެއް ނަ އެވެ.
އެހެންވެ ހޫރައިން ވެސް އިތުރަށް ޖަވާބަކަށް ނޭދެ އެވެ.
ދެ މީހުން އެކަކު އަނެކަކުގެ ހޫނުން ހިތް އުފާކުރުމުގައި އިރުކޮޅަކު އެހެން
ތިއްބެވެ.
"ހިނގާ މިރޭ ޝޮޕިންއަށް ދާން!" ހަމްރާއު ދެން
ވާހަކަ ދެށީ މި މޭރުމުންނެވެ.
ހޫރައިންއަށް އެ މޫނަށް ބަލާނުލައި އިންނަން އުނދަގޫވި
އެވެ. ކުއްލިއަކަށް ހަމްރާއު މި ފެށީ ކޮން ވާހަކައެއް ހެއްޔެވެ؟
އޭނަ ދުރަށް ޖެހިލައިފައި ހަމްރާއުގެ މޫނުގައި ދެ އަތުން
ހިފާލައި ހަތަރުކަޅި ހަމަކޮށްލި އެވެ.
"ކީއްކުރަން ޝޮޕިންއަށް ދަނީ؟ ވެއިޓް، އަހަރުމެން
ހަނީމޫނަށް ފުރަނީތަ؟" ހޫރައިންއަށް ވެގެން އުޅޭ ގޮތް ވިސްނުމާއެކު އުފަލުން ގޮތެއް
ނެތެވެ.
"އަހަންނެއް ނޫން. ހޫރައިން ފުރަނީ. ކިޔަވަން،"
ހަމްރާއު ކޮންމެ ބަހެއްގެ ދޭތެރެއަށް ކުޑަ ހުއްޓުމެއް ގެނެސްފައި ބުނެދިނެވެ.
ހޫރައިން ކޮޅަށް ތެދުވީ އެ ހިސާބުންނެވެ. ދެން ކުއްލިއަކަށް
އެތާ ދެކޮޅަށް ހިނގަން ފަށައިފި އެވެ. އެއް އަތް އުފުލާލައިފައި އަނގައަށް ލައިގެން
ނިޔަފަތި ހަފަން ފެށި އެވެ. ހުއްޓިފައި ހަމްރާއުގެ މޫނަށް ބަލައިލީ ހިތްހަމަނުޖެހިފަ އެވެ.
"ކާކު ދިން ހިޔާލެއް؟ ކާކު ބުނީ އަހަރެން ފޮނުވާލާށޭ؟
އޭނަގެ ނިންމުމެއްތަ މީ؟" ހޫރައިންގެ ވިސްނުން ހުއްޓުނީ ރައިނާއާ ހަމައަށެވެ.
އެ ދެ މީހުން ދުރުކުރަން ބޭނުންވާނެ ހަމައެކަނި ފަރާތަކަށް
ހުންނާނީ ރައިނާ އެވެ.
ހަމްރާއު ތެދުވެގެން އައިސް ހޫރައިންގެ ކުރިމައްޗަށް
ހުއްޓުނެވެ. އޭނަގެ ދެ އަތުން އެ ދެކޮނޑުގައި ހިފާލިއިރަށް ހޫރައިން ކުއްލިއަކަށް
ފަހަތަށް ޖެހިއްޖެ އެވެ. އޭނައަށް ރަނގަޅީ އެ ގަޑީ ހަމްރާއު އޭނަގެ ގައިގައި އަތް
ނުލިއްޔާ އެވެ. ހަމްރާއު ބީހެންޏާ އޭނަގެ ސިކުނޑި ރަނގަޅަށް މަސައްކަތެއް ނުކުރާނެ
އެވެ.
"ހޫރައިންގެ ބައްޕައަށް އަހަރެން ވީ ވައުދެއް އެއީ
ކައިވެންޏަށް ފަހު ވެސް ހޫރައިންގެ ކިޔެވުން ހުއްޓާނުލާ ކުރިއަށް ގެންދަން. ހޫރައިން
ތީ ނުލާހިކު ތޫނުފިލި މޮޅު ކުއްޖެއް. މީ ކިޔަވަންވީ ދުވަސްވަރަކީ ވެސް. ދަރިން ލިބުނީމަ
ތަންކޮޅެއް އުނދަގޫވާނެ. މީ އަހަރެން ހޫރައިން ދެކެ ލޯބިވާތީ ނިންމި ނިންމުމެއް.
މިހާރު ނުވިސްނުނަސް ފަހުން ވިސްނޭނެ،" ހަމްރާއު ދެ އަތް ތިރިކޮށްލާފައި ލޯތްބާ އެކު
ކިޔައިދިނެވެ.
"ނުދާނަން. އެއް ތާކަށް ވެސް ނުދާނަން،" ހޫރައިން ފުރަގަސްދީފައި
ގޮސް ބެލްކަނި ދޮރު ކައިރީ ހުއްޓުނެވެ.
ހަމްރާއުއަށް ކަނދުރާމަތީ ހިފާލެވުނެވެ. އެހާ އަވަހަށް
ދުރަށް ފޮނުވާލަން އުޅެންޏާ ކޮންމެ މީހަކު ވެސް ގޯސްކޮށް ވިސްނާނެ އެވެ.
"މި ބުނީނު ނުދާނަމޭ. ހަމްރާއު އަހަރެން ފޮނުވާލަންޏާ
ފޮނުވަން ޖެހޭނީ ވަރިކޮށްފަ ގެއަށް،" ހަމްރާއު އައިސް ފަހަތަށް ހުއްޓުނުކަން އެނގިގެން ހޫރައިން ނުރުހުމާއެކު
ޖަވާބު ދިނެވެ.
"ހޫރައިން..." ހަމްރާއު ބާރަށް ގޮވާލި ގޮތުން
ހޫރައިން ސިހުނެވެ.
އެނބުރުނުއިރު ހަމްރާއު ހުރީ ރުޅިއައިސްފަ އެވެ. އަތް
މުށްކަވާލައިގެން ބަލަން ހުރެލާފައި ފާރުގައި ޖައްސައިލީ އޭނަގެ ގަޔަށް އަތްލެވިދާނެތީ ކަހަލަ އެވެ. ހޫރައިން އައިސް ހުރި ރުޅި އާއި ހިތާމައިން ލޮލުން ކަރުނަ
އަ އެވެ. އޭނަ އެތަނުން ދާން އުޅުމުން ހަމްރާއު އަނެއް އަތުން އޭނަގެ
މުލައްދަނޑީގައި ހިފާ ހުއްޓުވައިފި އެވެ.
(ނުނިމޭ)
ވާހަކަ: މިތުރާ މަގޭ - ތޭވީސްވަނަ ބައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ