ކްވަރަޝްކޭލިއާ އަކީ އެއް ސީޒަނެއްގައި ދެ ގައުމުގެ ޗެމްޕިއަނެއް ކްވަރަޝްކޭލިއާ އަކީ އެއް ސީޒަނެއްގައި ދެ ގައުމުގެ ޗެމްޕިއަނެއް

ޕެރިސް (މެއި 25) - ޖޯޖިއާގެ ވިންގް، ކްވިޗާ ކްވަރަޝްކޭލިއާ، އެއް ސީޒަނެއްގައި އިޓާލިއަން ލީގުގެ ޗެމްޕިއަންކަމާއި ފްރެންޗް ލީގުގެ ޗެމްޕިއަންކަން ހޯދައި ތާރިހުން ޖާގަ ހޯދައިފި އެވެ.
ޖޯޖިއާގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ކްވަރަޝްކޭލިއާ، 24، ސީޒަން ފެށިއިރު، ހުރީ ނަޕޯލީގަ އެވެ. އެ ޓީމަށް ޖެނުއަރީ ޓްރާންސްފާ މާކެޓް ޖެހެންދެން ވަނީ ކުޅެފަ އެވެ.
އެ ގޮތުން، މި ސީޒަނުގައި، ކްވަރަޝްކޭލިއާ ވަނީ، އިޓާލިއަން ލީގުގެ 17 މެޗުން ފަސް ގޯލު ޖަހައި، ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އޭނާ ވަނީ، އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި ކުޅުނު ނަޕޯލީ ޓީމުގެ ގިނަ މެޗުތަކުގައި ފުރަތަމަ އެގާރައިގައި ވެސް ކުޅެފަ އެވެ.
ޖެނުއަރީ ޓްރާންސްފާގައި ކްވަރަޝްކޭލިއާ ވަނީ، 80 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން ޕީއެސްޖީ އަށް ބަދަލުވެފަ އެވެ. ޕީއެސްޖީއާ ގުޅުމަށް ފަހު، ކްވަރަޝްކޭލިއާ ވަނީ ފްރެންޗް ލީގުގައި އެ ޓީމަށް 14 މެޗުގައި ކުޅެދީފަ އެވެ. ސީޒަނުގެ ފަހު ހަ މަސް ތެރޭ ޕީއެސްޖީން ދެއްކި މޮޅު ކުޅުމުގައި ކްވަރަޝްކޭލިއާ ދެއްކި ތަފާތު ފާހަގަކުރަން ޖެހެ އެވެ. އެ ގޮތުންް، ކްވަރަޝްކޭލިއާ ވަނީ އެ މެޗުތަކުގައި، ހަަތަރު ގޯލު ޖަހައި، ތިން ގޯލު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ.
ރަނގަޅު ރެކޯޑަކާ އެކު، ދެ ގައުމުގެ ޗެމްޕިއަން މެޑަލް ހާސިލްކުރި ކްވަރަޝްކޭލިއާ އަކީ، މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޕީއެސްޖީ ގެންގޮސްދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އެ ގޮތުން، ޕީއެސްޖީގެ ކޯޗު، ލުއިސް އެންރީކޭގެ ޕްލޭނުގައި މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދިޔަ ކްވަރަޝްކޭލިއާ، ޗެމްޕިއަންސް ލީގުގެ އަށް މެޗުގައި ކުޅެ، ދެ ގޯލު ޖަހައި، ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.
ޕީއެސްޖީގެ ތާރީހުގައި ދެ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އެ ޓީމުން ނުކުންނާނީ އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށެވެ. ޗެމްޕިއަންސް ލީގަކީ، ޕީއެސްޖީން އެންމެ ބޭނުންވާ ތަށްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ