އޭޝިއާގެ އެތުލެޓިކްސްގެ މައި ޖަމިއްޔާ، އޭޝިއަން އެތުލެޓިކްސް އިން ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަންގެ ކުރީގެ ރައީސް، މުހައްމަދު ތޮލާލް ކުރެއްވި ހިދުމަތުގެ އަގުވަޒަންކޮށް، ލީޑަޝިޕް އެވޯޑް އަރުވައިފި އެވެ.
އޭޝިއާ އެތުލެޓިކްސްގެ ރައީސް، ގަތަރުގެ ދަހްލާން އަލް ހަމަދު، ރޭ ދެކުނު ކޮރެއާގެ ގޫމީގައި ބޭއްވި އޭޝިއާގެ އެތުލެޓިކްސްގެ ކޮންގްރެސްގެ ތެެރެއިން، ވަނީ ތޮލާލްގެ ހިދުމަތުގެ އަގުވަޒަންކޮށް ލީޑަޝިޕް އެވޯޑް ހަވާލުކުރައްވައިފަ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސްގެ މަގާމު ތިން ވަނަ ދައުރަކަށް ފުރުއްވަމުން އައި، ތޮލާލް، ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނަރުގެ މަގާމާ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުވެވަޑައިގަތުމަށް ފަހު، އެތުލެޓިކްސްގެ އެ މަގާމުން ވަކިވެވަޑައިގެންފަ އެވެ. އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްކަން ވެސް ކުރެއްވި ތޮލާލް، ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް އައްޔަނުކޮށްފައިވަނީ މިނިސްޓަރު ފެންވަރުގަ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސްގެ މަގާމް 2012 ވަނަ އަހަރުން ފެށިގެން ފުރުއްވަމުން އަންނަ ތޮލާލްގެ އެކިއެކި ދައުރުތަކުގައި ރާއްޖޭން ވަނީ ބައިނަލްއަގުވާމީ ލެވަލްގައި އެތުލެޓިކްސްގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ.
ތޮލާލްގެ ލީޑަޝިޕްގައި، އެތުލެޓިކްސް އިން ވަނީ ރާއްޖެ އަށް ބައިނަލްއަގުވާމީ އެކި މުބާރާތްތަކުގައި ގިނަ މެޑަލްތަކެއް ހާސިލްކޮށްފަ އެވެ.
ފާއިތުވި އަހަރުތަކަށް ބަލާއިރު، ރާއްޖޭގެ އެތުލެޓިކްސް އަށް ތޮލާލްގެ ލީޑަޝިޕްގެ ދަށުން ބައިނަލްއަގުވާމީ ލެވަލްގައި ގިނަ ކުރިއެރުންތަކެއް ވަނީ ލިބިގެންގޮސްފަ އެވެ. އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމަށް ތޮލާލް އިންތިހާބުވީ، 2021 ވަނަ އަހަރު ބޭއްވި އިންތިހާބުގައި، ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ)ގެ ޓީމުގައި ހިމެނިވަޑައިގެންނެވެ.
އޭޝިއަން އެތުލެޓިކްސް އިން ތޮލާލް އަށް ލީޑަޝިޕް އެވޯޑް އަރުވައިފި އޭޝިއަން އެތުލެޓިކްސް އިން ތޮލާލް އަށް ލީޑަޝިޕް އެވޯޑް އަރުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ