ރޭއަޅުކަމުގެ ތެރެއިން ވިތުރި އެކަނި ނަމަވެސް ކުރާނަމަ ލައްވަވާ ރަޙްމަތް ވަރަށް ބޮޑުވާނެ! އިން ޝާ ﷲ

ވިތުރި ކުރުމާއިބެހޭ ގޮތުން މިއަދުނޫހުގައި ލިޔާ ލިޔުންތަކާއި ގުޅިގެން ބައެއް ކިޔުންތެރިން ތަފާތު ސުވާލުތައް ތަކުރާރުކޮށް ކުރައްވަމުން ގެންދަވާތީ އުފާކުރަމެވެ. އެކަމުން އެނގެނީ ވިތުރިކުރަން ފަށަން ބޭނުންވާ މީހުން ގިނަވާކަމެވެ. އަދި ގިނައިން ސުވާލުކުރަނީ އަންހެނުންކަމަށްވާތީ ވެސް އުފާކުރަމެވެ. ތަޤްވާރިކަންމަތީގައި ދަރިން ތަރުބިއްޔަތު ކުރެވޭނީ މައިންގެ ތަޤްވާވެރިކަން އިތުރުކުރެވިގެންކަމަށްވާތީއެވެ.  
ވިތުރިކުރުން އެންމެ ރަނގަޅީ އެކަމަސް ދަތިކަމެއް ނެތް ނަމަ ގޭގައެވެ. އެހެންކަމާއިއެކުވެސް ބައެއް ފިރިހެނުން ޢިޝާނަމާދަށްފަހު މިސްކިތުގައި ވިތުރިކުރެއެވެ. އެފަދަ މީހުންނަށް ބުނެލަން އޮތީ މިސްކިތުގައި ވިޔަސް، ޢިޝާނަމާދަށްފަހުގައި ވިތުރިކުރާށެވެ. ވިތުރި ނުކޮށް ނުނިދަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ވަޞިއްޔަތްކުރައްވަވައިފައެވެ.  
ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި މިގެނެސްދެނީ ނިދުމަށްފަހު ފަތިސްވުމުގެ ހޭލައިގެން ވިތުރި ނުކުރެވޭނެ މީހަކު ވިތުރި ނުކޮށް ނުނިދަންވީ ސަބަބުތަކެވެ. 
ހަމަ އެއާއިއެކު ވިތުރިއަކީ އެންމެ ރަކްޢަތަކުންވެސް ކުރެވެން އޮތް ނަމާދެކެވެ. އެހެނީ ވިތުރީގެ އެންމެ މަދުމިނީ ރަކްޢަތެކެވެ. ނަމަވެސް ރަނގަޅު ގޮތަކީ މަދުވެގެން 3 ރަކްޢަތްކުރުމެވެ. ވިތުރި ހިމެނިގެންވަނީ ރޭއަޅުކަމުގެ ތެރެއިންނެވެ. ވީމާ ރޭއަޅުކަންކުރާ މީހަކަށްވުމަށްވެސް ވިތުރުކުރުމަކީ އެކަމުގެ ފައިދާކުރާނެއެވެ.  
ވިތުރީގެ ވަގުތު:  
ވިތުރީގެ ވަޤިތަށް ބަލައިފިނަމަ ވިތުރިއަކީ އެނަމާދުކުރުމަށް އެންމެ ގިނަ ވަޤުތު ލިބިގެންވާ ނަމާދެވެ. އެހައި ގިނަ ވަޤުތުތަކެއް ދެއްވެވުމުން ވެސް ނުކޮށް ދޫކޮށްލަން ހެޔޮވާނީ ކިހިނަކުންހެއްޔެވެ؟
ޢިޝާ ނަމާދު ކުރުމުން އެއޮތީ ވިތުރީގެ ވަގުތު ވަދެފައެވެ. މަޣްރިބާއި ޢިޝާ އިސްކޮށް ޖަމްޢުކޮށް ކުރިނަމަވެސްއެވެ.ފަޖުރު ލުމާއި ހަމައަށް ވިތުރީގެ ވަގުތު ދެމިގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ.
(إِنَّاللَّهَقَدْأَمَدَّكُمْبِصَلاةٍوهيالْوِتْرُجَعَلَهُاللَّهُلَكُمْفِيمَابَيْنَصَلاةِالْعِشَاءِإِلَىأَنْيَطْلُعَالْفَجْرُ)رواهالترمذي،މާނައަކީ: "ހަމަކަށަވަރުން ﷲ ތަޢާލާ ތިޔަބައިމީހުންނަށް ވަގުތު ދެމިގެންވާ ނަމާދެއް ލައްވައިފިއެވެ. އެއީ ވިތުރިއެވެ. ޢިޝާ ނަމާދުން އަވަދިވީއްސުރެ ފަޖުރުލުމަށް ދާންދެން ވިތުރީގެ ވަގުތު ދެމިގެންވެއެވެ". 
ވިތުރި ކުރާނެ ގޮތް:
ވިތުރިއަކީ ﷲ އަށް ކުއްތަން ވުމުގެ ގޮތުން ކުރެވޭ ވަރަށް މާތްކަން ބޮޑު އަޅުކަމެކެވެ. އެހެންކަމުން ޙަނަފީ މަޛްހަބުގައި ވިތުރިއަކީ ވާޖިބެކެވެ. އެހެންނަމަވެސް އޭގެ އެންމެ ރަގަޅު ގޮތަކީ ވިތުރި އަކީ ވާޖިބެއް ނޫންކަމާއި އެއީ ގަދަވެގެންވާ ސުންނަތެއް ކަމެވެ. ކޮންމެ މުސްލިމަކުވެސް އެނަމާދަށް ރައްކާތެރިވުމަށް ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ.
އިމާމު އަޙްމަދު ވިދާޅުވެފައިވެއެވެ: "ވިތުރި ދޫކޮށްލައިފިމީހަކީ ހެކިބަސް ގަބޫލު ނުކުރެވޭ ވަރުގެ ގޯސް މީހެކެވެ". 
ވިތުރީގައި ރަގަޅީ ވަގުތުގެ ކުރީކޮޅުގައި ކުރުންބާ ނުވަތަ ފަހުބައިގައި ކުރުންބާ؟ 
ރޭގަނޑު ދަމުނަމާދު ކުރުމަށް ނިޔަތް ގަންފައިވާ މީހާ އަށް މާތްކަން ބޮޑުވެގެންވަނީ ވިތުރި ލަސްކޮށްލުމެވެ. ސަބަބަކީ ވިތުރި އަކީ ރޭގަނޑުގެ އެންމެ ފަހު ނަމާދު ކަމަށްވީތީއެވެ. ނަމަވެސް ދަމުނަމާދަށް ނުތެދުވެވިދާނެ ކަމުގެ ބިރު އޮތް މީހާގެ ޙައްގުގައި ވިތުރީގެ އެންމެ ރަގަޅު ވަގުތަކީ ނިދުމުގެ ކުރިން ކުރުމެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ-ޙަދީޘް ކުރެއްވިއެވެ.
(مَنْخَافَأَنْلايَقُومَمِنْآخِرِاللَّيْلِفَلْيُوتِرْأَوَّلَهُوَمَنْطَمِعَأَنْيَقُومَآخِرَهُفَلْيُوتِرْآخِرَاللَّيْلِفَإِنَّصَلاةَآخِرِاللَّيْلِمَشْهُودَةٌوَذَلِكَأَفْضَلُ )رواهمسلم
މާނައަކީ: "ރޭގަނޑުގެ ފަހުބައިގައި އަޅުކަން ކުރުމަށް ނުތެދުވެވިދާނެ ކަމުގެ ބިރުއޮތް މީހާ ވަގުތުގެ ކުރީކޮޅުގައި ވިތުރި ކުރާ ހުށި ކަމެވެ. ރޭގަނޑުގެ ފަހުބައިގައި އަޅުކަން ކުރުމަށް ތެދުވުމަށް ގަޞްދުކޮށްފައިވާ މީހާ ރޭގަނޑުގެ ފަހުބައިގައި ވިތުރި ކުރާ ހުށިކަމެވެ. ރޭގަނޑުގެ އެންމެ ފަހުވަގުތުގައި ކުރެވޭ ނަމާދަކީ ހެކިވެވިގެންވާ ނަމާދެކެވެ. އެއީ އެންމެ މާތް ނަމާދެވެ". 
ވިތުރީގެ އެންމެ މަދު މިންވަރު: 
ވިތުރީގެ އެންމެ މަދު މިންވަރަކީ ރަކްޢަތެކެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (الْوِتْرُرَكْعَةٌمِنْآخِرِاللَّيْلِ)رواهمسلم
މާނައަކީ: "ވިތުރި އަކީ ރޭގަނޑުގެ ފަހުބައިގައި ކުރެވޭ ރަކްޢަތެކެވެ".  
އެހެން ޙަދީޘެއްގައިވެއެވެ.
(صَلاةُاللَّيْلِمَثْنَىمَثْنَىفَإِذَاخَشِيَأَحَدُكُمْالصُّبْحَصَلَّىرَكْعَةًوَاحِدَةًتُوتِرُلَهُمَاقَدْصَلَّى)رواهالبخاري (911) ومسلم (749)،
މާނައަކީ: "ރޭގަނޑުގެ ނަމާދުތައް ދެރަކްޢަތުން ދެރަކްޢަތުން ކުރާށެވެ. އަދި ފަތިސްވަގުތު ވެދާނެކަމަށް ބިރު ހީވުމުން ވިތުރީގެ އެއްރަކްޢަތް ކުރާހުށި ކަމެވެ".
ވިތުރީގެ އެއް ރަކްޢަތް ކުރިޔަސްވެސް ރަގަޅެވެ. އަދި ތިން ރަކްޢަތާއި ފަސްރަކްޢަތް އަދި ހަތް ރަކްޢަތް އަދި ނުވަ ރަކްޢަތްވެސް ކުރެވިދާނެއެވެ. 
ވިތުރީގައި ތިން ރަކްޢަތް ކުރާނަމަ މަޝްރޫޢު ދެގޮތެއްވެއެވެ. އެއީ:  
ފުރަތަމަ ގޮތަކީ: ތިންރަކްޢަތް އެއްކޮށް އެއް އައްތަޙިއްޔާތަކުން ކުރުމެވެ. ދަލީލަކީ ޢާއިޝަތުގެފާނުގެ ރިވާޔަތެވެ. (كانيوتربثلاثلايقعدإلافيآخرهن) މާނައަކީ: "ރަސޫލުﷲ-ޞައްލަﷲ އަލައިހި ވަސައްލަމަ ވިތުރީގައި ތިން ރަކްޢަތް ކުރައްވައެވެ. އޭގެ އެންމެ ފަހު ރަކްޢަތުގައި މެނުވީ އިށީނދެ ވަޑައެއް ނުގަންނަވައެވެ".  
ދެވަނަ ގޮތަކީ: ދެރަކްޢަތް ކޮށްފައި ސަލާމް ދިނުމެވެ. އެއަށްފަހު ތިންވަނަ ރަކްޢަތް ވަކިން ކުރުމެވެ. لماوردعنابنعمررضياللهعنهما : أنهكانيفصلبينشفعهووترهبتسليمة،وأخبرأنالنبيصَلَّىاللَّهُعَلَيْهِوَسَلَّمَكانيفعلذلك)
މާނައަކީ: އިބްނު ޢުމަރު -ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިތުރީގައި ދެރަކްޢަތް ކުރެއްވުމަށްފަހުގައި ސަލާމް ދެއްވައެވެ. އަދި ތިންވަނަ ރަކްޢަތް ވަކިން ކުރައްވައެވެ. މިއީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވި ގޮތެއްކަމުގައި އިބްނު ޢުމަރު -ރަޟިޔަﷲ ޢަންހު- ވިދާޅުވެއެވެ". 
ނަމަވެސް ވިތްރީގައި ފަސްރަކްޢަތް ނުވަތަ ހަތް ރަކްޢަތް ކުރާނަމަ ހުރިހާ ރަކްޢަތެއް ނިމިގެން އެއް ފަހަރު އައްތަޙިއްޔާތު ކިޔާނީ އެވެ. އެދެމެދުގައި އައްތަޙިއްޔާތެއް (މެދު އައްތަޙިއްޔާތެއް) ނާންނާނެއެވެ.
لماروتعائشةرضياللهعنهاقالت : كانرسولاللهصَلَّىاللَّهُعَلَيْهِوَسَلَّمَيصليمنالليلثلاثعشرةركعةيوترمنذلكبخمسلايجلسفيشيءإلافيآخرها)
މާނައަކީ: ޢާއިޝާ ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާވެގެންވެއެވެ. ރޭގަނޑުގެ ނަމާދުގައި ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ތޭރަ ރަކްޢަތް ކުރައްވައެވެ. އޭގެ ތެރެއިން ފަސްރަކްޢަތަކީ ވިތުރިއެވެ. އެދެމެދުގައި އެންމެ ފަހު ރަކްޢަތުގައި މެނުވީ އިށީނދެ ވަޑައެއް ނުގަންނަވައެވެ". އެބަހީ: ފަސްވަނަ ރަކްޢަތުގައި މެނުވީ އައްތަޙިއްޔާތު ވިދާޅެއް ނުވެއެވެ.  
ވިތުރީގައި ނުވަ ރަކްޢަތް ކުރާނަމަ ފުރަތަމަ އަށް ރަކްޢަތް ކުރާނީ މެދުކެނޑުމެއް ނެތިއެވެ. މާނައަކީ ދެރަކްޢަތުން ދެރަކްޢަތުން ސަލާމްދިނުމެއް ނުވަތަ އައްތަޙިއްޔާތަށް އިށީނުމެއް ނެތިއެވެ. އައްތަޙިއްޔާތަށް އިށީންނާނީ އަށްވަނަ ރަކްޢަތުގައެވެ. އެއަށްފަހު ތެދުވެ ނުވަވަނަ ރަކްޢަތް ކުރެއްވުމަށްފަހުގައި ސަލާމް ދޭނީއެވެ. 
ވިތުރީގައި އެގާރަ ރަކްޢަތް ކުރާނަމަ ކޮންމެ ދެރަކްޢަތަކުން ސަލާމްދޭން ޖެހޭނެއެވެ. އަދި އެންމެ ފަހުން އެއް ރަކްޢަތް ވަކިން ކުރަން ޖެހޭނެއެވެ.  
ވިތުރީގައި ކިޔަވަން އެންމެ އައުލާކަން ބޮޑު ސޫރަތްތަކަކީ ފުރަތަމަ ރަކްޢަތުގައި ސޫރަތުލް ފާތިޙާ އަށް ފަހުގައި ސޫރަތުލް އަޢްލާ. ދެވަނަ ރަކްޢަތުގައި ސޫރަތުލް ފާތިހާ އަށް ފަހުގައި ކާފިރޫން ސޫރަތް އަދި ތިންވަނަ ރަކްޢަތުގައި ސޫރަތުލް ފާތިހާ އަށް ފަހުގައި އިޚްލާޞް ސޫރަތެވެ.والله أعلم  
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ