ޢިބްރަތެރި ވާހަކަ: ކައިވެންޏަށްފަހު އަބަދު ހިތްހަމަނުޖެހި ބިރުން ހުންނަން ޖެހުމަކީ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓިގެންދާ ކަމެއްކަން ތަޖުރިބާކުރަންޖެހުނު އަންހެނެއްގެ ވާހަކަ-

އެއިރު އަލުގަނޑުގެ ޢުމުރުން 26 އަހަރެވެ. އޮފީހެއްގައި ވަޒީފާ އަދާކުރަމެވެ. ރަނގަޅު މުސާރައެއްވެސް ލިބެއެވެ. އެއިރު ދިއައީ ކައިވެނިކުރުމާއިމެދު ވިސްނަމުންނެވެ. ނަމަވެސް ބައިވަރިއަކު ހޯދަން އަވަސް އަރުވާލައިގެން ނުއުޅެމެވެ. ކެތްތެރިވެލައިގެން ހުރީއެވެ.  
އެހެން ހުއްޓައި އޮފީހުގައި އެކުގައި މަސައްކަތްކުރާ މީހަކު އަޅުގަނޑާއި ގުޅެން ބޭނުންވުމުން އެކަން ޤަބޫލުކުރީމެވެ. ކައިވެނިކުރީމެވެ. އޭނާގެ ކިބައިން އިފީހުގައި ފެންނަ ރިވެތި އަޚްލާޤަކީ އޭނާގެ ޙަޤީޤީ ސިފަކަމަށް އުންމީދުކޮށްގެންނެވެ.  
ނަމަވެސް ކަންތައްތައް މެދުވެރިވީ އެގޮތަކަށް ނޫނެވެ. އޭނާގެ ޙަޤީޤީ ސިފަ ފެންނަން ފެށީ ކައިވެނިކޮށް އެކުގައި ދިރިއުޅެން ފެށުމުންނެވެ. އޭނާގެ ކުރިމަތީގައި އަނބިމީހާއަކީ އަޅެކެވެ. ނޯކަރެކެވެ. އަނބިމީހާއަށް އަބަދުވެސް ކުރަންޖެހޭނެ ކަމަކީ ފިރިމީހާއަށް ބޭނުންވާ ކަންކަން ކޮށްދިނުމެވެ. ބުނާއިރަށް އެބުނާކަމެއް ކޮށްދިނުމެވެ. އަމުރުވެރި ރާގަށް ނޫނީ ބަހެއްވެސް ނުބުނާނެއެވެ.  
އެފަދަ ގޮތަކަށް ދިރިއުޅެން ޖެހުމުން އެކަންވީ ބޮޑު ނަފްސާނީ ބައްޔަކަށެވެ. ދުވަސްކޮޅެއްވީއިރު ފިރިމީހާ ފެނުމުން އުފާވުމުގެ ބަދަލުގައި ބިރުގަންނަން ފަށައިފިއެވެ. އަބަދުވެސް ހުރެވެނީ ކުށެއް ކުރެވިދާނެތީ ބިރުންނެވެ. އެކަމުގެ ނޭދެވޭ އަސަރު ވަޒީފާގައި މަސައްކަތްކުރާއިރުވެސް ފެންނަން ފަށައިފިއެވެ. ކަމަކު ބޭނުންވެގެން ވެރިއަކު ގޮވައިލި ނަމަވެސް ސިއްސައިގެންދާން ފަށައިފިއެވެ.  
އެހެންވެ ވަޒީފާ ގެއްލިދާނެތީވެސް ކަންބޮޑުވެވެން ފަށައިފިއެވެ. ވަޒީފާ ގެއްލޭތަނުން ވަރިކޮށްލައިފިނަމަ ދެން ކަންކަން މެދުވެރިވެދާނެ ގޮތަކާއިމެދު ވިސްނެން ފަށައިފިއެވެ. ވަޒީފާ ގެއްލޭތަނުން ވަރިކޮށްލައިފިނަމަ ދެން އުޅެންޖެހޭނެ ދަތިޙާލާއިމެދު ވިސްނެން ފަށައިފިއެވެ.  
އެހެންވެ ވަރިވާން ނިންމީމެވެ. އެއީ އަބަދު އަނިޔާ ލިބިލިބި ހުރުމަށްވުރެ އެކަނި ހުރުންވެސް މާރަނގަޅުވާނެ ކަމަށް ޤަބޫލުކުރެވުމުންނެވެ. އެހެންވެ ވަރިވާން ބޭނުންވާހަކަ ބުނުމުން އަޅުގަނޑަށް ނުކުރާ މަލާމާތެއް ނެތެވެ. އަޅުގަނޑާއި ކައިވެނިކުރާހައި ރީތި، ރަނގަޅު މީހަކު ނުވާނެ ކަމަށާއި ދެން ކައިވެނިކުރަންޖެހޭނީ އެއްވެސް އަގެއް ނެތް މުކޮހަކާ" ކަމަށްވެސް ބުންޏެވެ.  
އެއްދުވަހެކެވެ. ފިރިމީހާގެ އަންހެން ކޮއްކޮ އާއި މަންމަ ގެއަށް އައި ދުވަހެކެވެ. އެމީހުންނަށް ކައްކައިދިން އެއްޗެތީގެ ރަހަ މީރުކަމަކަށް ނުވިއެވެ. އެމީހުން ނުކުރާ މަލާމާތެއް ނެތެވެ. ކިޔާނެހައި އެއްޗެއް ކިޔައި ކުރާނެހައި މަލާމާތެއް ކޮށްފައި ދިއުމުން އެމީހުން އެދެއްކި ވާހަކަތަކަށް ބަހެއް ނުބުނީ ކީއްވެގެންތޯ އާއި އަބިމީހާގެ ދިފާޢުގައި އެއްވެސް ބަހެއް ނުބުނީ ކީއްވެގެންތޯ ސުވާލުކުރީމެވެ. އަދި ކެއްކި އެއްޗެތީގެ ރަހަ ނުބައި ނޫންކަން އެނގޭއިރު އެންމެ ކުޑަމިނުން އެކަމަށްވެސް ބަހެއް ނުބުނީ ކީއްވެގެންތޯ ސުވާލުކުރީމެވެ.  
ޖަވާބުގައި ބުނީ މިއީ އޭނާގެ ގެ ކަމަށާއި އޭނާގެ ގޭގައި އޭނާގެ ޢާއިލާއިން ކުރާ އެއްވެސް ކަމަކަށް ބަހެއް ނުބުނާނެ ކަމަށެވެ. އެމީހުންނަށް ކޮންމެ ވާހަކައެއް ދެއްކުމުގެ ޙައްޤުވެސް ލިބިގެންވާނެ ކަމަށެވެ. އަދި ބޭނުންނަމަ، އެކަމަށް ނުރުހޭނަމަ އަޅުގަނޑަށް އެގެއިން ނުކުމެގެން ދެވިދާނެ ކަމަށެވެ.  
ލިބުނު ފުރުޞަތުގެ ބޭނުން ހިފައި ފޮށި ހިފައިގެން ގެއިން ނުކުންނަން އުޅުމުން ހުއްޓުވަން މަސައްކަތްކުރިއެވެ. މާފަށްވެސް އެދިނެވެ. ދެވަނަ ފުރުޞަތަކަށްވެސް އެދުނެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް އަޅުގަނޑަކަށް އެއްބަހެއް ނުވެވުނެވެ. ގެއިން ނުކުމެގެން ދިއައީއެވެ. ކޯޓަށް ހުށަހަޅައިގެން ވަރިވެސްވީމެވެ.  
އެހިސާބުން އެކަނި 2 އަހަރެއްހައި ދުވަހު ހުރެފައި ބައްދަލުވި ޒުވާނަކާއި ގުޅި ކައިވެނިކުރީމެވެ. އޭނާއަކީ ވަރަށް ތަޤްވާވެރި، ހިތްހެޔޮ ޒުވާނެކެވެ. ކުރީގެ ފިރިމީހާގެ ހުރި އެއްވެސް ނުބައި ސިފައެއް އޭނާގެ ކިބައަކު ނެތެވެ. ދެމީހުން އެކުގައި ގޭގައި ތިބޭއިރު ހުސްވަޤުތެއްނަމަ އަބަދުވެސް އޮންނަނީ ސަމާސާކުރުމެވެ. ހިތް އުފާކުރުމެވެ.  
އެހެންކަމާއިއެކުގައިވެސް ކުރީގެ ފިރިމީހާގެ ސަބަބުން ސިކުނޑިއަށް ލިބިފައި ހުރި ގެއްލުންތަކުން އަރައިގަނެވުނީ އަހަރެއްހައި ދުވަސްފަހުންނެވެ. އެކަމަށް ފިރިމީހާގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންނެވެ. އަޅުގަނޑުމެންގެ ކައިވެންޏަށް މިހާރު 15 އަހަރުވެއްޖެއެވެ. 5 ދަރިންވެސް ވަނީ ލިބިފައެވެ. ދިރިއުޅެމުން މިއަންނަނީ ހަމަ ވަރަށް އުފަލުގައެވެ.  
ނިންމާލުމުގެ ކުރިން ކުރީގެ ފިރިމީހާގެ ވާހަކައެއްވެސް ބުނެލާނަމެވެ. އޭނާ މިހާރުވެސް އަޅުގަނޑުގެ އިތުރުން 4 ކައިވެނިކޮށްފިއެވެ. އަދި މިހާރުވެސް ހުރީ އެކަންޏެވެ. އެއިގެ ތެރެއިން 3 އަނބިންނަށް ވަނީ ދަރިން ލިބިފައެވެ. އަބަދުހެން އުޅެނީ ކޮންމެވެސް ކަމަކުން ސަލާމަތް ނުވެވިގެންނެވެ.  
މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ އަޅުގަނޑުގެ ކުރީގެ ފިރިމީހާ ފަދަ ފިރިއަކު ލިބިއްޖެ ނަމަ، ނޫނީ ފިރިއަކަށް ލިބުނީ އެފަދަ މީހަކު ނަމަ ޙަޔާތުގެ ދުވަސްތައް ބޭކާރުކޮށްލަން ނުހަދާށެވެ. އަނބިމީހާގެ އަގު ވަޒަންނުކުރާ ފިރިއަކާއިއެކު ދިރިއުޅެން މަސައްކަތް ނުކުރާށެވެ! އަވަހަށް އެމީހެއްގެ ކިބައިން ސަލާމަތްވާށެވެ! ނަފްސާނީ ބަލިކަމެއްގެ ތެރެއަށް ވެއްޓި އަމިއްލައަށް ހަލާކުވެގެން ނުދާށެވެ!  
އަހަރެމެން، އަނބިން، ރަނގަޅު ގޮތުގައި ތިބޭނަމަ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެކަމަށް ޝައްކުވެސް ނުކުރާށެވެ! މިހެން މިބުނަނީ އެކަންކަން އަހުރެން މިހުރީ ވަރަށް ރަނގަޅަށް ތަޖުރިބާކޮށްގެން ކަމަށްވާތީއެވެ.
 
- ޒާހިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ