ހުޅުމާލޭގައި ހަދާފައިވާ އޮޅުހިޔާގައި ބަލަހައްޓާ ބުޅަލުގެ އަދަދަށް ވުރެ، އެތަން ބަލަހައްޓާ އެގްރިކަލްޗާ މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަކަން ހާމަވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ކުރެއްވި ސުވާލުގެ ޖަވާބުގައި އެގްރިކަލްޗާ މިނިސްޓަރު މަރްޔަމް މާރިޔާ ވިދާޅުވީ އޮޅުހިޔާގައި މި ވަގުތު ގެންގުޅެމުން ދަނީ 30 ބުޅާ ކަމަށެވެ.
އެ މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދަކީ 48 ކަމަށް މާރިޔާ ވިދާޅުވި އެވެ.
އޮޅުހިޔާ ހުޅުވައިގެން އެތައް މަހެއް ވެގެން ދިޔައިރު މާލޭގެ މަގުތަކުން ބުޅާތައް ނަގައިގެން ނުގެންދާތީ މީހުންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.
މިނިސްޓަރު މާރިޔާ މިއަދު ވިދާޅުވީ ބުޅާތައް ރަނގަޅަށް ގެންގުޅެވޭނެ ވަސީލަތް އޮޅުހިޔާގައި ނެތް ކަމަށާއި މާލޭގެ މަގުތަކުން ހުރިހާ ބުޅާތައް އޮޅުހިޔާތައް ގެންގޮސް ރަނގަޅަށް ބަލަހައްޓަން ފެށޭނީ އެކަމާ ގުޅޭ ހާއްސަ ގާނޫނު މަޖިލީހުން ފާސްކޮށް އަމަލުކުރަން ފެށުމުން ކަމަށެވެ.
އެގްރިކަލްޗާ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދު މިނިސްޓަރު ހާމަކުރި ނަމަވެސް ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ ޖުމުލަ އަދަދު ހާމަކުރަން ރައީސް އޮފީހުން ވަނީ ދެކޮޅު ހަދައިފަ އެވެ.
މެއި 3، ގައި ފާހަގަ ކުރި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވި ދިގު ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ގިނައިން ސުވާލު އަމާޒުވީ ސަރުކާރަށް އެމަނިކުފާނު އައްޔަން ކުރައްވާފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަ ނުކުރާތީ އެވެ.
މި ސަރުކާރަކީ ހާމަކަން ބޮޑު ސަރުކާރަކަށް ވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިޔަސް، ސިޔާސީ މުވައްޒަފުންގެ ޖުމުލަ އަދަދުތައް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ. މައުލޫމާތު ހޯދުމުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ހޯދަން ހުށަހެޅި ފަރާތްތަކަށް ވެސް ޖަވާބު ދީފައެއް ނުވެ އެވެ.
މެއި 3 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ނޫސްވެރިންނަށް ލިޔުމަކުން ދިނުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް އަންގަވާނެ ކަމަށް ރައީސް ވިދާޅުވިތާ 10 ދުވަސް ފާއިތުވިއިރު ވެސް އެ މައުލޫމާތު ހާމައެއް ނުކުރި އެވެ.
ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރުމަށެވެ. ނަމަވެސް އެ އަދަދު އެތައް ގުނައެއް އިތުރުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ލަފާކުރެ އެވެ.
ބުޅާ ފެސިލިޓީއަށް ގިނަ އަދަދެއްގެ ބުޅާ ގެންގޮސްގެން ބަލަހައްޓާނަމަ ބޮޑު ހަރަދެއް ހިނގާނެކަން ވެސް މާރިޔާ ފާހަގަ ކުރެއްވި އެވެ.
އޭނާ ވިދާޅުވީ ބުޅާ ފެސިލިޓީގައި 2000 ބުޅާ ގެންގުޅޭ ނަމަ މަހަކު ހަތް ލައްކަ ރުފިޔާ ހަރަދުވާނެ ކަމަށާއި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.
"[އެއީ]އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ، ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެ. އަދި ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަކަށް އަހަރަކު 5416 ރުފިޔާ ހަރަދުވާނެ،" މާރިޔާ ވިދާޅުވި އެވެ.
އޮޅުހިޔާގެ ބުޅަލަށް ވުރެ މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުން ގިނަ! އޮޅުހިޔާގެ ބުޅަލަށް ވުރެ މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުން ގިނަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ