މާލޭގެ މަގުތައް މަތީގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް ތައްޔާރުކުރި ބުޅާ ފެސިލިޓީއަށް މަދުވެގެން 1.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށާއި ރަނގަޅު ގޮތަކީ 1.2 މިލިއަން ރުފިޔާ ކަމަށް ޖަނަވާރާ ބެހޭ މިނިސްޓަރު، ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިވެވަޑައިގެން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވެވުނު އަދަދު ރަނގަޅު ކުރައްވައި މާރިޔާ އެކްސްގައި އާންމު ކުރެއްވި ވީޑީއޯގައި ވަނީ ގޯސް އަދަދެއް ވިދާޅުވެވުމުން އެކަމަށް މައާފަށް އެދިވަޑައިގެންފަ އެވެ.
"ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްޒަތްތެރި މެންބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި ނަން ރިކަރެންޓު ހަރަދުގެ ގޮތުގައި ހަރަދުވާނީ 1.2 ބިލިއަން ރުފިޔާ ކަމަށް އަޅުގަނޑަށް ދެންނެވުނީ އޮޅުމަކުން، ރަނގަޅު ގޮތަކީ ނަން ރިކަރެންޓް ހަރަދުގެ ގޮތުގައި ހަރަދުވާނީ 1.2 މިލިއަން ރުފިޔާ،" މާރިޔާ ވިދާޅުވި އެވެ.
"އެހެންކަމުން މިކަމަށް މައާފަށް އެދި ރަނގަޅު ގޮތް ދަންވައިލަން،"
މަޖިލިސް މެންބަރުންނަށް ޖަވާބުދެއްވަމުން މިނިސްޓަރު، މާރިޔާ ވިދާޅުވީ ބުޅާ ފެސިލިޓީ ހިންގުމުގެ ހަރަދު ނުލައި ވެސް 1.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.
"ނޮން ރިކަރެންޓް ހަރަދުގެ ގޮތުގައި [ފެސިލިޓީއަށް] 1.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ދަންނަވައިލަން އަދި ފެސިލިޓީގައި 2000 ބުޅަލަށް މަހަކު ހަތްލައްކަ ރުފިޔާ ހަރަދުވާނެ. އަދި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ. އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ، ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެ. އަދި ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަކަށް އަހަރަކު 5416 ރުފިޔާ ހަރަދުވާނެ،" މާރިޔާ ވިދާޅުވި އެވެ.
އޮޅު ހިޔާގެ ބުޅާ ފެސިލިޓީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މާލެ ސިޓީ ކައުންސިލަށް ދޫކުރި 5،000 އަކަ ފޫޓުގެ ބިމެއްގަ އެވެ. އެތަން އެޅީ މާލެ ސިޓީ ކައުންސިލުގެ ހަރަދުގައި އެ ކައުންސިލުގެ މުވައްޒަފުންނެވެ.
ރައީސް މުއިއްޒު ބުޅާ ފެސިލިޓީ ހުޅުވައި ދެއްވީ އެތަން ރަނގަޅަށް ނުނިމެނީސް، އެ މަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ އަހަރުގެ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަ ކުރެއްވުމުގެ ގޮތުންނެވެ. އަދި އެ ފެސިލިޓީ މިނިސްޓްރީގެ ދަށަށް ބަދަލުކުރީ އެތަނަށް ބުޅާތައް ގެންދަން ސިޓީ ކައުންސިލު މަސައްކަތް ކުރަމުން ދަނިކޮށެވެ.
ބުޅާ ފެސިލިޓީ ހިންގަން ހަރަދުވާނީ 1.2 ބިލިއަން ކަމަށް ބުނެވުނީ އޮޅުމަކުން، ރަނގަޅު ގޮތަކީ 1.2 މިލިއަން: މާރިޔާ ބުޅާ ފެސިލިޓީ ހިންގަން ހަރަދުވާނީ 1.2 ބިލިއަން ކަމަށް ބުނެވުނީ އޮޅުމަކުން، ރަނގަޅު ގޮތަކީ 1.2 މިލިއަން: މާރިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ