މަތިވެރީގެ ފުރަތަމަ ހާފިޒަކަށް އިބްރާހިމް މުޠީޢު، އިތުރު ދެ ކުއްޖަކު ވަރަށް އަވަހަށް ހާފިޒުންނަށް ވާނެ

އ.އ މަތިވެރީގެ ފުރަތަމަ ހާފިޒަކަށް އުމުރުން އެންމެ 13 އަހަރުގެ އިބްރާހީމް މުޠީޢު މުޙައްމަދު ވެއްޖެ އެވެ.
މުޠީޢު ވަނީ ކީރިތި ޤުރުއާން ހިތު ދަސްކޮށް ނިންމައި އިމްތިހާން ހަދައި އެއްވަނަ ދަރަޖައިގައި ފާސްވެފަ އެވެ. މުޠީޢުގެ މި ކާމިޔާބީއާ ފާހަގަކޮށް އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުން މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވަނީ ބައްދަލު ކުރައްވާފަ އެވެ.
މުޠީޢު ހާފިޒު ކަމުގެ ސަނަދު ހާސިލުކުރިއިރު އެ ރަށުގެ އިތުރު ދެ ކުއްޖަކު ވެސް މިހާރު ވަނީ ގުރުއާން ހިތުން ދަސްކޮށްފަ އެވެ. މިހާރު ކުރިއަށް ދިޔައީ އިމްތިހާނުގެ ބައެވެ.
މިނިސްޓަރު ޝަހީމް, މުޠީޢުގެ އާއިލާއާ ބައްދަލު ކުރުން 
މަތިވެރީ ކައުންސިލުން މިހާރު ވަނީ އެ ރަށުގައި ހާފިޒުން އުފެއްދުމަށް ބާރު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފަ އެވެ. އަދި ހާފިޒުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ހާފިޒަކަށް ވާ ކޮންމެ މީހަކަށް 50,000 ރުފިޔާ, އިނާމެއްގެ ގޮތުގައި ދިނުމަށް ވަނީ ނިންމާފަ އެވެ.
އުމުރުން 50 އަހަރުގައި އައްޑޫސިޓީ ހިތަދޫ, މައުސޫމާ މުހައްމަދު ވެސް ވަނީ ކީރިތި ޤުރުއާން ހިތުން ދަސްކޮށް ހާފިޒާ ކަމުގެ ސަނަދު ހާސިލުކޮށްފަ އެވެ.
މައުސޫމާ ވެސް ވަނީ ޤުރުއާން ހިތު ދަސްކޮށް އިންތިހާނު ހަދާ ފާހަގަކޮށްލެވޭ ފަދަ ނާތީޖާއެއް ހާސިލުކޮށްފަ އެވެ. މި ކާމިޔާބީ ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން މިނިސްޓަރު ޝަހީމް ވަނީ އޭނާއާ ބައްދަލު ކުރައްވާ މަރުހަބާ ދަންނަވާފަ އެވެ.
އައްޑޫސިޓީ ހިތަދޫ, މައުސޫމާ މުހައްމަދު: ޤުރުއާން ހިތުން ދަސްކުރީ އުމުރުން 50 އަހަރު ގައި
އައްޑޫ ސިޓީ އަކީ މިވަގުތު އެންމެ ގިނަ ހާފިޒުން ތިބި އަތޮޅެވެ.
މިނިސްޓަރު ޝަހީމް މިއަދު ވަނީ އައިޝަތު ނައުޝާ އިސްމާއީލްއާ ވެސް ބައްދަލު ކުރައްވާފަ އެވެ. އުމުރުން 21 އަހަރުގެ ނައުޝާ ވެސް ވަނީ ޤުރުއާން ހިތު ދަސްކޮށް ފާހަގަކޮށްލެވޭ ނަތީޖާއެއް ހާސިިލުކޮށްފަ އެވެ.
މިނިސްޓަރު ވަނީ ނައުޝާގެ ކާމިޔާބީ ފާހަގަ ކުރައްވާ ހިތްވަރު ދެއްވާފަ އެވެ.
 އައިޝަތު ނައުޝާ އިސްމާއީލް: ޤުރުއާން ހިތުން ދަސްކުރީ އުމުރުން 21 އަހަރު ގައި 
ހާފިޒުން އުފެއްދުމަށް ސަރުކާރުން ދަނީ ވަރަށް ބޮޑު އިސްކަމެއް ދެމުންނެވެ. އިސްލާމިކް މިނިސްޓްރީގެ މިހާރުގެ އަމާޒަކީ އަހަރަކު 100 ހާފިޒުން އުފެއްދުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ