ޓޯކިޔޯ، ޖަޕާން (މެއި 19) - ދުވަހަކު ވެސް ހަނޑޫ ގަންނަން ނުޖެހޭ ކަމަށް ވިދާޅުވެވުނީތީ ޖަޕާނުގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު ޓަކޫ އީޓޯ މާފަށް އެދިވަޑައިގެންފި އެވެ.
އާދިއްތަ ދުވަހު ބޭއްވި އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީއެއްގެ ފަންޑްރައިޒިން ހަރަކާތެއްގައި އީޓޯ މިހެން ވިދާޅުވިކަން ރިޕޯޓު ކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ނުރުހުން އޭނާއަށް ވަނީ އަމާޒުވެފަ އެވެ.
ހޯމަ ދުވަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އީޓޯ ވަނީ އޭނާ ދެއްކެވި ވާހަކަތަކާ މެދު ހިތާމަ ކުރައްވާ ކަމަށާއި އޭނާ ވާހަކަ ދެއްކެވީ ގޯސްކޮށް ކަމަށް އެއްބަސްވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތަށް ވާހަކަ ދެއްކުނީ އެތަނުގައި ތިބި މީހުންގެ ރުހުން ހޯދުމުގެ ގޮތުން ކަމަށް ވެސް ވިދާޅުވި އެވެ.
އާންމުންގެ ފަރާތުން ކުރިމަތިވަމުންދާ ޕްރެޝަރާ ގުޅިގެން އިސްތިއުފާ ދެއްވަން ގަސްދުކުރައްވަންތޯ އެހުމުން އީޓޯ ޖަވާބެއް ނުދެއްވަ އެވެ.
ޖުލައި މަހު އޮންނަ ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގެ މަތީގޭގެ މެޖޯރިޓީ ބޮޑުވަޒީރު ޝިގެރޫ އިޝީބާއަށް ނުލިބޭނެ ކަމަށް އަންދާޒާތަކުން ދައްކަ އެވެ. އޭނާގެ އެޕްރޫވަލް ރޭޓިންތައް ހުރީ 27.4 ޕަސެންޓުގައި ކަމަށްވާއިރު މިއީ ރެކޯޑު ދަށްވުމެކެވެ.
އޭގެ މައިގަނޑު އެއް ސަބަބަކީ ޖަޕާނުގެ ބާޒާރުގައި ހަނޑުލުގެ އަގު ބޮޑުތަނުން އުފުލުމެވެ. މި ހަފްތާގައި ފަސް ކިލޯގެ ހަނޑޫ ބަސްތާއެއްގެ އަގު ހުރީ 4،268 ޔެންގަ އެވެ. އެއީ މިދިޔަ ހަފްތާއަށް ވުރެ 54 ޔެން ބޮޑު އަދަދެކެވެ.
މިދިޔަ މާޗު މަހުން ފެށިގެން ޖަޕާނުގެ ސަރުކާރުން ދަނީ އިމަޖެންސީ ސްޓޮކްތަކުން ހަނޑޫ ދޫކުރަމުންނެވެ. މިއީ އަގުތައް ދަށްކުރުމަށް ކުރި ކަމަކަށްވީ ނަމަވެސް މިހާތަނަށް އޭގެ އަސަރެއް އަގުތަކުން ނުފެނެ އެވެ.
ދުވަހަކު ވެސް ހަނޑޫ ގަންނަން ނުޖެހޭ ކަމަށް ވިދާޅުވެވުނީތީ ޖަޕާނުގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު މާފަށް އެދިއްޖެ ދުވަހަކު ވެސް ހަނޑޫ ގަންނަން ނުޖެހޭ ކަމަށް ވިދާޅުވެވުނީތީ ޖަޕާނުގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު މާފަށް އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ