ތިއީ އާއިލާގައި މަންމަ އާއި ބައްޕަގެ ހުރި އެންމެ 'ފެވަރިޓް' ކުއްޖާތަ؟
ކޮންމެ އާއިލާއެއްގެ ވެސް މެމްބަރުންނަކީ އެކަކު އަނެކަކަށް ވަރަށް ވަރުގަދަ ގުޅުމެއް އޮންނަ ބައެކެވެ. އާއިލާގެ މެމްބަރުންގެ ތެރޭ ބައެއް ފަހަރު ހިނގާ ދެބަސްވުންތަކާ އެކު ވެސް ގޭގައި ބޭއްވޭ ސަޤާފީ އެއްވުންތައް އަދި ކުރީގެ ލޯބި ހަނދާންތަކަކީ ކޮންމެ އާއިލާއެއްގެ މެމްބަރުން ވެސް އެކަތިގަނޑަކަށް ހެދުމުގައި މުހިއްމު ދައުރެއް އަދާކުރާ ކަންކަމެވެ. ނަމަވެސް އުފެދޭ ސުވާލަކީ މައިންބަފައިން ނުހަނު ލޯބިން ހޯދާ ކުދިންގެ މެދުގައި އެ މީހުންގެ ފެވަރިޓް ކުއްޖެއް ނުވަތަ އެ މީހުންނަށް ޚާއްސަ ވަކި ކުއްޖަކު ހުރެދާނެބާވައެވެ. އާއިލާގައި ހިމެނޭ އެއްބަޑު އެއްބަފާ ކުދިންގެ ގާތު މި ސުވާލުކޮށްފިނަމަ ހަމަގައިމު ވެސް މިއީ ބޮޑު ބަހުސަކަށް އެންމެން ވެސް ދާނެ ސުވާލަކަށް ވާނެއެވެ. ބްރިންގްހަމް ޔަންގް ޔުނިވަސިޓީގެ ސްކޫލް އޮފް ފެމިލީގެ ލައިފް ޕްރޮފެސަރު އެލެކްސް ޖެންސެން ހޯދި ހޯދުންތަކުން އެނގޭ ގޮތުގައި އާއިލާގައި ހަގަށް ތިބޭ ކުދިންނަކީ މައިންބަފައިންގެ ފަރާތުން އިތުރަށް ލޯބި ލިބި ކަންކަން ކޮށްދިނުމުގައި މައިންބަފައިން ޚާއްސަކަމެއް ގެންގުޅޭ ކުދިންނެވެ. ކުދިންނަށް ތަކެތި ގަނެދޭއިރު ވެސް އެއް ހަމައެއްގައި ވަކި ޖިންސަކަށް ތަފާތު ނުކޮށް އެކަން ކުރެވޭތީ ބެލުމަކީ މުހިއްމު ކަމެއް--ފޮޓޯ/ނިއުސް.ބީވައިޔޫ އެއާ ޚިލާފަށް ދޮށްޓަށް ތިބޭ ކުދިންނަށް މައިންބަފައިންގެ ފަރާތުން ލިބޭ މިނިވަންކަން އެ ކުދިން ބޮޑުވަމުން އަންނަ ވަރަކަށް އިތުރުވެ އެ ކުދިންކުރާ ކަންކަމާ މެދު ހަރުކަށިވާ މިންވަރު މަދުވާކަން ފާހަގަވި ކަމަށް އެލެކްސް ޖެންސެންގެ ދިރާސާއިން އެނގުނެވެ. އެއީ ދޮށްޓަށް ތިބޭ ކުދިން ނިންމާ ނިންމުންތަކަށް އޮންނަ އިތުބާރެއްގެ ބޮޑުކަމުން ކަމަށް ވުމީ ވެސް އެކަށީގެންވާ ކަމެކެވެ. އެކަޑެމިކް ޖާނަލް 'ސައިކޮލޮޖިކަލް ބުލެޓިން'ގައި ހިއްސާކޮށްފައިވާ މި ދިރާސާއިން އެނގުނު ގޮތުގައި މައިންބަފައިންނަށް ނޭނގި ނަމަވެސް އާއިލާއަށް އުފަންވާ އަންހެން ކުދިންނަށް ދެވޭ އަހައްމިޔަތުކަން އެ އާއިލާގައި ތިބޭ ފިރިހެންކުދިންނަށް ވުރެ އިތުރުވެއެވެ. ބައެއްފަހަރު މައިންބަފައިންނަށް އެކަން އިހުސާސް ކުރެވޭއިރު ކުދިންނަށް އެކަން އެއްގޮތަކަށް ވެސް އިހުސާސް ނުކުރެވެއެވެ. ޖިންސުގެ ތަފާތު ކުރުންތަކާ އެކު ކުއްޖާގެ ތަބީއަތަށް އަންނަ ބަދަލުތަކުގެ ސަބަބުން ވެސް މައިންބަފައިން ކުދިން ދެކެ ލޯބިވާ މިންވަރު އިތުރުވެއެވެ. މިސާލަކަށް، އާއިލާގައި ތިބޭ ކުދިންގެތެރެއިން އެހެންމީހުންނަށް ކަމޭހިތާ، އިހުތިރާމު ކުރާ އަދި ކަންކަމުގައި އިސް ނަގާ ޒިންމާތައް ނަގަން ކެރޭ ކުދިން އޭގެތެރޭގައި ހިމެނެއެވެ. ޕްރޮފެސަރު އެލެކްސް ޖެންސެން ބުނެފައިވާ ގޮތުގައި މިއީ އެއްބަނޑު އެއްބަފާ ކުދިންގެ މެދުގައި އެކަކު އަނެކަކަށް ތަޅާ ފޮޅުމަކަށް ދިއުމަށްވުރެ ބޮޑަށް ކުދިންނަށް އެކަމުން ލިބިދޭ އުފާވެރިކަން ދެނެގަތުން މުހިއްމު ކަމެއް ކަމަށެވެ. ޕްރޮފެސަރު ޖެންސެންގެ އެހެން ދިރާސާއަކުން އެނގުނު ގޮތުގައި މައިންބަފައިގެ ފަރާތުން އަޅާލުމާއި ލޯބި ލިބޭ މިންވަރު މަދުވާ ކުދިން ބޮޑުވަމުން އަންނައިރު އެކަމާ އެ ކުދިން ހިތާމަކޮށް، ކުދިންގެ ނަފުސާނީ ދުޅަހެޔޮކަމަށް އެކަމުން ނޭދެވޭ އަސަރުކޮށް ސްކޫލްގައި އަދި ގޭތެރޭގައި ކުއްޖާގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ކުދިން ދައްކާ ވާހަކަ ކަނުލާ އަޑުއެހުމަކީ ވެސް މައިންބަފައިން ބޭނުންވާ ވަރަށް ގިނަ ކަންކަން ހައްލުވެގެންދާނެ ކަމެއް--ފޮޓޯ/ފޭސްބުކް ކުއްޖަކަށް އެ ކުއްޖާއާ މެދު މައިންބަފައިން އަޅާލާ މިންވަރު ދަށްކަން ފާހަގަވެ އެކަން ހިއްސާކުރާ ހިސާބުން ކުދިންގެ ވާހަކަތައް ކަނުލާ އަޑުއެހުމަށް ސަމާލުކަން ދިނުމަށް ޕްރޮފެސަރު ޖެންސެން ވަނީ ލަފާދީފައެވެ. ކުދިންގެ މެދުގައި ތަފާތުކުރުން ގެންގުޅެ ބައެއް ކުދިންނަށް ވަކި ހާއްސަގޮތެއް ބެހެއްޓުމަކީ މައިންބަފައިން ގަސްތުގައި ކުރާ ކަމަކަށް ނުވިޔަސް އެކަން ކުދިންނަށް އިހުސާސްވެ އެ ވާހަކަ ދައްކަން ފަށާ ހިސާބުން މައިންބަފައިން އަމަލުކުރަމުންދާ ގޮތްތަކަށް ބަދަލުގެންނަންވެއްޖެ ކަމަށް ގަބޫލުކުރަންވާނެ ކަމަށް ޕްރޮފެސަރު އެލެކްސް ޖެންސެން ވަނީ ބުނެފައެވެ. އެގޮތުން ކުދިންނާއެކު ވަގުތު ހޭދަކުރުން އިތުރުކޮށް، މައިންބަފައިން ކުރާ ހިތްވާ ކަހަލަ ކަންކަން ކުދިންނާ އެކު ކޮށްލުން، އެކީގައި މީރު ކެއުމެއް ތައްޔާރުކޮށްލުން ކަހަލަ ކަމެއް ކުރެވިދާނެއެވެ. ހަމައެއާއެކު ކުދިންނާ އެކު ވަގުތު ހޭދަކުރާއިރު ކެތްތެރިކަމާ އެކު ކުދިންނާ އެކީ ވަގުތު ހޭދަކުރުމަށް އިސްކަން ދިނުމަށް ވެސް ޕްރޮފެސަރު ޖެންސެން ވަނީ ލަފާދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ