ރޭ ފަތިހުއްސުރެ ހދ. ނެއްލައިދުއަށް ކުރަމުން ދިޔަ ވިއްސާރަ ހުއްޓާނުލުމުގެ ސަބަބުން ރަށުގައި ފެންބޮޑުވެ، ދަރިވަރުން ސްކޫލަށް ގެންދިޔުމަށް އެ ރަށު ކައުންސިލާއި އާއްމުންގެ ތެރެއިން ބަޔަކު ނުކުމެއްޖެ އެވެ.
ވީ ކިހިނެއް؟ - މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ ގެއްލުންތަކެއް ވަނީ ވެފަ އެވެ. ނެއްލައިދޫގެ ގިނަ ގެތަކަށް ވެސް ފެންވަދެ، އެކި ވަރުގެ ގެއްލުންތައް ވަނީ ވެފަ އެވެ.
ތަފްސީލް - ނެއްލައިދޫއިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، ދަރިވަރުން ހެނދުނު ސްކޫލަށް ދާން ތައްޔާރުވި އިރު، ރަށުގެ ދެކުނު ފަޅި އޮތީ އެއްކޮށް 'އަޑީގަ' އެވެ. ބޯކޮށް ވާރޭވެހި، ގެތަކަށް ގެއްލުން ލިބުނު ނަމަވެސް ކިޔެވުން ކެންސަލް ނުކުރާތީ، ސްކޫލަށް ދާން މަޖުބޫރުވީ ކަމަށް އޭނާ ބުންޏެވެ.
އެކަމަކު ވިއްސާރައިގެ ތެރެއިން ބެލެނިވެރިންނަށް އެހީވީ، ރަށުގެ ކައުންސިލާއި ޕިކަޕް ފަދަ އުޅަނދު ގެންގުޅޭ ބައެއް އާއްމުންނެވެ. އޭގެ ވީޑިއޯ ސޯޝަލް މީޑިއާގައި އުޅޭއިރު، އެއިން ފެންނަ ގޮތުގައި ދަރިވަރުން ތިބީ ކުޑަ އަޅައިގެން، ޕިކަޕުގެ ތެރޭގަ އެވެ. ތިން ސަތޭކައެއްހާ ދަރިވަރުން ކިޔަވާ އެ ސްކޫލަށް، ހުރިހާ ކުދިންހެން އުފުލީ، އެ އުޅަނދުތަކުގަ އެވެ.
"އަޅުގަނޑު ހިތަށް އަރަނީ މާލެއަށް ވާރޭ ވެހޭއިރު ސްކޫލުތައް ބަންދުކުރެއޭ. ރަށެއްގެ ސްކޫލު ބަންދުކުރުމަށް ނާންގަނީ ކީއްވެގެންބާއޭ. މިތަނުގައި ކިޔަވާ ދަރިވަރުން ވެސް ހާދަ ހާލެއްގައޭ ސްކޫލަށް ގޮސް އަންނަން މި ޖެހުނީ،" އެ ރަށުގެ މީހަކު ޝަކުވާ ކުރި އެވެ.
ނެއްލައިދުއަށް ފަތިހު ވެހެން ފެށިވާރޭ މެދުކަނޑާލީ މެންދުރު ފަހު ދޭއްޖަހާކަންހާއިރު އެވެ. އޭރު މުޅި ރަށުގައި އޮތީ ފެންބޮޑުވެފަ އެވެ.
ނެއްލައިދޫ ކައުންސިލްގެ ރައީސް މުހައްމަދު އަލީފް ވިދާޅުވީ ރަށުގެ ގިނަ ގެތަކަކަށް ފެންވަދެފައިވާއިރު، ލިބުނު ގެއްލުންތައް މިހާރު ބަލަމުން އަންނަ ކަމަށެވެ. އެކަމަކު ގިނަ ގެތަކުގައި ހިފާގެންގުޅޭ ސާމާނާއި އިލެކްޓްރޯނިކް ސާމާނު ހަލާކުވެ، ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވާފައިވާ ކަމަށް ވިދާޅުވި އެވެ.
ކައުންސިލާއި އެ ރަށުގެ މުއައްސަސާތަކުގެ މުވައްޒަފުން މިހާރު އަންނަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޕަމްޕު ބަހައްޓައިގެން ފެން ހިންދައި، ގެތަކުގައި ވެލި ބަސްތާ ޖަހަމުން އަންނަ ކަމަށް އަލީފް ވިދާޅުވި އެވެ.
"މި ރަށަކީ މިގޮތަށް ގިނައިން ވާރޭވެހިއްޖެ ނަމަ އަބަދުވެސް ފެންބޮޑުވާ ރަށެއް. މި ފަހަރުގެ ހާދިސާ ވެސް އެމްއެންޑީއެފަށް ވާނީ ރިޕޯޓުކޮށްފައި. އެކަމަކު އެއްވެސް ފަހަރެއްގައި އަޅުގަނޑުމެންނަށް އެ ބޭފުޅުންގެ އެހީތެރިކަމެއް ނުލިބޭ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
މިހާރު ވެސް ބަނަކޮށް އޮތްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އިތުރަށް ވާރޭ ނުވެހިއްޖެ ނަމަ، ކުރިއަށް އޮތް ދެ ގަޑިއިރެއްހާއިރު ތެރޭގައި ފެންގަނޑު ހިނދޭނެ ކަމަށެވެ.
ނެއްލައިދޫގެ އިތުރުން ހދ. ކުޅުދުއްފުށީގައި ވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ. އެ ރަށުގެ ފެންގަނޑު ހިންދުމުގެ މަސައްކަތް އެމްއެންޑީއެފާއި ރަށުގެ މުއައްސަސާތަކާއި އާއްމުން ވެސް ދަނީ ކުރަމުންނެވެ.
ނެއްލައިދޫ ކުދިން މިއަދު ސްކޫލަށް ދިޔައީ ކައުންސިލްގެ ޕިކަޕުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ