ސާފް ޗެމްޕިއަންޝިޕް ނޮވެމްބަރަށް ލަސްވުމުގެ ފުރުސަތު ބޮޑު

މި އަހަރުގެ ސެޕްޓެމްބަރާއި އޮކްޓޫބަރު މަހު ބާއްވަން މަސައްކަތް ކުރަމުން އަންނަ ދެކުނު އޭޝިއާގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް ނޮވެމްބަރަށް ލަސްވުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ. 
އެ ގޮތުން، ސާފް އިން އޮތީ މި އަހަރުގެ ސެޕްޓެމްބަރު މަހު 21 އިން އޮކްޓޫބަރު މަހު ހަ ވަނަ ދުވަހުގެ ނިޔަލަށް ސާފް ޗެމްޕިއަންޝިޕް ބަންގްލަދޭޝްގައި ހޯސްޓްކުރުމަށް ކުރަން ޖެހޭ ގިނަ ކަންކަން ނިންމައިފަ އެެވެ.  އެހެން ނަމަވެސް، ސާފް ޗެމްޕިއަންޝިޕް އޮންނަ މުއްދަތުގައި، އިންޑިއާ އިން މި ވަނީ، އިންޑޮނޭޝިއާ އާއި ހޮންގް ކޮންގްގައި ކުރިއަށްދާ ފީފާ އާސިއާން ކަޕްގައި ކުޅެން ނިންމާފައިވާކަން ރަސްމީކޮށް އިއުލާނުކޮށްފަ އެވެ. 
އާސިއާންގެ ގައުމުތަކުގެ މެދުގައި ބާއްވާ ފުޓްބޯޅަ މުބާރާތް ފީފާގެ ރުހުމާ އެކު ފުޅާކޮށް ކުރިއަށްގެންދަން ނިންމާފައިވާއިރު، އެ މުބާރާތުގައި އިންޑިއާ އިން ކުޅޭތީވެ، މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޝެޑިއުލަށް ބަދަލެއް އަތުވެދާނެ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައި.
އެއާ އެކު، ދެކުނު އޭޝިއާގެ އެކި ގައުމުތަކުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ސާފް ޗެމްޕިއަންޝިޕް ކުޅޭ ތާރީހު، ސެޕްޓެމްބަރު/އޮކްޓޫބަރުގެ ބަދަލުގައި ނޮވެމްބަަރަށް ފަސްވުމުގެ ފުރުސަތު އެބައޮތެވެ. 
ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ އޮފިޝަލަކު، "އަދަދު ސްޕޯޓްސް" އަށް ބުނެފައިވަނީ، ސާފް ޗެމްޕިއަންޝިޕް ނޮވެމްބަރުގައި ކުޅޭ ގޮތަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި، ސާފްގެ އެހެން ގައުމުތަކުގެ މީޑިއާތަކަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ސާފް އިން ރަސްމީކޮށް ނޮވެމްބަރަށް މުބާރާތް ލަސްކޮށް، މީޑިއާ އަށް ރަސްމީކޮށް ވަރަށް އަވަހަށް އިއުލާނުކުރާނެ އެވެ. 
އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބާއްވާފައިވަނީ، 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގަ އެވެ. އެ ފަހަރުގެ މުބާރާތް ކުރިއަށްދިޔައީ، ދައުވަތު ދީގެން ލެބަނަން އާއި ކުވެއިތު ވެސް ހިމަނައިގެންނެވެ. އެ ފަހަރުގެ މުބާރާތުގައި ސަސްޕެންޝަނުގެ ސަބަބުން ސްރީ ލަންކާ ނުކުޅެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ