މައުރޫފް ޖަމީލް އެޗްޑީސީ އިން ވަކިވެ، ރިޓަޔާ ކުރައްވަނީ މައުރޫފް ޖަމީލް އެޗްޑީސީ އިން ވަކިވެ، ރިޓަޔާ ކުރައްވަނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ މެނޭޖިން ޑައިރެކްޓަރު މައުރޫފް ޖަމީލް، މަގާމުން ވަކިވެވަޑައިގެން ރިޓަޔާ ކުރައްވަން ނިންމައިފި އެވެ.
އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް މައުރޫފް އައްޔަން ކުރީ ޑިސެމްބަރު 22، 2024، ގަ އެވެ. މަގާމު އަދާ ކުރައްވާތާ އަދި މި ފާއިތުވީ އެންމެ ހަތް މަސް ދުވަހެވެ.
މައުރޫފް ރިޓަޔާ ކުރައްވަން ނިންމެވިކަން އެޗްޑީސީގެ މުވައްޒަފުންނަށް މައުރޫފް ވަނީ އަންގައިފަ އެވެ. އުމުރުން 65 އަހަރުވުމުން އެޗްޑީސީގެ މުވައްޒަފުން ރިޓަޔާ ކުރުމުގެ އުސޫލެއް އޮންނަކަން އެނގިފައިވެ އެވެ.
މައުރޫފްގެ ބެލުމުގެ ދަށުން އެޗްޑީސީ އިން ވަނީ ހުޅުމާލޭގެ މުޅިން އާ މާސްޓާ ޕްލޭނެއް ތަރައްގީކޮށްފަ އެވެ. ހުޅުމާލޭގެ ފޭސް ތިނެއް ވެސް ހިމެނޭ ގޮތަށް ހެދި އެ މާސްޓާ ޕްލޭނަކީ އާބާދީ މުޅި ރަށަށް ބަހާލެވި، އާންމު ހިދުމަތްތަކާއި ފެހިކަން ގިނަ ސަރަހައްދުތައް ކަނޑައަޅައި ނެރުނު ޕްލޭނެކެވެ.
ހުޅުމާލޭ ފުރަތަމަ ހިއްކައި، ޑިޒައިން ކުރި އިރު ވެސް މައުރޫފްގެ ދައުރު ވަރަށް ބޮޑެވެ. ހުޅުމާލޭ ފޭސް އެކެއްގެ ކުރެހުން ފާސްކޮށްފައި ވަނީ މައުރޫފްގެ ބެލުމުގެ ދަށުންނެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މައުރޫފް އައްޔަން ކުރީ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު މަގާމުގައި ހުންނެވިއިރު އެ ކޯޕަރޭޝަން ހިންގި ބޮޑެތި ކޮރަޕްޝަންތަކަކާއި ވައްކަމުގެ މައްސަލަތަކެއް ފަޅާ އެރުމުންނެވެ.
ކޮރަޕްޝަނާއި ވައްކަމުގެ ތެރޭގައި، އެއްވެސް އިއުލާނު ކުރުމެއް ނެތި ބިން ވިއްކުމާއި ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ބިން ނުލިބޭ އެތައް ބަޔަކަށް ބިން ލިބުނު ކަމަށް ހަދައި ގޯތި ދޫކުރުން ހިމެނެ އެވެ. އެ ކޮރަޕްޝަނާއި ވައްކަންތަކުން ގެއްލުން އަދަދު މިހާތަނަށް ހިސާބު ވެސް ނުކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ