ޓެކްސަސްގައި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 82 އަކަށް އަރައިފި
އެމެރިކާގެ ޓެކްސަސްގައި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 82 އަކަށް އަރައިފިއެވެ. އެ ހާދިސާގައި ގެއްލިފައިވާ އެތައް ބަޔަކު ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ. ޓެކްސަސްގެ ގަވަރުނަރު ގްރެގް އެބޮޓް ވިދާޅުވީ ފެންބޮޑުވިތާ ތިން ދުވަސް ވީއިރު، އަދިވެސް 41 މީހުން ނުފެންނަ ކަމަށެވެ. ނަމަވެސް ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ހުއްޓުމެއްނެތި ކުރިއަށްގެންދާނެ ކަމަށް ވިދާޅުވިއެވެ. އަންގާރަ ދުވަހުގެ ނިޔަލަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރާ ކަމަށާއި، އެހެންވެ އިތުރަށް ފެންބޮޑުވުމުގެ ނުރައްކާ އެބައޮތް ކަމަށްވެސް އެބޮޓް ވިދާޅުވިއެވެ. ވިއްސާރައިގެ ސަބަބުން ބަންޑުންވި ގްވާޑަލޫޕް ކޯރަށް ޓްރަކެއް ވެއްޓެނީ. ފޮޓޯ/ގެޓީ އިއްޔެގެ ނިޔަލަށް 28 ކުޑަކުދިން ހިމެނޭހެން 68 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ކާ ކައުންޓީގެ ޝެރިފް ލެރީ ލެއިތާ ވިދާޅުވިއެވެ. ގެއްލިފައިވާ މީހުންގެ ތެރޭގައި ގިނައީ އެ ސަރަހައްދުގެ އަންހެން ކުދިންނަށް ޚާއްސަ ސްކޫލަކުން ކޭމްޕިންއަށް ގޮސް އުޅުނު ދަރިވަރުން ކަމަށް ލެއިތާ ވިދާޅުވިއެވެ. އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތައުޒިޔާ ފޮނުއްވާފައެވެ. ޓެކްސަސްއަށް ފެންބޮޑުވާން ފެށީ ހުކުރު ދުވަހު އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކައިރީގައި އޮންނަ އެ ސްޓޭޓުގެ މަޝްހޫރު ގްވާޑަލޫޕް ކޯރު ބަންޑުވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ