ޑޮލަރުގެ އަގު ތާރީހުގައި ފުރަތަމަ ފަހަރަށް 20.20ރ. އަށް އަރައިފި ޑޮލަރުގެ އަގު ތާރީހުގައި ފުރަތަމަ ފަހަރަށް 20.20ރ. އަށް އަރައިފި

ދިވެހި ތާރީހުގައި ދުވަހަކު ވެސް ޑޮލަރުގެ އަގު މައްޗަށް ނުދާ މިންވަރަކަށް އުފުލި، މިހާރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20.20ރ އަށް އަރައިފި ކަމަށް ބައެއް ވިޔަފާރިވެރިން ބުނެފި އެވެ.
މީގެ ކުރިން ޑޮލަރުގެ އަގު އެންމެ ބޮޑަށް އުފުލުނީ 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑުގެ ހާލަތުގަ އެވެ. ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތް އެ ދުވަސްވަރު ވެސް ޑޮލަރުގެ އަގު 20ރ. ނާރަ އެވެ.
އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނީ ވިޔަފާރިތަކަށް ބޭނުންވާ ގިނަ އަދަދުގެ ޑޮލަރު މިހާރު ލިބެނީ ޑޮލަރެއް 20.20ރ. ރޭޓުން ކަމަށެވެ.
"އާންމު ބޭނުންތަކަށް ކުދިކުދި އަދަދުތައް އެއަށް ވުރެ ދަށް އަގެއްގައި ލިބުނަސް، ވިޔަފާރިއަށް ބޭނުންވާ ގިނަ އަދަދުގެ ޑޮލަރު ލިބެނީ ޑޮލަރެއް 20.20ރ. އަށް،" އޭނާ ބުންޏެވެ.
ވިޔަފާރިންގެ އެ ވާހަކަ ރަނގަޅު ކަމަށް ޑޮލަރު މާރުކުރުމުގެ ލައިސަންސް އޮންނަ ކުންފުންޏަކުން "އަދަދު ނޫހަށް" ކަށަވަރުކޮށް ދިނެވެ.
ޑޮލަރުގެ އަގު އުފުލެން ފެށީ ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓު ބޭންކުތަކަށް މާރުކަރަން މަޖުބޫރުކޮށް ހެދި ގާނޫނު ތަންފީޒު ކުރަން ފެށި ފަހުންނެވެ.
އެ ގާނޫނު ތަންފީޒު ކުރަން ފެށުމުން ޑޮލަރުގެ އަގު މައްޗަށް ނާރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެއަށް ފަހު ޑޮލަރުގެ އަގު ދަށް ނުވެ އެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ބާޒާރުގައި މުދަލުގެ އަގުތައް ވެސް ދަނީ ބޮޑުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ