ލަންކާގެ ޗެމްޕިއަން ބަލިކޮށް ކަޒަކިސްތާނުގެ ޒައިކްއަށް ރަނގަޅު ފެށުމެއް
މާލޭގައި މިއަދު ފެށި ކާވާ މެންސް ޗެމްޕިއަންސް ލީގު 2025 ގެ ފުރަތަމަ މެޗުގައި ފަހަތުންއަރާ ސްރީ ލަންކާ ޕޯޓްސް ބަލިކޮށް ކަޒަކިސްތާނުގެ ޗެމްޕިއަން ޒައިކް ވީސީން ފެށުން ރަނގަޅުކޮށްފިއެވެ. ސޯޝަލް އިންޑޯ ހޯލުގައި މިއަދު މެންދުރު ކުޅުނު ފުރަތަމަ މެޗު ޒައިކް ވީސީން ކާމިޔާބުކޮށްފައިވަނީ 3-1 ސެޓުންނެވެ. މި މެޗު ޒައިކް ކާމިޔާބުކުރީ ލަންކާ ޕޯޓްސް ޓީމުން ސެޓެއް ކާމިޔާބުކޮށްފައިވަނިކޮށް ފަހަތުންއަރާ ތިން ސެޓު ކާމިޔާބުކޮށްގެންނެވެ. ލަންކާއިން ރަނގަޅަށް ފެށި މި މެޗުގެ ފުރަތަމަ ސެޓު ލަންކާ ކާމިޔާބުކުރީ 25-22 އިންނެވެ. ނަމަވެސް ޒައިކް ވަނީ މެޗުގެ ބާކީއޮތް ބައިގައި ތަފާތު ދައްކާ ތިން ސެޓު ހޯދާފައެވެ. ކަޒަކިސްތާނާއި ލަންކާ ބައްދަލުކުރި މެޗް-- ސަން ފޮޓޯ: މޫސާ ނަދީމް ދެވަނަ ސެޓު 14-25 އިން ޒައިކް ކާމިޔާބުކުރިއިރު، ތިންވަނަ ސެޓު ކާމިޔާބުކުރީ 16-25 އިންނެވެ. އަދި ހަތަރުވަނަ ސެޓު ކާމިޔާބުކުރީ 15-25 އިންނެވެ. ޖުމްލަ ހަ ޓީމާއެކު މިމަހުގެ 17-23 ގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތުގައި މިއަދު ހަވީރު 16:30 ގައި ބައްދަލުކުރާނީ ރާއްޖޭގެ ކުލަބު އެޗްޑީސީއާއި ކިރްގިސްތާނުގެ ބިޝްކެކް އެވެ. އެއަށްފަހު މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު މިރޭ 20:15 ގައި ފަށާއިރު، މިރޭ ކުޅޭ މެޗުގައި 21:30 ގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކުލަބާއި ހެލްޕް ނޭޕާލް ސްޕޯޓްސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ