މަސައްކަތް ކުރަނީ ޖުލައި 26އާ ދިމާކޮށް އައިނު ފިހާރަ ހުޅުވަން: އައިޖީއެމްއެޗް
ސަރުކާރުން ފަށާ ނަންބަރު އައިނު ހައްދައިދިނުމުގެ ޚިދުމަތް މިނިވަން ދުވަހާ ދިމާކޮށް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އައިޖީއެމްއެޗްގެ ޑެޕިއިޓީ ސީއީއޯ، މުހައްމަދު މަބްރޫކް މިރޭ ވިދާޅުވެއްޖެއެވެ. "ސަން"އާ ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ މިނިވަން ދުވަހާ ދިމާކޮށް، ޖުލައި 26ވަނަ ދުވަހު އައިޖީއެމްއެޗުގެ އައިނު ފިހާރަ ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް ސީދާ ތާރީޚެއް އަދި ޔަގީންނުވާ ކަމަށް ވިދާޅުވިއެވެ. "ޖުލައި 26ގައި އަޅުގަނޑުމެން ހުޅުވަން މަސައްކަތް މި ކުރަނީ... ޖުލައި 26ގެ ފަންކްޝަން ފާހަގަކުރުމަށް މިދާ ތިން ހަތަރު ދުވަހެއްގެ ތެރޭ އަޅުގަނޑުމެން އެ ތަން ހުޅުވާނަން" މަބްރޫކް ވިދާޅުވިއެވެ. މިނިވަން ދުވަހާ ދިމާކޮށް، އައިޖީއެމްއެޗުގައި ނަންބަރު އައިނުގެ ޚިދުމަތް ފަށާއިރު، އަންނަ މަހުގެ ކުރީކޮޅު ހުޅުމާލޭގައި ވެސް ސަރުކާރުން އެ ޚިދުމަތް ފެށުމަށްވަނީ ނިންމައިފައެވެ. މަބްރޫކް ވިދާޅުވި ގޮތުގައި، އަތޮޅު ތެރޭގެ ރަށްތަކުގައި، ފުރުސަތު ލިބޭވަރަކުން އައިނު ފިހާރައިގެ އައުޓްލެޓުތައް ހުޅުވަމުން ގެންދާނެއެވެ. އޭނާ ވިދާޅުވީ އެއީ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އޮޕްޓިކަލް ފިހާރަ ކަމަށެވެ. އަތޮޅުތެރެއަށް އެ ޚިދުމަތް ފުޅާވެގެންދިއުމާއެކު، އައިނު ހެއްދުމަށް މާލެ ކުރަންޖެހޭ ދަތުރު ނިމުމަކަށް އައިސް، ފަސޭހަކަމާއެކު ރަށުން ނުވަތަ އަތޮޅުން، އެ ޚިދުމަތް ހޯއްދޭނެއެވެ. ސަރުކާރުގެ ހޮސްޕިޓަލުތަކުން ލޮލުގެ އެކި ބަލިބައްޔަށް ބޭސް ކުރެވޭއިރު، އައިނު ހައްދައިދިނުމުގެ ޚިދުމަތް މި ފަށަނީ އަލަށެވެ. ރާއްޖޭގައި މި ޚިދުމަތް އަބަދު ވެސް ދެމުން އައީ ޕްރައިވެޓް ސެކްޓަރުންނެވެ. އައިނު ހެއްދުމަކީ ބޮޑު ޚަރަދު ހިނގާ ކަމަކަށްވާއިރު، އެ ކަމުގައި އާސަންދައިން އައީ 1،000 ރުފިޔާ ކަވަރުކޮށްދެމުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ އަަދަދު 2،000އަށް އިތުރު ކުރައްވައި، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ތެރެއިން އައިނު ހައްދައިދިނުމުގެ ޚިދުމަތް ފެށުމަށް އަންގަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ