އަސްކޮއި ގުރޫޕުން ލަނޑުދިންނަމަ އަންގަން ފުލުހުން އެދިއްޖެ
އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއާސް އިން އުމްރާއަށް ގެންދާނެ ކަމަށް ބުނެ, އޮޅުވާލައިގެން ލަނޑު ދީފައިވާ ނަމަ އެކަން ހުށަހެޅުމަށް ފުލުހުން މިއަދު އެދެފިއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވީ، އެ ގްރޫޕުން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި، ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު ރޭ އިރާކޮޅު ލިބިފައި ވާކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު، މި މައްސަލަ ފުލުހަށް ހުށަހަޅައި ގަވާއިދާ އެއްގޮތައް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. https://www.sun.mv/208693 ތުހުމަތު ކުރެވޭ ގޮތުގައި މިއީ އެ ޖަމާއަތުން ބަޔަކަށް މި ގޮތަށް ލަނޑުދިން ތިންވަނަ ފަހަރެވެ. ތަކުރާރުކޮށް އެ ޖަމާއަތުން މި ކުށްކުރާ ކަމަށް ތުހުމަތު ކުރެވޭއިރު ހަމައެކަނި ޖޫރިމަނާއަކުން ފުއްދައި ނުލާ އެ ޖަމާއަތް އުވާލުންފަދަ ފިޔަވަޅެއް އަޅަން ބައެއް އާއްމުން އަންނަނީ ގޮވާލަމުންނެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އަސްކޮއި ގުރޫޕުން ބައެއްގެ އަތުން ފައިސާ ނަގައި އުމްރާއަށް ނުގެންދިޔަ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. "މި މައްސަލައާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށް, މި ޚިދުމަތުގެ އިކޮނޮމިކް ކްރައިމް އިސްވެސްޓިގޭޝަންއިން މި މައްސަލަ ދަނީ ތަހުގީގު ކުރަމުން," ފުލުހުން ބުންޏެވެ. އެހެންކަމުން މި ގުރޫޕުގެ ފަރާތުން މިފަދަ ކަމެއް އިތުރު މީހަކަށް ދިމާވެފައިވާނަމަ އެކަން އިކޮނޮމިކް ކްރައިމްގެ ނަމްބަރު 9790048އަށް ގުޅައިގެން ނުވަތަ ހެންވޭރު ދަނޑުކައިރި, މަޖީދީމަގުގައި ހުންނަ ކްރައިމް އިސްވެސްޓިގޭޝަން އިމާރާތަށް ހާޒިރުވެ ހުށަހެޅުމަށް ފުލުހުން އެދެއެވެ. މިކަމާ ގުޅިގެން މީހަކު ފޭސްބުކްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވަނީ، އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު، އުމްރާއަށް ފުރަން ހަފުތާއަކަށްވެފައިވަނިކޮށް، ނުފުރޭނެ ކަމަށް އެ ކުންފުނިން އަންގާފައިވާ ކަމަށެވެ. ޖުލައިމަހުގެ 24ގައި އުމްރާއަށް ދިއުމަށް ޓަކައި، މި އަހަރުގެ ފެބްރުއަރީގައި 25،500 ރުފިޔާ އެ ކުންފުންޏަށް ދީފައިވާނެ ކަމަށް އޭނާ ބުންޏެވެ. ހަމައެކަނި ށ. ފޯކައިދޫން 28 މީހުން އުމްރާވުމަށްޓަކައި އެ ކުންފުންޏަށް ފައިސާ ދީފައިވާކަމަށް އެ ޕޯސްޓުގައި ވެއެވެ. "ގްރޫޕުން ޚަބަރެއް ނުވާތީ މީގެ ތިން މަސް ކުރިން ގުޅުމުން ބުނީ ހަމަޖެހޭށޭ ހުރިހާ ކަމެއް ވެސް ރެޑީ ކަމަށް. 24 ޖުލައިގެ ކުރިން ހުރިހާ މީހުން މާލެ އަންނަންވީ ކަމަށް. ވައިބާ ގްރޫޕު ހަދާނަމޭ 16 ޖުލައިގައި، އެއީ އިތުރު މައުލޫމާތު ދިނުމަށް ޓަކައި" އޭނާ ބުންޏެވެ. އޭގެ ފަހުން ގުޅައި މެސެޖުކޮށް ހަދައިގެން ވެސް އެ ކުންފުނީގެ ޚަބަރެއް ނުވި ކަމަށާއި، އެންމެ ފަހުން ފޯނު ވެސް ނިއްވައިލީ ކަމަށް އޭނާ ބުންޏެވެ. ދެން ބުނީ މިފަހަރު އުމްރާއަށް ގެންދެވެން ނެތް ވާހަކަކަމަށް އޭނާގެ ޕޯސްޓުގައި ވެއެވެ. އިންސާފު ހޯދައިދޭން އެދި، އެ ޕޯސްޓުގައި ބުނެފައިވަނީ އެ ގްރޫޕުގެ ހުއްދަ ބާތިލްކުރަންޖެހޭ ކަމަށެވެ. މި ތުހުމަތުތަކާ ގުޅިގެން ބަހެއް ހޯދުމަށް އެ ކުންފުނީގެ ނަމްބަރަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދޭތީ، މިކަމާ ގުޅިގެން ބަހެއް ހޯދިފައެއް ނުވެއެވެ. އަސްކޮއި ގްރޫޕުގެ ހަމަ މިފަދަ މައްސަލައެއް މި އަހަރުގެ މެއިމަހު ވެސް ފެންމަތިވިއެވެ. މައްސަލަ ބެލުމަށް ފަހު, އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑް, 130،000 ރުފިޔާއިން ޖޫރިމަނާ ވެސް ކުރިއެވެ. އެފަހަރު ވެސް ލަނޑު ލިބުނު މީހުންނާއި އެ މީހުންގެ އާއިލާތަކުން ސޯޝަލް މީޑިއާގައި ގޮވާލާފައި ވަނީ އެ ޖަމާއަތުގެ ހުއްދަ ބާތިލް ކުރުމަށެވެ. މިއީ ރާއްޖޭގައި އައު ކަމެއް ނޫނެވެ. އެންމެ މާތް އަޅުކަންތަކުގެ ތެރޭގައި ހިމެނޭ ހައްޖާއި އުމްރާއަށް ދިއުމަށް, ބުރަ މަސައްކަތުން ހޯދި ފައިސާ ދައްކައިގެން އެ އަޅުކަމަށް ދިއުމުގެ ފުރުސަތު ނުލިބުންފަދަ އެތައް ލަނޑެއް ގިނަ އަދަދެއްގެ ދިވެހީންނަށް ލިބިފައި އެބަހުއްޓެވެ. އެހެން އެކަން ދިމާވަނީ ޖަމާއަތްތަކުން އޮޅުވާލައި ފައިސާއަށް ހިޔާނާތްތެރި ވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ