ސަރުކާރުގެ އެކިއެކި ހައުސިން މަޝްރޫޢުތަކުން ދިރިއުޅުމަށް ދޫކޮށްފައިވާ ތަންތަނަށް ކުލި ދެއްކުމުގައި އިހުމާލުވާ ފަރާތްތައް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ކްރެޑިޓް ރިޕޯޓްގައި ހިމަނަން ފަށައިފިއެވެ.
ސޯޝަލް ހައުސިންގެ ގޮތުގައި ދޫކޮށްފައިވާ ފްލެޓްތަކަށާއި ރަށްރަށުގައި ދޫކޮށްފައިވާ ރޯހައުސްތަކަށް ކުލި ނުދެއްކުން އާއްމުވެފައިވާއިރު، ހަމައެކަނި ހިޔާގެ އެޕާޓްމަންޓްތަކަށް މަހުކުލީގެ ގޮތުގައި ނުލިބިވާ އަދަދު 700 މިލިއަން ރުފިޔާއަށްވުރެ މަތިކަމަށް އެޗްޑީސީގެ ހިސާބުތަކުން ދައްކައެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުކަޒީ ބޭންކްގެ ކްރެޑިޓް އިންފޮމޭޝަން ބިއުރޯއަށް މިހާރުވެސް ބައެއް ކުންފުނިތަކުން ދަނީ މާލީމުއާމަލާތްތައް ހިއްސާކުރަމުންނެވެ. އެގޮތުން އެޗްޑީސީން މަރުކަޒީ ބޭންކާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން މިހާރުވެސް ކުލި ދެއްކުމުގައި އިހުމާލުވާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރާއިރު، އެ ބޭންކުން ކްރެޑިޓް ލިސްޓްގައި އެ ނަންތައް އަޕްޑޭޓްކުރަމުންދެއެވެ.
އެމްއެމްއޭގެ ކްރެޑިޓް ލިސްޓްގައި ކުލިނުދައްކާމީހުންގެ ނަންތައް ހިމަނައިފިނަމަ ކުރިއަށް އޮތްތަނުގައި ބޭންކްތަކުން ލޯނު ހޯދުމާއި އެނޫންވެސް މާލީގޮތުން ކުރަންޖެހޭ މުއާމަލާތްތައް ކުރުމުގައި ހުަރަސްތަކެއް ކުރިމަތިވެގެންދާނެއެވެ. ކްރެޑިޓް ހިސްޓްރީ ރަނގަޅު ނޫންނަމަ، ބޭންކްތަކުގެ އިތުރުން ލީސިން ކުންފުނިތަކުން މިހާރުވެސް އެމީހަކަށް ލޯނާއި ކްރެޑިޓް އުސޫލުން ހިދުމަތެއް ނުދެއެވެ.
ފްލެޓްތަކުގެ ކުލި ނުދައްކާ މީހުންގެ ނަންތައް އެންމެފަހުން މަރުކަޒީ ބޭންކްގެ ކްރެޑިޓް ލިސްޓްގައި ހިމަނަން ފަށާފައިވާއިރު، ފްލެޓްތަކަށް ކުލި ނުދައްކާ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. މިކަން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ ރިޕޯޓްތަކުގައިވެސް ދަނީ ފާހަގަކުރަމުންނެވެ. މިގޮތުން ވަރލްޑް ބޭންކުން މީގެ ކުރިން ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން ނެރުނު ރިޕޯޓެއްގައި ވަނީ ހިޔާފްލެޓްތަކަށް ލިބެންޖެހޭ ކުލީގެ ތެރެއިން ބޮޑު އަދަދެއް ލިބެމުން ނުދާކަން ފާހަގަކޮށް އެފައިސާ ހޯދަންޖެހޭކަމަށް ބުނެފައެވެ.
ކުލި ނުދައްކާ މައްސަލާގައި އެޗްޑީސީން ނޯޓިސް ފޮނުވަމުންދިޔަ ނަމަވެސް އަދި މިހާތަނަށް ފިޔަވަޅުތަކެއް އަޅާފައެއް ނުވެއެވެ. ނަމަވެސް ދައްކަންޖެހޭ ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުސަތު އެޗްޑީސީން ފަހިކޮށްދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
ފްލެޓް ކުލި ނުދައްކާނަމަ، ލޯނާއި ކްރެޑިޓް ސްކީމުން ތަކެތި ނުނެގިދާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ