ޚުޠުބާ: ދަރީންނަށް ތައުޙީދުގެ ޢިލްމު އުނގަންނައިދިނުމަކީ، ހަރުދަނާ ތަރުބިޔަތާއި ޢިލްމުތަކުގެ ކުރިބޯއްޓަށް ދަރީން ވާޞިލުކޮށްދިނުމަށްޓަކައި ހުޅުވޭނެ އަމާން ދޮރެއް!

ރަނގަޅު ޢާއިލާއެއް ބިނާކުރެވޭނީ  އިސްލާމީ ޢަޤީދާގެ މަތީގައި މުޅި ދިރިއުޅުން އާރާސްތުކުރެވިގެންނެވެ. ޢާއިލީ ބިނާގެ އެންމެ މުހިންމު ދެ ތަނބުކަމުގައިވާ މައިންބަފައިންނަކީ ތައުޙީދާއި، ތިމާއަށް ކޮންމެހެން ބޭނުންވާ ދީނީ ޢިލްމު އުނގެނި އެއަށް، ޢަމަލުކުރާ، ރިވެތި އަޚްލާޤުގެ ވެރި ބަޔަކަށް ވެގެންނެވެ. ދެމަފިރީންގެ ކިބައިން ދަރިންނަށް ރިވެތި މިސާލުތަކެއް ދައްކައިގެންނެވެ.  
ފަސާދަޔާއި މަގުފުރެދުމާއި، ބައިބައިވުމާއި ހަމަނުޖެހުންތަކުން އިސްލާމީ އުންމަތް ސަލާމަތްކުރުމަށްޓަކައި ހަރުދަނާ ޢަޤީދާގެ މަތީގައި ދަރީން ތަރުބިޔަތުކުރާން ވަރަށްބޮޑު އިސްކަމެއް ވަނީ ދޭން ޖެހިފައެވެ. ދަރީންގެ ހިތްތަކުގައި އީމާންކަމުގެ އޮށް އިންދައި ތައުޙީދުގެ ޢިލްމު އުނގަންނައިދިނުމަކީ، ހަރުދަނާ ތަރުބިޔަތާއި ޢިލްމުތަކުގެ ކުރިބޯއްޓަށް ދަރީން ވާޞިލުކޮށްދިނުމަށްޓަކައި ހުޅުވޭނެ އަމާން ދޮރެކެވެ. ޢަޤީދާގެ ޢިލްމު ދަރީންނަށް އުނގަންނައިދިނުމަކީ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ އެންމެ އިސްވާޖިބުކަމުގައި ހައްދަވައިފައިވެއެވެ. މި ކަން ބަޔާންކުރައްވައި މާތް اللّٰه ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އަދި އެ ކަމަށް إبراهيمގެފާނު އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް وصيةކުރެއްވިއެވެ. އަދި يعقوبގެފާނު ވެސް މެއެވެ. އޭ އަހުރެންގެ ދަރީންނޭވެ! ހަމަކަށަވަރުން، اللّٰه
ތިޔަބައިމީހުންނަށްޓަކައި دين ހޮއްވަވައި خيارކުރައްވައިފިއެވެ. ފަހެ، (އެކަލާނގެއަށް) ކިޔަމަންވެ ތިބޭ حالގައި މެނުވީ، ތިޔަބައިމީހުން މަރުނުވާށެވެ." އަދިވެސް އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އަދި لقمانގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ނަސޭހަތްދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! اللّٰهއަށް ތިބާ شَرِيْكނުކުރާށެވެ! ހަމަކަށަވަރުން، شَرِيْكކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ." 
ހަރުދަނާ ޢާއިލާއެއް ބިނާކުރެވޭނީ، ދީނާ ދުރު ފިކުރުތަކާއި ޢަމަލުތައް ގޭތެރޭގެ މާޙައުލުން ނައްތައިލެވިގެންނެވެ. އޭގެތެރޭގައި ދީނުގައި އަންގަވައިފައިވާ މެދުމިނާ ދުރު ފިކުރުތަކާއި، ދީނަށް ޢަމަލު ނުކުރުމާއި، ދީނީ ޝިޢާރުތަކަށް މަލާމާތްކޮށް ހަޖޫޖެހުމާއި، ދީނުގެ މައްޗަށް ޣީރަތްތެރިކަން ނެތުން ފަދަ ކަންކަން ހިމެނެއެވެ. މި ކަންކަން ޢާއިލާގެ ތެރެއިން ނައްތައިލައި، އިސްލާމް ދީނަކީ ޢަދުލުވެރި ދީންކަމާއި، މި ދީނަކީ ދިރިއުޅުމުގެ ސީދާ މަގުކަން ދަރީންނަށް ވިސްނައިދީ ނަފުސުތަކުގައި މި ކަންކަން ހަރުލައްވާންވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ