ސަރުކާރާ ދެކޮޅަށް މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރަން އެމްޑީޕީ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މިގޮތަށް ފާސްކުރީ އެ ޕާޓީން މިރޭ ބޭއްވި ކުއްލި ގައުމީ މަޖިލީހުގެ ޖަލްސާއެއްގަ އެވެ. މި ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ އެ ގަރާރު ފާސްކުރަން އެކަންޏެވެ. އެ ގަރާރު ހުށަހަޅުއްވާފައި ވަނީ އެ ޕާޓީގެ މަނަދޫ ދާއިރާގެ ރައީސް މުހައްމަދު ތޯރިގު އެވެ. މި ގަރާރަށް ތާއީދުކުރެއްވީ އެ ޕާޓީގެ ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމް އެވެ.
ތަފްސީލް - އެ ގަރާރު ހުށަހަޅާފައިވަނީ މި ސަރުކާރުން ކުރަމުން ގެންދާ ވައްކަމާއި ހިޔާނާތްތަކުގެ މައުލޫމާތު އާންމުވިޔަ ނުދިނުމަށްޓަކައި މިނިވަން މީޑިއާ ނައްތާލުމަށް މަސައްކަތް ކުރާތީ އިހުތިޖާޖު ކުރުމަށް ގޮވާލަ އެވެ.
ގަރާރުގައި އޮތީ:
ރައީސް މުހައްމަދު މުއިއްޒު ދުސްތޫރީ ނިޒާމު ހަލާކުކޮށްލުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުން ގެންދާތީ ކަމަށް
އިގްތިސޯދީ ސިޔާސަތުތައް ހިންގާލެއް ދޯހަޅި ކަމާއި، ކުރަމުންދާ ވައްކަންތަކުގެ ސަބަބުން ދިވެހިންގެ އާންމު ދިރިއުޅުމަށް ދަތިވެފައިވާތީ
ގާނޫނުއަސާސީއަށް ގެންނަމުންދާ ބަދަލުތަކާއެކު ރައްޔިތުންގެ މަޖިލީހުގައި ތަޅުއަޅުވައި، އެކަމާ ވިދިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކޮށް އަދުލު އިންސާފަށް ހުރަސް އަޅައި މިނިވަންކަމަށް އަރައިގަނެފައިވާތީ
މިނިވަން މުވައްސަސާތައް ސީދާ ސަރުކާރުގެ ކޮންޓްރޯލުގެ ދަށަށް ގެނައުމަށް ގާނޫނުއަސާސީއަށް ބަދަލު ގެނެސް، ލާމަރުކަޒީ ނިޒާމު ފުނޑާލައި، ކައުންސިލުތަކުގެ ބާރު ކަނޑުވާލާފައިވާތީ
ބޭސްފަރުވާއަށް ސަލާންޖަހަން އަނެއްކާވެސް މަޖުބޫރުވެފައިވާތީ
ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ބޭނުންކޮށްގެން ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ޑޮލަރަކަށް ހިޔާނާތްތެރިވެފައިވެ އެމްޑީޕީގެ ސަރުކާރުން ހިންގި ހުރިހާ މަޝްރޫއުތަކެއް ހުއްޓާލާފައިވާތީ
އެ ވާހަކަތަކުގެ އެއްވެސް މައުލޫމާތެއް ރައްޔިތުންނަށް ތިލެވިޔަ ނުދިނުމަށް މީޑިއާ ނައްތާލުމަށް މަޖިލީހަށް ބިލެއް ހުށަހަޅައި ގާނޫނަކަށް ހެދުމަށް މަސައްކަތްކުރަމުންދާތީީ
ސަރުކާރުގެ ވައްކަމާއި ހިޔާނާތްތާއި ބޭއިންސާފުގެ ވާހަކަތައް އާންމުންނަށް ތިލަވިޔަނުދިނުމަށް މައުލޫމާތު ލިބުމުގެ ހައްގުން ރައްޔިތުން މަހުރޫމުކުރުމަށް ރައީސް މުއިއްޒުގެ އެންގެވުމަށް މީޑިއާގެ މިނިވަންކަން ނައްތާލަން ގާނޫނެއް ހަދަން މަސައްކަތް ކުރަމުންދާތީ
ރައްޔިތުންގެ އަސާސީ ހައްގުތައް ގެއްލުވާލާ ކޮންމެ ފަހަރަކު އެ ހައްގު ހޯދައި ގައުމު ހަމަ މަގަށް އެޅުވުމަށް ނުކުންނަނީ އެމްޑީޕީ ކަމަށްވާތ؛ މިއީ ވެސް ސަރުކާރު ހަަމަ މަގަށް އަޅުވައި ބޭނުންހާ ގޮތަކަށް ކަންކަން ކުރަން ފުރުސަތު ނުދޭނެކަން ސާބިތުކޮށްދީ ފާޅުގައި ނިކުންނަންޖެހޭ ދަނޑިވަޅު ކަމަށް ދެކޭތީ
ރާއްޖެ މިހާރު އޮތް ހާލަތުން ރާއްޖޭގެ ސިޔާދަތާ މިނިވަންކަމަށް ނުރައްކާވެ، މުޅި އޭޝިއާ ބައްރުގެ ހަމަޖެހުމަށް ބުރޫއެރުމުގެ ފުރުސަތު ބޮޑުވެފައިވާތީ ރާއްޖެ އެފަދަ ނުރައްކަލަކުން ސަލާމަތްކުރުމުގެ މުހިންމުކަން ބޮޑުވެފައިވާތީ
"މި ޕާޓީން އޮކްޓޫބަރު 3 ވަނަ ދުވަހު މާލޭގައި މި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމަށާއި، އެޔާއެކު ސަރުކާރު ހަމަ މަގަމަށް އެޅުވުމުގެ މި މަސައްކަތް ކާމިޔާބުވުމާ ހަމަޔަށް މި ސިލްސިލާ މުޒާހަރާތައް ކުރިއަށް ގެންދިއުމަށް ޕާޓީގެ ގައުމީ މަޖިލީހުން އިގުރާރުވަމެވެ،" ތޯރިގު ހުށަހަޅުއްވާފައިވާ ގަރާރުގައި ވެއެވެ.
މި ގަރާރު ފާސްކުރީ އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ ތާއީދާއެކު އެވެ. ޕާޓީގެ ކުރީގެ ލީޑަރު އަދި މިހާރުގެ އެޑްވައިޒަރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މި ގަރާރަށް ފުރިހަމައަށް ތާއީދުކުރެއްވި އެވެ.
ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ