މިދިޔަ މަހުގެ ފަހުކޮޅު އެމްޕީއެލުން ކްލިއާކުރި މުދާ ދަށަށް
ފާއިތުވި ހަފުތާގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ކްލިއާކުރި މުދަލުގެ ނިސްބަތް ދަށްވެއްޖެއެވެ. އެމްޕީއެލުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހުގެ 24އިން 30އަށް އެމްޕީއެލުން ކްލިއާކުރި ކޮންޓެއިނަރުތަކުގެ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން އެ މުއްދަތުގައި އެމްޕީއެލުން 20 ފޫޓުގެ 553 ކޮންޓެއިނަރަކާއި 40 ފޫޓުގެ 403 ކޮންޓެއިނަރެއް ކްލިއާކުރިއިރު، އެ މަހުގެ 17އިން 23އަށް 20 ފޫޓުގެ 743 ކޮންޓެއިނަރަކާއި 40 ފޫޓުގެ 594 ކޮންޓެއިނަރެއް ކްލިއާކޮށްފައިވެއެވެ. https://x.com/Portmv/status/1962822902673473677/photo/1 ހަމަ އެއާއެކު، ދިވެހީންް ކެއްކުމުގައި އާންމުކޮށް ބޭނުންކުރާ ފިޔާ ކްލިއާކުރި ނިސްބަތް ވެސް ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ މަހުގެ 24އިން 30އަށް 11،617 ބަސްތާ ފިޔާ ކްލިއާކުރިއިރު، ހަމަ އެ މަހުގެ 17އިން 23އަށް 16،777 ބަސްތާގެ ފިޔާ ކްލިއާކޮށްފައިވެއެވެ. މިދިޔަ ހަފުތާގައި އެމްޕީއެލުން ކްލިއާކުރި ތަކެތި: 14،540 ފޮށި ބިސް 11،617 ބަސްތާ ފިޔާ 5،415 ބަސްތާ ކަރާ 5،647 ބަސްތާ އަލުވި 3،672 ބަސްތާ ވިލާތުބަށި 1،819 ބަސްތާ އަލަނާސި 2،157 ބަސްތާ ކެބެޖު 2،087 ދޮންކެޔޮ ވައް 806 ބަސްތާ ބަރަބޯ 539 ބަސްތާ ސްވީޓް މެލަން އާންމު ގޮތެއްގައި ރާއްޖެ ގެންނަ އެހެން ބާވަތްތައް ކަމަށްވާ ބިހާއި އަލުތްވާއި ދޮންކޭލާއި ވިލާތުބަށްޓާއި ކަރަޔާއި އަލަނާސި ކްލިއާކުރި އަދަދުވެސް ވަނީ އޮގަސްޓް މަހުގެ 17ވަނަ ދުވަހުން 23ވަނަ ދުވަހަށް ހިނގި މުއްދަތަށް ވުރެ ދަށްވެފައެވެ. ފާހަގަކުރެވޭ ގޮތުގައި ރާއްޖެއަކީ އެހެން ގައުމުތަކުން އެތެރެކުރާ މުދަލަށް ބަރޯސާވާ ގައުމެކެވެ. ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޔޫއޭއީއާއި އިންޑިއާ އާއި ސިންގަޕޫރާއި ޗައިނާއާއި މެލޭޝިއާއެވެ. އާންމު ގޮތެއްގައި ޒަރޫރީ ތަކެތި ކަމަށްވާ ބިހާއި ފިޔަޔާއި އަލުވި ފަދަ ތަކެތި އެތެރެކުރަނީ އަވަށްޓެރި އިންޑިއާއާއި ސްރީލަންކާ ފަދަ ގައުމުތަކުންނެވެ. އެމްއެމްއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ ހަތަރު ޕަސެންޓުގައި ހިފެހެއްޓިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ