ސަރުކާރު ޖަވާބުދާރީކުރުވަން ނިކުންނަންވީ ވަގުތު ޖެހިއްޖެ، މުޒާހަރާތަކުގެ ކުރީގައި ހުންނާނަން: ސޯލިހު

ސަރުކާރު ޖަވާބުދާރީކުރުވަން ނިކުންނަންވީ ވަގުތު ޖެހިއްޖެކަމަށާއި، ސަރުކާރާ ދެކޮޅަށް އަންނަ ބުދަ ދުވަހު އެމްޑީޕީން ފަށާ ސިލްސިލާ މުޒާހަރާތަކުގެ ކުރީގައި ހުންނަވާނެ ކަމަށް އަދި އެ މުޒާހަރާތައް ފަސް ޖެހުމެއްނެތި ކުރިއަށް ގެންދިއުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ގޮވާލައްވައިފި އެވެ. 
ވީ ކިހިނެއް؟ - އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައި ވަނީ އަންނަ ބުދަ ދުވަހުން ފެށިގެން މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދަން ފާސްކޮށްފަ އެވެ. އަދި "ސަރުކާރު ހަމަ މަގަށް އެޅުވެންދެން" މި މުޒާހަރާތައް ހުއްޓާނުލައި ކުރިއަށް ގެންދަން ވަނީ ފާސްކޮށްފަ އެވެ.
ބުނީ ކީކޭ؟ - މި ގަރާރަށް ފުރިހަމައަށް ތާއީދުކުރައްވާ ވާހަކަދައްކަވަމުން އެ ޕާޓީގެ ކުރީގެ ލީޑަރު އަދި މިހާރުގެ އެޑްވައިޒަރު، ސޯލިހު ގައުމީ މަޖިލީހުގެ އެ ބައްދަލުވުގައި ވިދާޅުވީ، އެ ގަރާރުގައި ވަރަށް ސާފުކޮށް މިއަދުގެ ގައުމުގެ ހާލަތު ބަޔާންކޮށްފައިވާ ކަމަށާއި، ވަކި ދާއިރާއެއްނެތި ރައްޔިތުން ނިކަމެތިވެފައިވާ ކަމަށެވެ.
ސޯލިހް ވިދާޅުވީ:
މިފަދަ ކޮންމެ ދަނޑިވަޅެއްގައި ވެސް އެމްޑީޕީގެ ފަރާތުން ރައްޔިތުން ކުރާ އުންމީދެއް އޮވޭ
އެއީ އެފަދަ ކޮންމެ ކަމެއްގައި ބަސްބުނެ އަޑުއުފުލައި ނިކުންނަ ޕާޓީއަކީ އެމްޑީޕީ ކަމަށްވާތީ؛ މިއަދު މިއޮތީ އެ ހާލަތު 
މި ސަރުކާރަށް މިވީ މުއްދަތުގައި ރާއްޖޭގެ ހާލަތާމެދު ކަންބޮޑުނުވާ އެއްވެސް މީހަކު ނެތް 
ބޭރު ގައުމުތަކުގައި ތަކެތީގެ އަގު މައްޗަށް ނުދާ ދަނޑިވަޅެއްގައި ރާއްޖޭގައި ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވުމަކީ ވެސް ކަންބޮޑުވާންޖެހޭ ކަމެއް؛ މިކަންކަމުގައި ސަރުކާރުން އެދެވޭ ޖަވާބުތަކެއްވެސް ނުދެއްވާ
މީގެ އިތުރުން، މީޑިއާގެ މިނިވަންކަން ނަގާލަން ސަރުކާރުން ކުރަމުންދާ މަސައްކަތާމެދުވެސް ސޯލިހު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ސޯލިހު ވިދާޅުވީ ސަރުކާރުން މަަސައްކަތް ކުރަނީ ސީދާ މިނިވަން ނޫސްވެރިކަން މަރާލަން ކަމަށެވެ. އަދި މީޑިއާތައް "މާރާލަންވީގޮތް" ވެސް ބައެއް މެމްބަރުން ވިދާޅުވެދެއްވަމުންދާކަން ވެސް ފާހަގަކުރެއްވި އެވެ.
"އެހެންވީމާ މިކަމުގައި ސަރުކާރު ޖަވާބުދާރީކުރުވަން އެމްޑީޕީން އިސްވެ ނުކުންނަންޖެހޭ. އަޅުގަނޑު ޕާޓީގެ ހުރިހާ މެމްބަރުންގެ ކިބައިން މިއެދެނީ ދެންމެ ހުށަހަޅާފައިވާ ގަރާރާ އެއްގޮތަށް އަޅުގަނޑުމެން ފަހަތަށް ނުޖެހި ނިކުމެވަޑައިގެން މިކަމުގައި ކުރިއަށް ވަޑައިގަންނަވާށޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަމުގައި ކުރީގައި ތިބޭފުޅުންނާއެކީގައި ތިބޭނެ ވާހަކަދަންނަވަން،" ސޯލިހް ވިދާޅުވި އެވެ.
ގާރާރަށް ތާއީދުކުރައްވާ ވާހަކަދައްކަވަމުން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ކޮންމެ ދިމާލަކަށް ބަލައިލިޔަސް ފެންނަނީ މި ސަރުކާރުން ރާއްޖެ "ލޫޓުވާލާފައިވާ ތަން" ކަމަށެވެ. އެގޮތުން ވިދާޅުވީ:
ރައްޔިތުންގެ އަޑުއިއްވަން މަޖިލީހަށް ފޮނުވާފައިވާ މަޖިލިސް މެމްބަރުންގެ އަޑު ފޭރިގަނެ ލޫޓުވާލައިފި
އަދުލު އިންސާފުގެ މައްޗަށް ރައްޔިތުންގެ ހިތުގައި އޮތް އުންމީދާއި ޔަގީންކަން ފޭރިގަނެ ލޫޓުވާލައިފި
ދައުލަތުގެ ހަޒާނާގައި ހުރިއްޔާ ހުރި ފައިސާއެއް އެގޮތްމިގޮތަށް ބޭނުންކުރުމުން އެކި ވައްތަރުވައްތަރުގެ ޑްރޯން ގަންނަމުން ލޫޓުވާލައިފި؛ އެ މައުލޫމާތުތަކެއް ހާމައެއް ވެސް ނުކުރޭ
އަތޮޅުތަކާ ރަށްތަކުގައި ރައްޔިތުންގެ ބާރުވެރިކަން ގާއިމުކުރަން ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ލާމަރުކަޒީ ނިޒާމު ލޫޓުވާލައިފި
ރައްޔިތުންގެ ބަސްބުނުމާއި ހިތުގައިވާ ޝުއޫރުތައް ނެރުމަށް އޮންނަ ހަތަރުވަނަ ބާރު، މީޑިއާތައް ފޭރިގަނެ ލޫޓުވާލަން މަސައްކަތް ފަށައިފި
ރައްޔިތުން ތަރައްގީއަށް ކުރަމުން އައި އުންމީދުތައް ލޫޓުވާލައިފި
އާސަންދަ ބާސަންދައަކަށްވެ، މުޅިން ލޫޓުވާލައިފި
"އަޅުގަނޑުމެންނަށް ބަލަހައްޓައިގެން ތިބެވޭކަށް ނެތް. ލޫޓުވާލައިގެން އެތިބީ އިންތިހާއަށް. މި ގަރާރާ އެއްގޮތަށް އަޅުގަނޑުމެން މިރޭ އަތުގުޅާލާނީ ރާއްޖެ ހަލާކުގެ މަގަށްގޮސް ބަރުބާދުވިޔަ ނުދިނުމަށް ހިތްއެދޭ އެ ހިތްވަރުުހުރި ހުރިހާ އަބުތޯލުންނަށް އަޅުގަނޑު ގޮވާލާނީ ކުލައަކަށް އެހެން އެއްޗަކަށް ބަލާނެ ކަމެއްނެތޭ ނިކުމެވަޑައިގަންނަވާށޭ. މި ރާއްޖެ އަޅުގަނޑުމެން ސަލާމަތް ކުރަންޖެހެޔޭ،" ކުރީގެ ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިތިބީ ނިކަން ކެރިގެން. އެމްޑީޕީން އަބަދުވެސް އިސްނަގައިގެން ިމިކަން ކުރާނަމޭ. މި ރާއްޖެ އަލުން ހަމަ މަގަށް އެޅުވުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވުމުގައި ސާބިތުވެތިބުމަށް. 3 އޮކްޓޫބަރުގައި އަޅުގަނޑުމެން އެކަން ސާބިތުކޮށްދޭނަން،"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ