އަސާސީ ހައްގުތައް ނިގުޅައިގަނެ ރައްޔިތުންނަށް ހިޔާނާތްތެރި ވަމުންދާ ދިޔުމާ ދެކޮޅަށް އެމްޑީޕީން ސިލްސިލާ ހަރަކާތަށް ނުކުންނަނީ އަސާސީ ހައްގުތައް ނިގުޅައިގަނެ ރައްޔިތުންނަށް ހިޔާނާތްތެރި ވަމުންދާ ދިޔުމާ ދެކޮޅަށް އެމްޑީޕީން ސިލްސިލާ ހަރަކާތަށް ނުކުންނަނީ

ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތައް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިގުޅައިގަނެ ރައްޔިތުންނަށް ހިޔާނާތްތެރިވަމުން ދާތީ އެކަމާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ކުރުމަށް އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ.
މިރޭ އޮތް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް އެ ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ މަނަދޫ ދާއިރާގެ ރައީސް، މުހައްމަދު ތޯރިގު އެވެ. އޭނާ ހުށަހެޅުއްވި ގަރާރުގައި ގޮވާލާފައި ވަނީ ސަރުކާރުން ކުރާ ވައްކަމާއި ހިންގަމުން ގެންދާ ހިޔާނާތުގެ އަމަލުތައް ފޮރުވުމަށް މިނިވަން މީޑިއާ ނެތިކޮށްލަން ސަރުކާރުން ކުރާ މަސައްކަތާ ދެކޮޅަށް އެ ޕާޓީން ސިލްސިލާ އިހުތިޖާޖު ކުރުމަށެވެ.
"މި ސަރުކާރުން ކުރަމުން ގެންދާ ވައްކަންތަކާއި ސަރުކާރުގެ ކޮރަޕްޝަނާއި ފަސާދަ އާއި ރައްޔިތުންގެ އަސާސީ ހައްގުތަކަށް ހުރަސް އެޅުމާއި އަދުލު އިންސާފަށް އަތް ބޭނުމާއި ރައްޔިތުންގެ އާންމު ހާލަތު ދަށްވުމާއި ދިވެހިރާއްޖޭގައި ދިރިއުޅުމަކީ ތަކުލީފަކަށް ވަމުން ދިޔުމާއި މި ކަންކަމުގެ މައުލޫމާތު ފަތުރަން އޮތް މިނިވަން މީޑިއާ ނެތިކޮށްލުމަށް ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓުވުމަށްޓަކައި،" މުޒާހަރާ ކުރަން ނުކުންނަ ސަބަބު ބަޔާން ކޮށްދީ ގަރާރުގައި ލިޔެފައިވެ އެވެ.
"މި ޕާޓީން ސެޕްޓެމްބަރު 3، 2025 ދުވަހު މާލޭގައި މި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމަށާއި އެއާއެކު ސަރުކާރު ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކާމިޔާބުވުމާ ހަމައަށް މި އިހުތިޖާޖުތައް ސިލްސިލާ ގޮތުގައި ގެންދިޔުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ގައުމީ މަޖިލީހުން އިގުރާރުވަމެވެ."
ތޯރިގު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ވެރިކަމާ މުއިއްޒު ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން ރާއްޖޭގެ ދުސްތޫރީ ނިޒާމު ހަލާކު ކޮށްލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުން ގެންގުޅުނު އިގުތިސާދީ ސިޔާސަތުތަކަށް މި ސަރުކާރުން ގެނައި ދޯހަޅި ބަދަލުތަކުގެ ސަބަބުންނާއި އިގުތިސާދީ ކަންކަން ރާވައި ހިންގަން ތަންދޮރު ނޭނގޭ ބަޔަކު އައްޔަނު ކުރުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ދަށްވެ ތަކެތީގެ އަގުތަކާއި ދިރިއުޅުމުގެ އަގުތައް ބޮޑުވެފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
އޭގެއިތުރުން ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ބަދަލުކޮށްގެން މަޖިލިސް މެންބަރުން ގައިގައި ކަސްތޮޅު އަޅުވާފައިވާ ކަމަށާއި އެ މައްސަލަ ބަލަން ފެށުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކޮށް އަދުލު އިންސާފުގެ މިނިވަންކަމަށް އަރައިގަނެ ރާއްޖޭގެ ހުރިހައި މިނިވަން މުއައްސަސާތަކެއް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
ލާމަރުކަޒީ ނިޒާމުން ގައުމު ހިންގުމަށް އެމްޑީޕީން އެކަށައެޅި ނިޒާމު ވެސް މި ސަރުކާރުން އެއްކޮށް ފުނޑާލާފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
ތޯރިގުގެ ގަރާރުގައި ބުނެފައި ވަނީ މުޅި އާސަންދަ ނިޒާމު މި ސަރުކާރުން ހަރާބު ކޮށްލައި އެންސްޕާ މެދުވެރިކޮށް ވެސް ސިޔާސީ ކަންކަމަށް ހަރަދު ކުރުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ކޮންމެހެން ލިބެންޖެހޭ ބޭސްތަކާއި ހޮސްޕިޓަލްތަކުން ލިބެންޖެހޭ ހިދުމަތްތަކަށް ބުރޫ އަރައި ދިވެހި ރައްޔިތުން ބޭސްފަރުވާއަށް ސަލާން ޖަހަން މަޖުބޫރު ކޮށްފައިވާ ކަމަށެވެ.
އަދި ރާއްޖޭގެ ރަށްރަށުގައި ހިންގަމުންދިޔަ ޕްރޮޖެކްޓުތައް ހުއްޓާލައި މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން ހިއްކައި ތަރައްގީ ކުރުމުގެ މަސައްކަތް ފެށި ގުޅީފަޅާއި ގިރާވަރުފަޅުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި އެ މަޝްރޫއުގެ ތެރެއިން ރައްޔިތުންގެ ފައިސާއަށް ސަރުކާރުން ހިޔާނާތްތެރިވަމުންދާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
އެ ގަރާރަށް އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ހުށަހެޅުއްވި ބައެއް ވެސް ވަނީ އިތުރުކޮށްފަ އެވެ. އެ ބައިގައި ބުނެފައި ވަނީ ރާއްޖޭގެ އެތެރޭގެ އިގުތިސާދު އެކީއެކަށް ފުނޑިގެން ގޮސް ބޭރުގެ ދަރަނި ނުދެއްކި ރައްޔިތުންގެ އަސާސީ ޒަރޫރަތުތައް ވެސް ކުރިއަށް އޮތް ކައިރި މުސްތަގުބަލުގައި ހަމަނުޖެއްސިދާނެ ކަމުގެ ބިރު އިންތިހާއަށް އެބައޮތް ކަމަށެވެ.
އެފަދަ ހާލަތަކުން ގައުމު ސަލާމަތް ކުރުމުގެ ޕްލޭނެއް މި ސަރުކާރުގެ ނެތުމުން ރާއްޖެ ބަނގުރޫޓުވުމުގެ ފުރުސަތު ބޮޑު ކަމަށް ފައްޔާޒް އިތުރުކުރެއްވި ބައިގައި ލިޔެފައިވެ އެވެ.
އަދި ދުނިޔޭގެ ހާލަތު ބަދަލުވެ ބޮޑެތި ބާރުތަކުގެ ނަޒަރު އިންޑިއާ ކަނޑާ ދިމާލަށް ހުއްޓެމުންދާ ކަމަށާއި މިއަދު ރާއްޖެ އޮތް ހާލަތުގެ ސަބަބުން ދިވެހީންގެ އިސްތިގުލާލާއި ސިޔާދަތާއި މިނިވަންކަމަށް ނުހަނު ނުރައްކާ ކުރިމަތިވެ އޭޝިއާ ބައްރުގެ ހަމަޖެހުމަށް ބުރޫ އެރުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ފައްޔާޒް އިތުރު ކުރެއްވި ބައިގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ