ޖޭމްސް ބޮންޑް ފިލްމަށް ޑައިރެކްޓަރެއް ލިބިއްޖެ

އެންމެ މަގުބޫލު ޖާސޫސީ ކެރެކްޓަރު ކަމަށްވާ "ޖޭމްސް ބޮންޑް"ގެ އާ ފިލްމުގެ މަސައްކަތްތައް ކުރިއަށްދާއިރު އެންމެ ފަހުން ފިލްމަށް ޑައިރެކްޓަރެއް ލިބިއްޖެއެވެ. ބޮންޑުގެ ރޯލު ކުޅޭނީ މިވެނި އެކްޓަރެއް ކަމަށް ބުނެ ބަހުސްތައް ވެސް ދަނީ ކުރެވެމުންނެވެ. އެ އެކްޓަރުންގެ ތެރޭގައި އިދްރިސް އެލްބާ، ޓޮމް ހިޑްލެސްޓަން، އެއިޑަން ޓާނާ އަދި ޓޮމް ހާޑީފަދަ އެކްޓަރުންގެ ނަންތައް ވަނީ ހިމެނިފައެވެ. އާ ބޮންޑް ހޮވުމަށް މަސައްކަތްތައް ކުރިއަށްދާއިރު މިހާރު ވަނީ ފިލްމު ޑައިރެކްޓަރެއް ހޯދާފައެވެ. ފްރެންޗައިޒްގެ ޕްރޮޑަކްޝަނުން ހާމަކޮށްފައިވާ ގޮތުގައި މި ފިލްމު ޑައިރެކްޓު ކުރާނީ ޑެނީސް ވިލެނުއޭވް އެވެ. ޑެނީސް އަކީ ބޮޑެތި ބައެއް އުފެއްދުންތައް މީގެކުރީންވެސް ޑައިރެކްޓުކޮށްފައިވާ މީހެކެވެ. އޭގެތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ ހިޓު ސައިފައި ފިލްމު "ބްލޭޑް ރަނާ 2049"އެވެ. އެންމެފަހުން ފްރެންޗައިޒް ނިމިފައިވަނީ މަޝްހޫރު އެކްޓަރު ޑެނިއެލް ކްރެއިގްގެ ޖޭމްސް ބޮންޑުންނެވެ. ދެން އަނެއްކާ ވެސް އާ ޖޭމްސް ބޮންޑެއް ހޯދަމުން އަންނަ ކަމަށް އިއުލާނު ކޮށްފައިވާތާ މިހާރު ދެތިން އަހަރެއް ވެއްޖެއެވެ. އެއާއެކު އެ ރޯލަށް ތަފާތު އެކި އެކްޓަރުން ހޯދަމުން އަންނަ ކަމުގެ އަޑުތަކެއް ވެސް ވަނީ އަރާފައެވެ. އެންމެ ފަހުގެ ލީކްތަކަށް ބަލާނަމަ ފިލްމުގައި ބޮންޑުގެ ރޯލުން ފެންނާނެ ކަމަށް ބެލެވެނީ އެރަން ޓޭލާ ޖޯންސަން އާއި އެރަން ޕިއޭ އެވެ. މިދިޔަ އަހަރުން ފެށިގެން އެރަން ޓޭލާ އެ ރޯލަށް ހަމަޖައްސަން އުޅޭ ކަމުގެ ވާހަކަތަކެއް ދެކެވިފައިވެއެވެ. ނަމަވެސް ޕިއޭ އެ ރޯލަށް ހަމަޖައްސަން އުޅޭ ކަމުގެ ވާހަކަތަކެއް ދެކެވެން ފަށާފައިވަނީ މިދިޔަ ހަފުތާގައެވެ. ފިލްމުގެ މަސައްކަތް މަޑުމަޑުން ކުރިއަށްދާއިރު ފިލްމުގެ އަމަލީ މަސައްކަތްތައް އަދި ފަށާނެ ދުވަހެއް ނޭނގެއެވެ. ނަމަވެސް ޕްރޮޑަކްޝަން އެމޭޒަން އިން މަސައްކަތް ކުރަނީ ފިލްމުގެ ޝޫޓިން މިއަހަރު ފެށުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ