އެމްޑީޕީގެ ރައީސް އާއި ޗެއާޕާސަންގެ މަގާމު އެއްކޮށްލައި ޕާޓީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހަޅަނީ އެމްޑީޕީގެ ރައީސް އާއި ޗެއާޕާސަންގެ މަގާމު އެއްކޮށްލައި ޕާޓީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހަޅަނީ

އިދިކޮޅު އެމްޑީޕީގެ ލީޑަޝިޕުގައި މިހާރު ހިމެނޭ ރައީސްގެ މަގާމާއި ޗެއާޕާސަންގެ މަގާމު އެއްކޮށްލައި ކޮންމެވެސް އެއް މަގާމެއް ދެމެހެއްޓުމަށް އޮގަސްޓު މަހުގެ ކުރިން ބާއްވާ އެ ޕާޓީގެ ކޮންގްރެސްއަށް ހުށަހަޅާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އިއްޔެ ފާހަގަކުރި އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައި "ސަންގު ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، ދެ މަގާމު އެއްކޮށްލުމުން ޕާޓީ ކުރިއަށް ގެންދިއުމުގައި އެފިޝިއަންޓް ވާނެ ކަމަށެވެ. މިހާރު އެކުލަވާލާފައިވާ ޕާޓީގެ ރޯޑު މެޕުގައި ވެސް އޮންނާނީ އެ ތަނުން ކޮންމެވެސް އެއް މަގާމެއް ދެމެހެއްޓުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް މުހިންމު ބަދަލެއް މިއީ. ބައެއް ބޭފުޅުންނަށް އެހާ ފަސޭހަ ނުވެދާނެ ވިސްނަން އެކަމު އަޅުގަނޑަށް ހީވަނީ އެމްޑީޕީގެ ކުރިމަގަށް ވަރަށް މުހިންމު ބަދަލެއްހެން،" ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ފައްޔާޒު ހުންނެވިއިރު، ރައީސަކަށް މިހާރު ހުންނެވީ އަބްދުﷲ ޝާހިދު އެވެ.
ދެ މަގާމު އެއްކޮށްލުމަށްފަހު ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނަ މީހަކަށް، އެ މަގާމުގެ ދައުރުގެ ތެރޭގައި އަންނަ ރިޔާސީ އިންތިހާބެއްގައި ވާދަނުކުރެވޭނެ ގޮތަށް އަސާސީ ގަވާއިދު އިސްލާހު ކުރަން ހުށަހަޅާނެ ކަމަށް ވެސް ފައްޔާޒު ރޭ ވިދާޅުވި އެވެ.
މި ބަދަލުގެ ބޭނުމަކީ ޕާޓީގެ ތެރޭގައި އުފެދޭ ފެކްޝަންތަކާއި އެހެން ސިޔާސީ އޮއިވަރުތަކުގެ ތެރެއިން މިނިވަންކަމާއެކު ޕާޓީ ހިންގުމުގެ ފުރުސަތު ދިނުންކަން ފައްޔާޒު ފާހަގަކުރެއްވި އެވެ. ފައްޔާޒު ދެކިލައްވާ ގޮތުގައި މިއީ ވެރިކަމަށް އައުމުގެ ކުރިން ރައްޔިތުންނަށް އެ މީހެއްގެ ގައިގައި ކޮލިޓީ ހުރިކަން ސާބިތުކޮށްދޭން ލިބޭ ފުރުސަތަކަށް ވެގެންދާނެ އެވެ.
މީގެ އިތުރުން، ޕާޓީގެ ވެރިކަމެއްގައި ލީޑަރަށް ސަރުކާރުގެ އެއްވެސް މަގާމަކަށް، މަޖިލީހުގެ މެންބަރުކަމަށް ނުވަތަ މިނިވަން މުއައްސަސާއެއްގެ ވަޒީފާއަކަށް ނުދެނޭވެ ހެން ހެދުމަކީ ފައްޔާޒު ހުށަހަޅުއްވާ ތިންވަނަ ބޮޑު ބަދަލެވެ.
"ވެރިކަން އޮންނަ ކޮންމެ ފަހަރަކު ޕާޓީ ހީނަރުވާތަން. ޕާޓީގަ ތިބޭ އިސް ހުރިހާ ވަރުގަދަ ބޭފުޅުންތައް ދައުލަތުގެ އެކި ދިމަދިމާލަށް މި ދަނީ. މަޖިލީހުގެ މެންބަރުކަމަށް ވަޑައިގަންނަވަނީ. ކެބިނެޓަށް ވަޑައިގަންނަވަނީ. އެހެންވީމަ ޕާޓީ ވަރަށް ބޮޑަށް ކުޑަވަނީ. އޭރުން ހިނގަނީ ސަރުކާރު. އަޅުގަނޑުމެންގެ ބޭނުމަކީ އަޅުގަނޑުމެންގެ ސަރުކާރެއް އެކުލެވިގެންދާއިރުގައި ވެސް ޕާޓީ ވަރުގަދައަށް ހިނގުން،" ފައްޔާޒު ވިދާޅުވި އެވެ.
މި ބަދަލާއެކު ޕާޓީގެ ލީޑަރަކީ ރަނގަޅު މުސާރައެއް ދެވިފަ ހުންނަ ޕާޓީގެ ހުރިހާ ކަމެއް ހިންގުމުގައި އަބަދުމެ ޝާމިލު ހުންނަ މީހަކަށް ވެގެންދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ވެސް ޕާޓީގެ ހިންގުމަށް ބަދަލުތަކެއް ގެންނާނެ ކަމަށާއި އެކަންކަން ކުރިއަށް އޮތްތަނުގައި ހާމަކުރާނެ ކަމަށް ފައްޔާޒު ރޭ ވިދާޅުވި އެވެ. އެމްޑީޕީގެ އާދަޔާހިލާފު ކޮންގްރެސް އޯގަސްޓް 15، ގެ ކުރިން ބާއްވަން އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެކަމަށް ވަކި ތާރީހެއް އަދި ކަނޑައެއް ނޭޅެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ