ހަލާލް ޓޫރިޒަމަށް ވަކި ރަށްތަކެއް ކަނޑައަޅައި އިންވެސްޓަރުންނަށް ލުއިތަކެއް ދެނީ ހަލާލް ޓޫރިޒަމަށް ވަކި ރަށްތަކެއް ކަނޑައަޅައި އިންވެސްޓަރުންނަށް ލުއިތަކެއް ދެނީ

ހަލާލް ޓޫރިޒަމަށް ހާއްސަކޮށް ރިސޯޓު ތަރައްގީ ކުރުމަށް ވަކި ރަށްތަކެއް ކަނޑައަޅައި އެ ކަމަށް އިންވެސްޓްކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ މިހާރު ވެސް ދުނިޔެއަށް މިސާލެއް ކަމަށެވެ. ދެމެހެއްޓެނެވި ގޮތެއްގައި ޓޫރިޒަމް ތަރައްގީކުރުމަށް އެހެން ގައުމުތަކުން މިސާލު ނަގަނީ ރާއްޖެއިން ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"ސަރުކާރުން މިހާރު ބޭނުންވަނީ ހަލާލް ޓޫރިޒަމްގެ އެއްވަނަ މަންޒިލުގެ ގޮތުގައި، އަދިި ބެންޗްމާކްގެ ގޮތުގައި ރާއްޖެ ހެދުމަށް މަސައްކަތް ކުރުމަށް،" ރައީސް ލިޔުއްވާފައިވެ އެވެ.
މި ނިންމުމުގެ ދަށުން ވަކި ރަށްތަކެއް ހަލާލް ޓޫރިޒަމަށް ހާއްސަ ވެގެންދާނެ ކަމަށާއި މި ރަށްތައް ތަރައްގީކުރާ އިންވެސްޓަރުންނަށް ސަރުކާރުން ބޮޑެތި ލުއިތަކަށް ދޭނެ ކަމަށް އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވި އެވެ.
އަންނަ ހަފުތާގެ ތެރޭގައި މިކަމާ ގުޅޭ އިތުރު ތަފުސީލުތައް ޓޫރިޒަމް މިނިސްޓްރީން އާންމުކުރާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ބެލެވޭ ގޮތުގައި ޓޫރިޒަމް މިނިސްޓްރީން އާންމުކުރާނީ ހާއްސަ ކުރެވޭ ރަށްތަކުގެ ލިސްޓާއި އިންވެސްޓްކުރަން ޖެހޭ އަދަދުތައް އަދި ލިބޭނެ ލުއިތަކެވެ.
މިވަގުތު ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި ވެސް ހަލާލް ކެއުންތަކާއި ބުއިންތައް ލިބެން ހުރި ނަމަވެސް، އެ ހުރިހާ ތަނެއްގައި ވެސް ބަނގުރަލާއި އޫރު މަސް ވިއްކަ އެވެ. އެހެންވެ، ހަލާލް ޓޫރިޒަމްގެ މަންޒިލްތަކުގެ ގޮތުގައި ޕްރޮމޯޓުކުރަމުންދަނީ ގެސްޓްހައުސްތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ