މުޙައްރަމް މަހުގެ ދިހަވަނަ ދުވަހަކީ، ނުވަތަ ޢާޝޫރާ ދުވަހަކީ، ހެޔޮކަމާއި، ޒިކުރާތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެކެވެ. ޢާޝޫރާ ދުވަހަކީ، ފިރުޢައުނުގެ ކިބައިން، مُوْسَىގެފާނު ސަލާމަތްކުރައްވައި، ފިރުޢައުނާއި، އޭނާގެ ލަޝްކަރު، މާތް ﷲ ޣަރަޤުކުރެއްވި ދުވަހެވެ. ބަނީ އިސްރާއީލު ބާގައި މީހުން ސިއްރިއްޔާތުގައި މިޞްރުން ނުކުތުމުން، ފިރުޢައުނު އޭނާގެ ލަޝްކަރީން އެއްކޮށް، مُوْسَىގެފާނާއި އެކަލޭގެފާނުގެ ޤައުމު މުޅީން ނައްތައިލުމަށްޓަކައި ނުކުތެވެ.
مُوْسَى ގެފާނުގެ ޤައުމުގެ މީހުންނަށް ފިރުޢައުނުގެ ބިޔަ ލަޝްކަރު ފެނުމުން އެބައިމީހުން مُوْسَىގެފާނަށް ދެންނެވިއެވެ. -- މާނައީ: "ހަމަކަށަވަރުން، އެއުރެން ތިމަންމެން އަތުލައިގަންނާނެތެވެ." އެހިނދު ވަރަށް އިތުބާރާއި ޔަޤީންކަމާ އެކު، مُوْسَىގެފާނު ވިދާޅުވިއެވެ. ----[1] މާނައީ: "ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރި ރަސްކަލާނގެ ތިމަންނާއާ އެކު (نَصْرُދެއްވުމުގައި) ވޮޑިގެންވެއެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ."
ފިރުޢައުނުގެ ލަޝްކަރު ބަނީ އިސްރާއީލު ބާގައިމީހުންނާ ވަރަށް ކައިރިވުމުން، މާތް ﷲ مُوْسَىގެފާނަށް، އެކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖެއްސެވުމަށް ވަޙީކުރެއްވިއެވެ. އެ ހިނދު އެކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖެއްސެވުމުން ކަނޑުގެ މެދުން މަގުތަކެއް އުފެދުނެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ދެން އެ ކަނޑު އިރައިގެން ހިނގައްޖެއެވެ. އެއިން ކޮންމެ ބައެއް، ބޮޑު ފަރުބަދައެއް ފަދައިން ވިއެވެ." މާތް ﷲ ކަނޑު ހިއްކަވައިދެއްވުމުން ބަނީއިސްރާއީލު ބާގައިގެ ބާރަ ޤަބީލާގެ މީހުން އެއިން ކޮންމެ ބަޔަކަށް ޚާއްޞަކުރެވިގެންވާ މަގުން ކަނޑު ހުރަސްކޮށް ދިޔައެވެ. ފިރުޢައުނާއި އޭނާގެ ލަޝްކަރު ބަނީ އިސްރާއީލު ބާގައި މީހުންގެ ފަހަތުން ދިޔައެވެ. ނަމަވެސް އެ މަގުތަކަށް ފިރުޢައުނުގެ ލަޝްކަރު ވަދެ ނިމުމުން އެ ކަނޑު ކުރީން އޮތް ގޮތަށް މާތް ﷲ ބަދަލުކުރެއްވިއެވެ.
މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ތިމަންރަސްކަލާނގެ އަނެއްބައިމީހުން (އެބަހީ: فِرْعَوْن އާއި އޭނާގެ قَوْمُގެ މީހުން) އެ ތަނަށް ކައިރިކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ مُوْسَىގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ އެންމެން (غَرَقُން) ސަލާމަތްކުރެއްވީމެވެ. ދެން ތިމަންރަސްކަލާނގެ އެހެން މީހުން (އެބަހީ: كَافِرُން) غَرَقُ ކުރެއްވީމެވެ."
މި ފަދަ ޙާދިސާތަކުގައި، ގިނަގުނަ ޢިބުރަތްތަކާއި ދަރުސްތައް ވެއެވެ. މީގެ އެންމެ މުހިންމު ފިލާވަޅަކީ، اللهُ سُبْحَانَهُ وَتَعَالَى އެކަލާނގެ ނަބިއްޔުންނާއި އެކަލާނގެއަށް އީމާންވާ މީސްތަކުން، ބޮޑެތި މުޞީބާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، އީމާންކަން ހަރުދަނާކުރުމަށް މަސައްކަތްކުރުމުގެ ފިލާވަޅެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ދެން ތިމަންރަސްކަލާނގެ رَسُوْلُންނާއި، إِيْـمَانވީ މީހުން ސަލާމަތްކުރައްވަމެވެ. ހަމަ އެ ފަދައިން، مُؤْمِنُން ދިންނަވައި ސަލާމަތްކުރެއްވުމަކީ، ތިމަންރަސްކަލާނގެއަށް އޮތް حَقّއެކެވެ."
މި ފަދަ ޙާދިސާތަކުން އެނގެނީ، މުޞީބާތްތަކުން ސަލާމަތްވެވޭނީ، އީމާންކަމާއި އިސްލާމްކަމުންކަމެވެ. އާޚިރަތުގައި ނަޞްރާއި ނަޞީބު ލިބުމުގެ މަގަކީ އެއީކަމެވެ. މާތް ﷲއަށް އިތުބާރުކޮށް، އެކަލާނގެ ޙަޟުރަތަށް ރުޖޫޢަވެގެން މެނުވީ ދެ ދުނިޔޭގައި ވެސް ސަލާމަތެއްނެތްކަމެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އެކަލާނގެއީ، ދިރިދެމިވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެހެން إِلَـٰهއަކު ނުވެއެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަން خَالِصކުރާ حَالُ، އެކަލާނގެއަށް دُعَاءކޮށް އަޅުކަންކުރާށެވެ!"
ފިރުޢައުނު ޣަރަޤުކުރެއްވި ޙާދިސާއިން އެނގެނީ، މާތް اللهއަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް، ގަދަފަދަ ޢަޛާބުން ޢަޛާބުދެއްވައި، ނެތިކުރައްވާނެކަމެވެ.
އެ މީހުންނަށް އެ ކަމުގައި ކާމިޔާބެއް ނުލިބޭނޭކަމެވެ. އަދި އަހަރެމެން ފަސާދަޔާ ދެކޮޅަށް ތެދުވާން ޖެހޭނޭކަމެވެ. ހަމައެހެންމެ، މާތް ﷲއަށް އީމާންވާ މީހުންނަށް ދުނިޔޭގައި ވެސް ޢިއްޒަތާއި، ޝަރަފާއި، ޤަދަރު ދެއްވާނޭކަމެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ތިމަން ރަސްކަލާނގެ އިރާދަކުރައްވަނީ، ބިމުގައި ދެރަވެ ނިކަމެތިވީ މީހުންނަށް نِعْمَة ދެއްވުމަށެވެ. އަދި އެއުރެންނީ (އެހެންމީހުންނަށް މަގުދައްކާ) إِمَامُންކަމުގައި އެއުރެން ލެއްވުމަށެވެ. އަދި (فِرْعَوْنُގެ ވެރިކަން) ވާރުތަވަނިވި މީހުންކަމުގައި އެއުރެން ލެއްވުމަށެވެ. އަދި ބިމުގައި ތިމަންރަސްކަލާނގެ އެއުރެންނަށް ވެރިކަންދެއްވުމަށެވެ. އަދި فِرْعَوْنއާއި، هَامَانއާއި، އެ ދެ މީހުންގެ لَشْكَرއަށް، އެއުރެން ބިރުގަންނަ ކަންތައްތައް، އެ ނިކަމެތި މީހުންގެ ފަރާތުން ދެއްކެވުމަށް ޓަކައެވެ."[2]
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ހިޖުރަކުރެއްވެވި އިރު އެ ރަށުގެ ޔަހޫދީން ޢާޝޫރާ ދުވަހު ރޯދަހިފާތީ، އެއީ ކީއްވެގެން ހިފާ ރޯދައެއްތޯ އެމީހުންނާ ސުވާލުކުރެއްވިއެވެ. އެއީ، އެ ދުވަހު މާތް ﷲ مُوْسَىގެފާނު ސަލާމަތްކުރައްވައިފައި ވާތީކަމަށް އެކަލޭގެފާނަށް ދެންނެވުމުން، ޙަދީޘްކުރެއްވިއެވެ. (فَأَنَا أَحَقُّ بِـمُوْسَى مِنْكُمْ)[3] މާނައީ: "ތިޔަބައިމީހުންނަށް ވުރެ، مُوْسَىގެފާނަށްޓަކައި ތިޔަކަންކުރުން ޙައްޤުކަން ބޮޑީ ތިމަން ކަލޭގެފާނެވެ." ޢާޝޫރާ ދުވަހު ރޯދަހިފުމުގެ ޘަވާބު ބަޔާންކޮށްދެއްވަމުން ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (وَصِيَامُ يَوْمِ عَاشُوْرَاءَ أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّـتِـيْ قَبْلَهُ)[4] މާނައީ: "އަދި عَاشُوْرَاء ދުވަހު ރޯދަހިފުމަކީ، ވޭތުވެ ދިޔަ އަހަރުގެ ކުށްފާފަތައް، މާތް الله ފުއްސަވައިދެއްވާނެ ޢަމަލެއްކަމުގައި ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ." اِبْنُ القَيِّم رَحِمَهُ الله ވިދާޅުވެފައިވެއެވެ. "(ޢާޝޫރާދުވަހު) ރޯދަހިފުމުގެ ތިން ދަރަޖައެއް ވެއެވެ. އޭގެ ތެރެއިން އެންމެ ފުރިހަމަ ދަރަޖައަކީ ޢާޝޫރާދުވަހާ އެކު އެއް ދުވަސް ކުރީންނާއި އެއްދުވަސް ފަހުން ރޯދަހިފުމެވެ. އޭގެ ފަހުން އަންނަ ދަރަޖައަކީ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަހިފުމެވެ. އެއީ ގިނަ ޙަދީޘްތަކުން ދޭހަވާ ގޮތެވެ. އޭގެ ފަހުން އަންނަ ދަރަޖައަކީ ދިހަވަނަ ދުވަހު އެކަނި ރޯދަހިފުމެވެ.[5]
ޢާޝޫރާ ދުވަހު ރޯދަހިފުން ފިޔަވައި، އެ ދުވަހާއި އެރޭ "ޢާޝޫރާ ދުޢާ"ގެ ނަމުގައި ވަކި ދުޢާއެއްކުރުމާއި، އެ ރެއާއި އެ ދުވަހު ވަކި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝަރުޢުކުރައްވައިފައެއް ނެތެވެ.
މުޙައްރަމް މަހަކީ، މާތް ﷲ ޙުރްމަތްތެރިކުރައްވައިފައިވާ މަހެކެވެ. ރަމަޟާން މަހަށް ފަހު ރޯދަހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުޙައްރަމު މަހެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللهِ الْـمُحَرَّمُ)[6] މާނައީ: "ރަމަޟާން މަހަށް ފަހު ރޯދަހިފުން އެންމެ އިތުރުވެގެންވާ މަހަކީ، ﷲގެ މައްސަރުކަމުގައިވާ މުޙައްރަމު މަހެވެ." މި މަސް، މާތް ﷲގެ ޛާތުފުޅަށް ނިސްބަތްކުރެއްވުމުން އެ މަހުގެ މާތްކަމާއި ޝަރަފުވެރިކަން އެނގެއެވެ.
ހުކުރު ޚުޠުބާ: އާޝޫރާ ދުވަހާ އަދި ގުޅުވައިގެން އެއްދުވަހު ރޯދަހިފާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ