ފީފާ ރޭންކިންގައި ރާއްޖެއަށް 7 ދަރަޖައިގެ ވެއްޓުމެއް
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ކަމަށްވާ ފީފާއިން ކޮންމެ މަހަކު ނެރޭ ވޯލްޑް ރޭންކިންގެ ޖުލައި މަހުގެ ރޭންކިންގައި ރާއްޖެ ހަތް ދަރަޖަ ފަހަތަށް ވެއްޓިއްޖެއެވެ. ފީފާގެ އައު ރޭންކިން ހާމަކޮށްފައިވަނީ ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހެވެ. ހަތް ދަރަޖަ ފަހަތަށް ވެއްޓުމުން މިހާރު އޮތީ ދުނިޔޭގެ 172 ވަނައިގައެވެ. ކުރިން އޮތީ 164 ވަނައިގައެވެ. އެއާއެކު ރާއްޖެ ވެފައިވަނީ ދެކުނު އޭޝިއާ ސަރަހައްދުން އެންމެ ބޮޑު ވެއްޓުމަކާ ކުރިމަތިލާން ޖެހުނު ގައުމަށެވެ. މި ސަރަހައްދުން އެންމެ ބޮޑު ކުރިއެރުމެއް ހޯދީ ސްރީ ލަންކާއެވެ. ލަންކާ މިހާރު އޮތީ ދުނިޔޭގެ ރޭންކިންގެ 196 ވަނައިގައެވެ. އެ ގައުމު ވަނީ އޭޝިއަން ކަޕް ކޮލިފައިންފައި ޗައިނީސް ޓައިޕޭ އާއި ބުރޫނާއީ ބަލިކޮށްފައެވެ. އިންޑިޔާއިން ވެސް ވަނީ ބޮޑު ވެއްޓުމަކާ ކުރިމަތިލާން ޖެހިފައެވެ. އެ ގައުމު ވަނީ ހަ ދަރަޖަ ފަހަތަށް ވެއްޓިފައެވެ. ރޭންކިންގައި އިންޑިއާ މިހާރު އޮތީ ދުނިޔޭގެ 133 ވަނައިގައެވެ. ސާކް ސަރަހައްދުގެ ތިންވަނަ ލިބެނީ ނޭޕާލަށެވެ. އެއް ދަރަޖައިގެ ވެއްޓުމަކާއެކު އެ ގައުމު އޮތީ ދުނިޔޭގެ ރޭންކިންގެ 176 ވަނާގައެވެ. ބަންގްލަދޭޝް ވެސް ވަނީ އެއް ދަރަޖަ ފަހަތަށް ވެއްޓިފައެވެ. މިހާރު އެ ގައުމު އޮތީ ރޭންކިންގެ 184 ވަނައިގައެވެ. ބޫޓާން ހަތަރު ދަރަޖައިގެ ވެއްޓުމަކާއެކު 186 ވަނާގައި އޮތްއިރު ފުލުގައި އޮތީ ޕާކިސްތާނެވެ. އެއީ ތިން ދަރަޖަ ފަހަތަށް ޖެހި 201 ވަނައިގައެވެ. ރާއްޖެ ހަތް ދަރަޖަ ފަހަތަށް ވެއްޓުނުއިރު އެންމެފަހުން ކުޅުނު އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު ދެ މެޗުން ވެސް ރާއްޖެ ވަނީ ބަލިވެފައެވެ. އެއީ ފިލިފީންސްއާއި ޓިމޯ ލެސްޓޭ އަތުންނެވެ. މި ބައްޔާއެކު ކޯޗު އަލީ ސުޒެއިން ވަނީ މަގާމުން އިސްތިއުފާވެސް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ