ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20ރ. އަށް އަރައިފި
ޑޮލަރު ރޭޓު ދަށްނުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއަށް މިއަދު އަރައިފި އެވެ.މިއީ ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރަށް ފަހު ޑޮލަރެެއްގެ އަގު މިހާ މަތިވީ ފުރަތަމަ ފަހަރެވެ. އަދި މިއީ އެންމެ ގިނަ ދުވަސްތަކެއް ވަންދެން ޑޮލަރުގެ އަގު ނުވެއްޓި މިހާ މަތީގައި ހުރި ފުރަތަމަ ފަހަރު ވެސް މެ އެވެ.ކަޅު ބާޒާރުގައި ޑޮލަރު މާރުކުރާ ރޭޓުތައް ފެންނަ "ކަރަންސީ އެކްސްޗޭންޖު އެމްވީ" ގްރޫޕުގައި މިއަދު ހުރި ރޭޓުތަކަށް ބަލާއިރު، އެންމެ ކުޑަ ރޭޓެއްގައި ޑޮލަރެއް ގަންނަަން ލިބެނީ 19.80ރ. އަށެވެ. ޑޮލަރު ވިއްކަން ޖަހާފައި ހުރި ގިނަ މީހުން ޖަހާފައި ހުރީ 19.90ރ. އިން މަތީގެ އަގުތައް ޖަހާފަ އެވެ.ޑޮލަރު މާރުކުރަން މަޖުބޫރުކޮށް އެމްއެމްއޭއިން ނެރެފައިވާ ގަވައިދު އެގޮތަށް ދަމަހައްޓާ ނަމަ ޑޮލަރުގެ އަގު ފުރަތަމަ އަހަރު 19.50ރ.އަށް އަދި ދެ ވަނަ އަހަރު 21.7ރ.އަށް އަރާނޭ ކަމަށް ދިރާސާ ރިޕޯޓެއްގައި ބުނެފައިވެ އެވެ. އެ ބަދަލު އަންނަނީ ރިސޯޓްތަކުން މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލުމާއި ދިވެހި ބައެއް ކުންފުނިތަކުގެ ބިލްތަކަށް ޑޮލަރުން ފައިސާ ދެއްކުން ހުއްޓާލުމުން އިގްތިސާދުގައި ދައުރުވާ ޑޮލަރު މަދުވާނެތީ އެވެ. ޑޮލަރު އަގު ބޮޑުވުމަކީ އެކަށީގެންވާ ބޭސް ފަރުވާ ނުލިބޭތީ ރާއްޖޭން ބޭރަށް ދަތުރު ކުރަން ޖެހޭ ގިނަ އަދަދެއްގެ ބަޔަކަށް ވެސް އޮތް ބޮޑު ގޮންޖެހުމެކެވެ. އަދި، ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ވެސް މިއީ ބޮޑު ގޮންޖެހުމެކެވެ.ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ޑޮލަރުގެ އަގު މަތި ނުވާނެ ކަމަށާއި ދެން ދާނީ ތިރިއަށް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަދިއަދަށް ވެސް އެކަން ކާމިޔާބު ވާގޮތެއް ނުވެއެވެ.މިދިޔަ އޭޕްރީލް މަހު ރައީސް މުއިއްޒު ވަނީ ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރެވި، ޑޮލަރެއްގެ އަގު ބޭންކް ރޭޓަށް 2027 ނިމުމުގެ ކުރިން ދަށްކުރެވޭނެ ކަމަށެވެ. އޭގެ ކުރިން ރައީސް ވަނީ ޑޮލަރުގެ ރޭޓު ދެން ވާނީ ދަށްކަމަށާއި އިތުރަށް މަތިނުވާނެ ކަމަށް ވިދާޅުވެފަ އެވެ.އެކަމަކު، ޑޮލަރެއްގެ އަގު އަންނަނީ ދުވަހުން ދުވަހަށް ބޮޑުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ