ތުޅާދޫއަށް އީދެއް؛ 400 އަހަރުވީ އެކުވެރިކަން ފާހަގަކުރަން މީދޫ މީހުން ތުޅާދޫއަށް
މިއަދު މެންދުރުވީއިރު، އެ ރަށުގެ ބަނދަރު މަތީގައި އޮތީ ދޮންވެލި ލާފައެވެ. މުޅި ތަނުގައި ގައުމީ ދިދަ ފަތި ދަމާފައެވެ. ރަށުގެ އެންމެންހެން އަވަދި ނެތި އުޅުނީ، އެކި ތައްޔާރީތަކުގައެވެ. މެންދުރުފަހު 14:30 އަށް، އެންމެން ސަފަކަށް އެތުރި ތިއްބެއެވެ. ގައުމީ ހެދުމުގައެވެ. ގައުމީ ހެދުމެއް ނޫންނަމަ ގައުމީ ކުލައިގެ ހެދުމެއްގައެވެ. އެ އެންމެންގެ ކެތްތެރިކަން ކުޑަވަމުން ދިޔައީ، ރަށަށް އަންނަން ތިބި މެހެމާނުންނަށް މަރުހަބާ ކިޔާށެވެ. މިއީ ދުނިޔޭގެ ބައިނަލްއަގުވާމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބ. ތުޅާދޫއަށް ރ. މީދޫއިން ކީ މަރުހަބާއިން އަޅުގަނޑަށް ފެނުނު މަންޒަރުގެ ކުޑަ މިންވަރެކެވެ. ތުޅާދޫއިން ދިން ދައުވަތު މީދޫއިން ގަބޫލުކުރީ އުފަލާ އެކީގައެވެ. އެ ދައުވަތު ގަބޫލުކޮށް، 2،500 އެއްހާ މީހުން އުޅޭ މީދޫއިން 315 އެއްހާ މީހުން ދޯނިތަކުގައި ތުޅާދޫއަށް އައެވެ. ތުޅާދޫ މީހުން މީދޫއިން އައި މީހުންނަށް މަރުހަބާ ކިޔަން ސަފު ހަދައިގެން: ތުޅާދޫއިން އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ---- ފޮޓޯ/ ހެރިޓޭޖު މިނިސްޓްރީ https://x.com/i/broadcasts/1kvJpMRpgOkxE މީދޫއިން އައި ދޯނިތައް ތުޅާދޫގެ ނެރުން ވަންނަން ފަށައިފިއެވެ. އެ ވަގުތު އެ ތަނުގައި ގުގުމާލީ، "މީދޫ މީހުންނަށް ތުޅާދޫއިން މަރުހަބާ. ހުރިހާ ބޭފުޅުން އަތްތައް ވިހުރާލާ" މި އަޑެވެ. އެހާ ވެސް ބޮޑަށް ތުޅާދޫ ރައްޔިތުން ތިބީ މީދޫ މީހުންނަށް މަރުހަބާ ކިޔަން ކެތް މަދުވެފައެވެ. ދޯނިތައް ގާތްކޮށް، މީހުންނަށް ފައިބަން ފެށޭ ވަރުވީ، ގާތްގަނޑަކަށް 14:45 ހާއިރެވެ. އެ މީހުންގެ ކަރަށް އަމުނައިލަން ފެށީ، ގައުމީ ކުލަތަކުގެ މާތަކުން ހަދައިފައިހުރި މާ ފަތިތަކެވެ. ބަނދަރު މަތީގެ އެކި ތަންތަނުގައި މީދޫއަށް މަރުހަބާ ކިޔަން އެކި ބެނާތައް ދަމާފައި ހުއްޓެވެ. ރަތާއި ހުދާއި ފެހީގެ ދިދަފަތިތަކުން ގަސްތައް އޮތީ ޒީނަތްތެރިކޮށްފައެވެ. ތުޅަދޫ މީހުން މީދޫ މީހުންނަށް މަރުހަބާ ކިޔަން ސަފު ހަދައިގެން --- ފޮޓޯ/ ހެރިޓޭޖު މިނިސްޓްރީ މެންދުރުގެ ދިލަ ހޫނުން ތުޅާދޫގެ ބަނދަރު މަތީ އޮތީ ދޮންކޮށްފައެވެ. އެ ހޫނަށް ފިނިކަމެއް މީދޫ މީހުންނަށް ގެނެސްދިނީ، އެ މީހުންގެ އިސްތިގުބާލުގައި ތައްޔާރުކޮށްފައި ހުރި "އަރާ" ފަނިތަކުންނެވެ. އަރާ ފަންޏަކީ، ތުޅާދޫއާއި މީދޫގެ ގުޅުން ރަމްޒުކޮށްދޭ ޖޫހެކެވެ. ހަމައެކަނި ޖޫހުން ފުއްދާލީއެއް ނޫނެވެ. ބިސްކޯދު ވެސް ހުއްޓެވެ. އެ އުފާވެރި މާހައުލު އިތުރަށް ފަޅުފިލުވައިދެނީ، އެ ކަންކަން އިތުރަށް ތަފްސީލުކޮށް ދޭން ހުރި މީހާއެވެ. މަޖާޒީ ގޮތެއްގައި އެ މީހާ ކިޔަމުން ދިޔަ ބަސްތަކުން އެންމެންގެ މޫނު މައްޗަށް ހިނިތުންވުން ގެނުވައެވެ. "މި ތުޅާދޫއިން ވަރަށް ގިނަ އެއްޗެހި ލިބެން އެބަހުރި. އެކަމަކު، މި ގުޅުން އަންގައިދިނުމުގެ ގޮތުން އަޅުގަނޑުމެންގެ ކާބަފައިން ބޭނުންކުރި ހުރިހާ ޖޫހެއް ތިބޭފުޅުންނަށް މި ދެނީ. އެއީ، ކަރާ ފަނި އަދި ކުދި ބިސްކޯދު. ކުދި ބިސްކޯދު ޖީބަށް އެޅިޔަސް ދަބަހަށް އަޅައިގެން ގެންދިޔަޔަސް އެއީ ތިޔަ ބޭފުޅުންގެ އެއްޗެއް" އޭނާ ދޭތެރެއަކުން ބުނެލައެވެ. މިނިސްޓަރު އާދަމް ނަސީރު ތުޅާދޫގައި --- ފޮޓޯ/ ހެރިޓޭޖު މިނިސްޓްރީ ތިންހާހެއްހާ މީހުން އުޅޭ ތުޅާދޫއިން މީދޫ މީހުންނަށް މަރުހަބާ ކިޔަން ތައްޔާރުވެފައި ވަނީ ވަރަށް ފުރިހަމައަށެވެ. މުޅި ރަށް އޮތީ އެކަމުގައި ގުޅިލާމެހިފައެވެ. އެއްބައިވަންތަކަމުގެ ދުވަސް އެ ދެ ރަށުން ފާހަގަކުރަނީ، 400 އެއްހާ އަހަރުވީ ޒަމާންވީ ގުޅުން އާލާކުރުމަށެވެ. އެ ކަން ފާހަގަކުރުމަށް މިއަދު ހަވީރު އެ ރަށުގައި ފުޓުބޯޅަ މެޗެއް ކުޅޭއިރު، މިރޭ 08:15ގައި ޖާފަތެއް ވެސް އޮންނާނެއެވެ. މި ހަރަކާތްތައް އިތުރަށް ޚާއްސަވާ އަނެއް ކަމަކީ، މި ކަމުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ބައިވެރިވެވަޑައިގަންނަވާތީއެވެ. މި ކަމާ ގުޅިގެން ތުޅާދޫއިން ވާހަކަދެއްކި އަންހެނަކު ބުނީ، ދެ ރަށުގެ ގުޅުން ރަމްޒުވާހެން، އެހާ ކުލަގަދަކޮށް ފާހަގަކުރާ ތަން މީގެކުރިން ފެނިފައި ނެތް ކަމަށެވެ. އެ ކަމާ ވަރަށް އުފާވާ ކަމަށާއި ހުރީ ވަރަށް ހިތްހަމަޖެހިފައި ކަމަށް އޭނާ ބުންޏެވެ. "ދެން ވެސް [މީދޫގައި] ތިބި ބައެއް ކައިރީގައި ބުނާނީ ފުރައިގެން އަވަހަށް އަންނާށޭ. މިރޭގެ އިވެންޓަށް ވެސް ތިބޭފުޅުންނާ އެއްކޮށޭ ތުޅާދޫގެ ރައްޔިތުން ތިބީ، ކުދި ބޮޑު އެންމެހާ ބޭފުޅުން،" އޭނާ ބުންޏެވެ. ޒަމާންވީ ގުޅުމާއި އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރަން ތުޅާދޫއިން ތައްޔާރުވެފައި އޮތް މިންވަރު: ބަނދަރު މަތި އެއްކޮށްހެން އޮތީ ދިދަ ފަތި ދަމައި ޒީނަތްތެރިކޮށްފައި ----- ހިނިތުންވެ، ތިބެ އެހެން އެންމެން ވެސް ފާހަގަކުރަމުން ދިޔައީ، ދެ ރަށުގެ ކާބަފައިންނާ ހަމައިން އޮތް ގުޅުމެވެ. ދެ ރަށުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމަށް، ގާތްގަނޑަކަށް 400އެއްހާ އަހަރުވާނެ ކަމަށް އެ ރަށްތަކުން ބުނެއެވެ. މިހާ ގިނަ ދުވަސްވީއިރު ވެސް އެ ދެ ރަށުގެ ގުޅުމަށް އެއްވެސް ހީނަރު ކަމެއް ނާދެއެވެ. މި ގުޅުން އިތުރަށް ކިޔައިދިން ދުވަސްވީ މީހަކު ބުނި ގޮތުގައި، މި ގުޅުން ކާބަފައިން އެ މީހުންނާ ހަމައަށް ގެނެސްދީފައި އޮތީ ވަރަށް ރައްކާތެރިކަމާ އެކީގައެވެ. މި ގުޅުން ފެށުނު ސީދާ ތާރީޚެއް ނުބުނެ، އެމީހާ ބުނީ، އޭނާގެ މުނިކާފަ ޒަމާނުއްސުރެ ދެ ރަށުގެ ގުޅުން އޮންނަ ކަމަށެވެ. ގުޅުން ފެށުނު ގޮތް ކިޔައިދެމުން އެ ބޭބެ ބުނީ، މީދޫގައި މިސްކިތެއް އިމާރާތްކުރިއިރު، ތުޅާދޫއިން ލިޔެލާ ޖަހާ ބަޔަކު ތަނބުތަކެއް ތައްޔާރު ގޮސް އެކަން ކޮށްދިނީ ހިލޭ ކަމަށެވެ. "ދެ ރަށުގެ ގުޅުން އެ ހިސާބުން ފެއްޓުނީ. [ތުޅާދޫ މީހުން] އަގެއް ވެސް ނުނަންގަވާ ކަމަށް ވަނީ. އެ މީހުން ދިޔަ ހަދިޔާއަކާ އެކީ މިކޮޅަށް އައީ. އެ ބޭފުޅުން މިކޮޅަށް އައިސް ހަމަ އެކަހަލަ ގުޅުންތައް ބާއްވާ" އެ ޒަމާނުގައި މީހުން ކިޔަނީ ބޮޑުމާލޫދެވެ. އެއީ، ގިނަ ބަޔަކު އެއްވެގެން ހަދާ ކެއުމެކެވެ. އެ ކެޔުން މީދޫގައި ބާއްވާނަމަ، އެންމެ ފުރަތަމަ ގެންދާނީ ތުޅާދޫ މީހުންނެވެ. ހަމަ އެ ގޮތަށް ތުޅާދޫގައި އެކަން ކުރަނީ އެ އުސޫލުންނެވެ. އެ ބޭބެ ކިޔައިދިން ގޮތުގައި، އެ ނޫނަސް އިތުރު ހަނދާންތައް އެބަހުރި ކަމަށާއި ދެ ރަށުގެ ދެމެދުގައި އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށް ފާހަގަކުރިއެވެ. ދެ ރަށުގެ ގުޅުން އެހާމެ ބަދަހިއެވެ. މިއީ، މިހާރު އާންމުކޮށް ނުފެންނަ މަންޒަރެކެވެ. މި ގުޅުމުން އެކަނި ވެސް ދައްކުވައިދިނީ ދެ ރަށުގެ ޒަމާންވީ އެކުވެރިކަމެވެ. ރައްޔިތުންގެ އެއްބައިވަންތަކަމާއި އަޚުވަންތަކަމެވެ. މި ގުޅުމުން މިހާރުގެ ޒުވާން ޖީލު ނަމޫނާ ލިބިގަންނަން ޖެހެއެވެ. އަދި، އެ މިސާލު އެ މީހުން ދަސްކުރުމަކީ ކާބަފައިންގެ އަމާނާތަށް ރައްކާތެރިވާން އެޅޭ މުހިންމު ފިޔަވަޅަކަށް ވާނެއެވެ. މިއަދު، ތުޅާދޫއަށް މިއައީ ކުޑަ ވަރެއްގެ އީދެކޭ ވެސް ބުނެވިދާނެއެވެ. އެހާ ވެސް އެ ރަށުގެ އެންމެން ތިބީ އުފަލުން ފޮޅިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ