ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދާއިރާއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެެފެއާޒްގައި ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އިބްރާހިމް ޚަލީލް އެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގ ޝިއަންހުއާ އެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މުހިއްމު މަޝްރޫޢުތަކަށް އެހީވުމުގެ ގޮތުން 600 މިލިއަން ރެންމިންބިން ގެ ހިލޭ އެހީ ފޯރުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ފޮރިން މިނިސްޓަރ ޑރ. ޚަލީލް ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށާއި ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވައި، މިގޮތުން ކޮށްދެއްވާފައިވާ އަގުހުރި މުހިއްމު މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، މުހިއްމު ތިން މަޝްރޫޢެއް ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ވިލިމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްސިޕް ހޮސްޕިޓަލް މަޝްރޫޢާއި، މާލެ-ވިލިމާލެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޫޢުގެ އިތުރުން 50 ރަށެއްގެ ކައުންސިލް އިމާރާތްތައް ތަރައްޤީކުރުމުގެ މަޝްރޫޢު ހިމެނެއެވެ.
ޗައިނާ ސަފީރުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ޗައިނާ ސަރުކާރުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. މިގޮތުން ކުރިޔަށްގެންދާ މުހިއްމު މަޝްރޫޢުތަކުގެ ސަބަބުން ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން ވެސް ސަފީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިންގެ އިތުރުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އާއި ޗައިނާ އެމްބަސީގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ހަބަރު: ސަރުކާރު
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެއްބަސްވުމެއްގައި ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ