ރާއްޖޭގައި ހަދާ ޕީއެޗްޑީ ގަބޫލުކުރާނީ މަދުވެގެން ތިން އަހަރު ފުރިހަމަކުރުމުން: އެމްކިއުއޭ

ރާއްޖޭގައި ހާސިލްކުރާ ޕީއެޗްޑީ ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ގަބޫލުކުރާނީ ފުލްޓައިމްކޮށް މަދުވެގެން ތިން އަހަރު، ނުވަތަ ޕާޓްޓައިމްކޮށް މަދުވެގެން ހަ އަހަރު ފުރިހަމަކުރުމުން ކަމަށް، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން ބުނެފިއެވެ. އެ އިދާރާއިން މިއަދު ގެޒެޓުގައި އާންމުކުރި ދެންނެވުމެއްގައިވަނީ، ރާއްޖޭގެ ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ހިންގާ ޕީއެޗްޑީ، ނުވަތަ އެއާ އެއް ފެންވަރުގެ ޕްރޮގްރާމުތަކާ ގުޅޭގޮތުން ވަކި ޚާއްސަ އުސޫލެއް އަދި އާންމުކުރެވިފައި ނެތް ކަމަށެވެ. އެކަމަކު ބޭރުން ހާސިލްކުރާ ޕީއެޗްޑީ ގަބޫލުކުރާ އުސޫލެއް އެކުލަވާލާފައިވާކަން ފާހަގަކުރިއެވެ. އެހެންކަމުން ރާއްޖޭގައި، ނުވަތަ ބޭރުގެ ކޮލެޖުތަކާ ގުޅިގެން ރާއްޖޭގައި ހާސިލްކުރާ ޕީއެޗްޑީ، ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދުތައް ގަބޫލުކުރާނީ މިހާރުވެސް ބޭރު ގައުމުތަކުގެ ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ހާސިލްކުރާ ޕީއެޗްޑީ ގަބޫލުކުރާ މިންގަނޑުތަކާ އެއްގޮތަށް ކަމަށް، އެމްކިއުއޭއިން ބުންޏެވެ. އަދި އެގޮތަށް އެ އިދާރާގެ ބޯޑުން ނިންމާފައިވާކަންވެސް ވަނީ ހާމަކޮށްފައެވެ. އެގޮތުން ފުލްޓައިމް ކަމަށް ބަލާނީ މަދުވެގެން ތިން އަހަރު ކަމަށާއި، ޕާޓްޓައިމްކޮށް ބަލާނީ ފުލްޓައިމްގެ ދެގުނަ މުއްދަތުކަމަށްވެސް އެ ދެންނެވުމުގައިވެއެވެ. ޕީއެޗްޑީ އަށް ކިޔަވާއިރު 360 ކްރެޑިޓް ހަމަވާން ޖެހޭ ކަމާއި، ގިނަ އަދަދެއްގެ ދިރާސާ ކުރަންޖެހޭކަން އެމްކިއުއޭއިން ފާހަގަކުރިއެވެ. އެހެންކަމުން ޕީއެޗްޑީއަށް ކިޔަވާއިރު މަދުވެގެން 36،000 ގަޑިއިރު ތިން އަހަރު ދުވަހުގެ ތެރޭ މަދުވެގެން ފުރިހަމަކުރަންޖެހޭކަން ވެސް އެ އިދާރާއިން ފާހަގަކުރިއެވެ. އެކަމަކު ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް ދަތިވާނެކަން ފާހަގަކޮށް، އެމްކިއުއޭއިން ވަނީ އެފަދަ ފަރާތްތަކުން ޕީއެޗްޑީ ހާސިލްކުރާނަމަ ޕާޓްޓައިމްކޮށް އެކަން ކުރުމަށް އަންގައިފައެވެ. ވުމާއެކު، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހިންގާ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކުގެ ފެންވަރު ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި، ދެންނެވުނު މިންގަނޑާއި އެއްގޮތަށް ޢަމަލުކުރުމަށް މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކަށް ދަންނަވަމެވެ. ރާއްޖޭގައި ޕީއެޗްޑީއަށް ކިޔަވަން އެންމެ ފުރުސަތު ހުޅުވާލީ އޮގަސްޓު 18، 2016ގައެވެ. ގައުމީ ޔުނިވާސިޓީން ކިޔެވި ދަރިވަރުންގެ ތެރެއިން އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލްކުރެއްވީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢައިޝަތު ޢަލީއާއި ޖެންޑާ މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. ސުނީނާ ރަޝީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ