ޒެލެންސްކީ ވިދާޅުވީ، ރަޝިއާއިން ހަމަލާތައް ވަރުގަދަކުރުމުން ސުލްހަ ބޭނުން ނުވާކަން އެނގިގެންދާ ކަމަށް

އެމެރިކާއިން ހުށަހެޅި 20 މާއްދާގެ ސުލްހައިގެ ޕްލޭނަށް ޔޫކްރައިން އެއްބަސްވެ މަތީފަންތީގެ މަޝްވަރާތަކަށް ޒެލެންސްކީ އެމެރިކާއަށް ވަޑައިގެންފައި ވާއިރު ރަޝިއާއިން ދަނީ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ.
އިއްޔެއިން ފެށިގެން މެދުކެނޑުމެއްނެތި 10 ގަޑިއިރު ވާންދެން ރަޝިއާއިން ދިން ހަމަލާތަކަށް އިޝާރާތް ކުރައްވައި ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވީ، ރަޝިއާގެ ހަމަލާތައް ވަރުގަދަ ކުރަމުން ދާ ކަމަށާއި އެކަމުން ދޭހަވަނީ، ރަޝިއާ އޮތީ ސުލްހައަށް ބޭނުންވެގެން ނޫން ކަމަށެވެ.
މިސައިލާއި ޑްރޯން ބޭނުންކޮށްގެން ރަޝިއާއިން ޔޫކްރައިންގެ ވެރިރަށް ކީވް އަށް ދިން އެ ހަމަލާތަކުގައި 2 މީހަކު މަރުވެ 32 މީހަކު ޒަހަމްވެފައި ވެއެވެ.
އެ ހަމަލާތަކުގައި އާންމުން ދިރިއުޅޭ އުމާރާތްތަކަށް ހަކަތަ ފޯރުކޮށްދޭ ވިއުގައިގެ 40 ޕަސެންޓް ހަލާކުވެ، މި ފިނި މޫސުމުގައި ހޫނު ކުރެވޭނެ ގޮތެއް ނެތިފައި ވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
އިތުރަށް ޒެލެންސްކީ ވިދާޅުވީ، ރަޝިއާގެ ހަމަލާތަކުގައި 500 ޑްރޯނާއި 40 މިސައިލް ބޭނުން ކޮށްފައި ވާ ކަމަށެވެ.
މި ހަމަލާތަކާ ގުޅިގެން ރަޝިއާއިން ބުނީ، ހަމަލާތަކުގައި ބޭނުން ކުރީ ދުރުން އަމާޒަށް ވާސިލުވާ މިސައިލް ކަމަށާއި އަމާޒަކީ ޔޫކްރައިންގެ އަސްކަރިއްޔާގެ މަރުކަޒުތަކުގެ ބާރު ކަނޑުވާލުން ކަމަށެވެ.
ހަމަލާތަކާ ގުޅޭ ފޮޓޯތަކާއި ބައެއް ވީޑިއޯތައް އާންމުވެފައި ވާ އިރު، ފެންނަނީ ރޯވެ އަނދަމުން ދާ އިމާރާތްތަކާއި އެޕާޓުމަންޓް ބިންޑިން އެއްގެ މެދަށް މިސައިލެއް އަރާ ބޮޑު ބާގަނޑެއް ހެދިފައި ވާ މަންޒަރުތަކާއި ހަލާކުވެފައިވާ ބައެއް އިމާރާތްތަކެވެ.
ޔޫކްރައިން ހަނގުރާމަ ހުއްޓުވަން އެމެރިކާއިން 20 މާއްދާގެ ޕްލޭނެއް ހުށަހަޅާ އޭގެ މައްޗަށް އެމެރިކާ އާއި ޔޫކްރައިންގެ މަންދޫބުން މަޝްވަރާކޮށް އެއްބަސްވެފައި ވާ އިރު، އެންމެ ފަހުގެ މަޝްވަރާތަކަށް ޒެލެންސްކީ މިހާރުވަނީ އެމެރިކާއަށް ވަޑައިގެންފައެވެ.
އެމެރިކާގެ ފްލޮރިޑާއިން ޒެލެންސްކީ، ޑޮލާލްޑް ޓްރަމްޕާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައި ވާ އިރު އެމެރިކާއިން ބުނެފައި ވަނީ، ނޭޓޯ ކަހަލަ ސެކިއުރިޓީ ގެރެންޓީއެއް އެމެރިކާއިން ދޭން ތައްޔާރު ކަމަށާއި އެކަމަށް ޔޫކްރައިން ރުހެން ޖެހޭ ކަމަށެވެ.
އެމެރިކާއިން ހުށަހަޅާ ނޭޓޯ ކަހަލަ ގެރެންޓީ އަކީ، އެންމެ ޒަމާނީ ހަތިޔާރާއެކު މިސައިލާއި ޑްރޯނުން ސަލާމަތްވާނެ ނިޒާމުތައް ޔޫކްރައިންގައި ގާއިމު ކުރުމެވެ. މި އެއްބަސްވުމުގައި ނެތީ، އެމެރިކާ ސިފައިން ޔޫކްރައިންގައި ގާއިމުވެ ތިބުމެވެ.
އެމެރިކާގެ 20 މާއްދާގެ ޕްލޭނަށް ރަޝިއާއިން އެއްބަސްވެފައި ނުވާއިރު، އެގައުމުން ބުނެފައި ވަނީ، ހިފާފައި ވާ ޔޫކްރައިންގެ ބިމުގެ އެއްވެއް ތަންކޮޅެއް ދޫކޮށްލަން އެއްބަސް ވެވެން ނެތް ކަމަށާއި އެއީ ރަޝިއާގެ ތަންތަން ކަމުގައި ޔޫކްރައިން އިން އެއްބަސް ވާން ޖެހޭނެ ކަމަށެވެ. ޔޫކްރައިން ބުނަމުން ދަނީ، އެގައުމުގެ ބިމުގެ އެންމެ އިންޗިއެއްވެސް ދޫކޮށްލަން އެއްބަސް ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ