މިލިޓާއޯ އާއި ޔަމާލް އަނިޔާގައި، ވޯލްޑް ކަޕަށް ފިޓްވެދާނެ

ބްރެޒިލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ އާއި ސްޕޭނުގެ ވިންގާ ލަމީން ޔަމާލަށް އަނިޔާވެ، ފަރުވާ ކުރަން ފަށައިފި އެވެ.
ރެއާލް މެޑްރިޑަށް ކުޅޭ 28 އަހަރުގެ މިލިޓާއޯ އާއި ބާސެލޯނާ އަށް ކުޅޭ ޔަމާލަށް އަނިޔާވީ މި ދެ ކުޅުންތެރިން ކުލަބަށް އެންމެ ފަހުން އިއްޔެރޭ ކުޅުނު މެޗުގަ އެވެ. ގިނަ ރިޕޯޓްތައް ބުނާ ގޮތުން މިލިޓާއޯއަށް ދެން މި ސީޒަނުގައި ނުކުޅެވޭނެ އެވެ.
މީގެ ތެރެއިން ރެއާލް މެޑްރިޑުން ބުނީ މިލިޓާއޯގެ ފަލަމަސްގަނޑު އިރައިގެން ގޮސްފައިވާ ކަމަށާއި ނަމަވެސް ވޯލްޑް ކަޕްގައި ކުޅެވޭނެ ކަމަށެވެ. ހުސްވި ސީޒަންތަކުގައި ގާތްގާތުގައި އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހުނު މިލިޓާއޯގެ މަސްގަނޑަށް ތަދުވުން އޭނާ ބޭލީ އަލްވޭޒް އަތުން 2-1އިން ރެއާލް މޮޅުވި މެޗުގަ އެވެ.
"އަހަރުމެން ހެދި ޓެސްޓްތަކުން އެނގުނީ އޭނާގެ ވާތުފައިގެ ފަލަމަސްގަނޑަށް ތަދުވެފައިވާކަން. މިހާރު ވަނީ ފަރުވާ ފަށާފައި. އޭނާގެ ހާލަތު ދާނީ ގާތުން ބަލަމުން،" ރެއާލް މެޑްރިޑުން ނެރުނު ބަޔާނުގައިވެ އެވެ.
19 އަހަރުގެ ޔަމާލަށް އަނިޔާވީ ސެންޓަވީގޯ އަތުން ބާސެލޯނާ މޮޅުވި މެޗުގައި އޭނާ ކާމިޔާބު ކުރި ޕެނަލްޓީ އަށް ފަހު އެވެ. މި އަނިޔާގެ ސަބަބުން ޔަމާލަށް ދެން މި ސީޒަނުގައި ނުކުޅެވޭނެ އެވެ. ނަމަވެސް އޭނާ ވެސް ވޯލްޑް ކަޕަށް ފިޓްވާނެ ކަމަށް ބާސެލޯނާގެ މެޑިކަލް ޓީމުން ބުނެ އެވެ.
"އަހަރެން ވަރަށް މަސައްކަތް ކުރިން ދަނޑުމަތީގައި ހުންނަން. އެކަމަކު އަހަރެންނަށް ފަޔަށް އެއަށްވުރެ މާބޮޑަށް ތަދުވެއްޖެ. ކެތް ނުކުރެވިގެން އަހަރެން ފޭބީ،" ޔަމާލް ބުންޏެވެ.
އޭނާ އަކީ 2024 ވަނަ އަހަރުގެ ޔޫރޯ ސްޕޭނަށް ކާމިޔާބު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ