މީކާއިލްއަށް ތާއީދު ކުރައްވާ ފަލާހު އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން ތަނާޒުލްވެއްޖެ

އެމްޑީޕީގެ ޗެއާޕާސަންކަމުގެ ރޭހުގައި ވާދަ ކުރައްވާ މީކާއިލް އަހްމަދު ނަސީމްއަށް ތާއީދު ކުރައްވާ އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު، ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ފަލާހު އެ ކޮމިޓީން މިއަދު ތަނާޒުލްވެވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ފަލާހު އެ ކޮމިޓީން ތަނާޒުލްވެވަޑައިގެންނެވީ، މީކާއިލްގެ ކެމްޕެއިން ޕޯސްޓުތަކެއް ސޯޝަލް މީޑިއާގައި އޭނާ ރީޕޯސްޓް ކުރެއްވި ކަމަށް ބުނެ، ޕާޓީ ތެރެއިން ބަޔަކު މައްސަލަ ޖައްސަމުން ދަނިކޮށެވެ. އެ ޕޯސްޓުތައް ރީޕޯސްޓް ކުރެއްވި ވާހަކަ އޭނާ ދޮގު ކުރައްވަ އެވެ.
ތަފްސީލު - މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފަލާހު 'ދައުރު'އަށް ވިދާޅުވީ، އެ ކޮމިޓީން ތަނާޒުލްވެވަޑައިގަތީ "ޗެއާޕާސަން އިންތިހާބު ނިމެންދެން" ކަމަށެވެ. އަދި އެކަން ކުރަން ނިންމެވީ "މިވަގުތަށް އެކަން ކުރަން ފެންނާތީ" ކަމަށް އޭނާ ވިދާޅުވި އެވެ. 
މީކާއިލްގެ ޕޯސްޓުތައް ރީޓްވީޓް ކުރެއްވި މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ "އެއީ ދޮގު ވާހަކައެއް" ކަމަށެވެ.
"އެއީ އެ ބޭފުޅުން ހަދައިގެން އުޅޭ އެއްޗެއް. [ރީޕޯސްޓެއް] ނުކުރަން،" ފަލާހު ވިދާޅުވި  އެވެ.
އެއާ އެކު ފަލާހު ވިދާޅުވީ ދެން އޭނާ މި އިންތިހާބުގައި "ފެންނާނީ މީކާއިލްގެ ކެމްޕެއިނުން" ކަމަށެވެ. ތާނާޒުލްވެވަޑައިގެންނެވި ސަބަބަކީ އެއީތޯ އެހުމުން ފަލާހު ތަކުރާރުކޮށް ވިދާޅުވީ، އެނާ ދެން ފެނިވަޑައިގަންނަވާނީ އެ ކެމްޕެއިނުން ކަމަށެވެ.
"މީކާއިލް ކެމްޕެއިނުން ދެން ފެންނާނީ. ދެން ތިބޭފުޅުން ޖައްސަވާނެ އެއްޗެއް ޖައްސަވާ،" ތާނާޒުލްވި ސަބަބާ ގުޅޭ ގޮތުން ދެވަނަ ފަހަރަށް ސުވާލު ކުރުމުން ފަލާހު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ފަލާހު މިއަދު އިންތިހާބާ ބެހޭ ކޮމިޓީން ތަނާޒުލްވެވަޑައިގެންނެވިއިރު، އެމްޑީޕީން އިއްޔެ ވަނީ ޗެއާޕާސަން އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލާފަ އެވެ.
އަންނަ ޖޫން މަހު ބާއްވާ މި އިންތިހާބުގައި ވޯޓު ލެވޭނީ އިއްޔެގެ ނިޔަލަށް ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކަށް ކަމަށް ވެސް އިއްޔެ އެ ޕާޓީން ވަނީ ނިންމާފަ އެވެ.
ވޯޓު ލެވޭ މީހުންގެ ސުންގަޑި ކަނޑައެޅި ގޮތާ ގުޅޭ ގޮތުން ޕާޓީގެ ބައެއް ފަރާތްތަކުން ވަނީ ނުރުހުން ވެސް ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި މީކާއިލްއާ ވާދަ ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ހިމެނިވަޑައިގަންނަވަ އެވެ.
އިއްޔެއަށް ސުންގަޑި ކަނޑައެޅުމާ އެކު ޕާޓީގެ އެކި ފެކްޝަންތަކުން ވެސް މެންބަރުން ވެއްދުމުގެ މަސައްކަތް އިއްޔެ ކުރި އެވެ. އަދި އެ މަަސައްކަތުގެ ތެރެއިން އިއްޔެ އެކަނި އެ ޕާޓީއަށް 5،000އެއްހާ މީހުން ވަދެފައިވެ އެވެ. އެއާ އެކު، އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 50،000 އިން މައްޗަށް އަރާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ